Roadha Mihaaru
އެއްޗެއް ގޮވައިގެން އަނިޔާވި މީހާ އިންޑިއާއަށް ގެންދަނީ

ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައިގެން އަނިޔާވި މީހާ އިންޑިއާއަށް ގެންދަނީ

21 އޮކްޓޯބަރ 2023

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ އިންޑިއާއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ އިންޑިއާއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.

އެއާޕޯޓުގެ ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު އެ ގޮވައި ހަތަރު މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން، ހާލު ސީރިއަސްވި މީހާ ހަމަ އެ ރޭ މާލެ ގެނެސް ފަރުވާ ދޭން ފެށި އެވެ.

އެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ، ތިން ކުދިންގެ ބައްޕަގެ ކަނާއަތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އެ މީހާގެ އަތުގެ ހުޅާއި އުޅަނބޮއްޓާ ދޭތެރެ "ނެތް" ކަމަށާއި ނަމަވެސް، އަތުގެ މަސްތަކުގެ ދިރުމާއި ނާރަށް ގެއްލުމެއް ނުލިބި، އަތް ވެސް ކޮންމެ ވެސް ވަރަކަށް ހަރަކާތް ކުރާ ކަމަށް އޭނާ ބުންޏެވެ.

އަތަށް ލިބިފައި ހުރި ގެއްލުންތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ދެންމެ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއީ، އިންޑިއާއަށް ފޮނުވާލާތީ ބޮލްޓް ޖެހުމަށާއި ކުރިން އޮޕަރޭޝަން ކުރި ތަން އިންފެކްޓްވެދާނެތީ ކުރި އޮޕަރޭޝަނެކެވެ.

ނަމަވެސް، މި ފަހަރު ބޮލްޓެއް ނުޖެހުނު ކަމަށް އާއިލާއިން ބުންޏެވެ.

"އަނެއްހެން ހާލު ސްޓޭބަލް. މިއަދުގެ އަދި ފަހުގެ ވަގުތެއްގައި އެނގޭނެ ފުރާނެ އިރެއް. ހީވަނީ މާދަމާ ނޫނީ އޭގެ އަނެއް ދުވަހު ފުރަން ޖެހިދާނެހެން،" އޭނާ ބުންޏެވެ.

އާއިލާއިން ބުނީ ހާދިސާ ހިނގި ވަގުތުން ފެށިގެން ފަރުވާގެ ހުރިހާ ކަމެއްގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށެވެ. އިންޑިއާގައި ފަރުވާގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ވެސް އާއިލާ އާއެ ކު އެ ކުންފުނީގެ ދެ މުވައްޒަފަކު ދާން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.