Roadha Mihaaru
ޑްރެޖަރުގެ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީ އެއާޕޯޓު

މަހާ ޖައްރާފުން ފުރަތަމަ ހިއްކާނީ ކުޅުދުއްފުށީ އެއާޕޯޓް ހަދާ ސަރަހައްދު

16 އޮކްޓޯބަރ 2017

އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އިން އެންމެ ފުރަތަމަ ހިއްކާނީ ހދ. ކުޅުފުއްފުށީ އެއާޕޯޓު ހަދާ ސަރަހައްދު ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އިން އެންމެ ފުރަތަމަ ހިއްކާނީ ހދ. ކުޅުފުއްފުށީ އެއާޕޯޓު ހަދާ ސަރަހައްދު ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ނެދަލެންޑްސް ކުންފުންޏަކާ ހަވާލުކޮށްގެން އެމްޓީސީސީން ޗައިނާގައި ބަނދެފައިވާ މަހާ ޖައްރާފް މި މަހުގެ 30 ވަނަ ރާއްޖެ އަންނާނެ އެވެ. އެ ޑްރެޖަރު ދަތުރު ކުރާނީ ސީދާ ކުޅުދުއްފުއްޓަށެވެ.

ހަ މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެެނެރަލް ސާމީ އަގީލް އަދި އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވަނީ އިއްޔެ ސޮއިކުރައްވައިފަ އެވެ.

އެ މަސައްކަތްތައް ކުރަން އެމްޓީސީސީއަށް ހަވާލުކުރީ 53.4 މިލިއަން ރުފިޔާއަށެވެ.

ޒިޔަތު ވިދާޅުވީ 6.2 ހެކްޓަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެމްޓީސީން ކުރިން ބުނިގޮތުގައި މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މަހާ ޖައްރާފަކީ އެމްޓީސީސީން 36 މިލިޔަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި ޑްރެޖަރެކެވެ. ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީ، ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބްލް ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމައި، މިހާރު ވަނީ ހިއްސާ ދާރުންނަށް އިތުރު ހިއްސާ ގަތުމަށް ހުޅުވާ ވެސް ލާފަ އެވެ.