11 އޮކްޓޯބަރ 2023
މި ވަގުތު އޮތް ހާލަތާއި ލިބުނު ވަގުތު ކުޑަކަމަށް ބުނެ އުޒުރު ނުދައްކާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މި ވަގުތު އޮތް ހާލަތާއި ލިބުނު ވަގުތު ކުޑަކަމަށް ބުނެ އުޒުރު ނުދައްކާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޯގަސްޓް މަހު ކުރީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުން، ގައުމީ ޓީމުގެ ކޯޗުގެ މަސްއޫލިއްޔަތު އެފްއޭއެމުން ހަވާލު ކުރީ މޮރިއޭރޯގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ސުޒޭނާ އެވެ. މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ސުޒޭން ހަވާލުވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ދިވެހި ޓީމާ ހަވާލުވީ އޭނާ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން އެ މުބާރާތުގައި ރާއްޖޭން ބަންގްލަދޭޝް ބަލި ކުރި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ އިރު އޭނާ އަށް މިފަހަރު އޮތީ އުނދަގޫ ޗެލެންޖެކެވެ. އޭރު ބަންގްލަދޭޝް ބަލިކުރި ސާފް މުބާރާތަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ބޭރުގެ ޓްރޭނިން ކޭމްޕް ވެސް އެފްއޭއެމުން ފޯރުކޮށް ދިނެވެ.
އެކަމަކު މިފަހަރު ބަންގްލަދޭޝާ ދެކޮޅަށް ތައްޔާރު ވާން އެރު އޮތް ފުރުސަތުތަކެއް އޭނާ އަށް މިފަހަރު ނުލިބުނެވެ. މުޅި ޓީމު ހަމަވެގެން ޕްރެކްޓިސް ކުރަން 10 ދުވަސް ވެސް އޭނާ އަށް ނުލިބެ އެވެ. ނަމަވެސް އޭނާ ބުނީ މިވަގުތުގައި އޮތް ހާލަތާ މެދު އެއް ވެސް ޝަކުވާއެއް ނެތް ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ޓީމުގެ ޕްރެކްޓިހުގައި ކުޅުންތެރިންނަށް އިރުޝާދު ދެނީ: ލިބުނު ފުރުސަތުގެ ތެރެއިން ޓީމު ތައްޔާރީތަކާ މެދު އޭނާ ހިތްހަމަޖެހޭ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރީގެ ކޯޗު މާޓިން ކޫޕްމަން މަގާމުން ވަކި ކުރުމުން ގައުމީ ޓީމާ އޭރު ވެސް ހަވާލުވި ސުޒޭން ބުނީ ބިދޭސީ ކޯޗެއްގެ އަތް މަތިން ފުރޮޅިގެން ގޮސް ދިވެހި ކޯޗަކާ ގައުމީ ޓީމު ހަވާލުވަނީ އެންމެ އުނދަގޫ ހާލަތުގެތެރޭގައި ކަމަށެވެ.
"އާންމުކޮށް އަޅުގަނޑުމެންގެ ރާއްޖެ އަންނަ ބޭރު ކޯޗުންގެ ފަރާތުން ފެންނަނީ އުޒުރުތަކަކާ އެއްކޮށް ވަރަށް ގިނަ ވާހަކަތަކެއް ދައްކާތަން ތައްޔާރުވާން ވަގުތު ނެތްކަމާ، ދެން އޭނާ އެޑްވާންސްކޮށް ސަވައިވަލް އަށް ބޮޑެތި އުޒުރުތަކެއް ނެރޭތަން،" ސުޒޭން ބުންޏެވެ.
"އެހެން ނަމަވެސް މި ލިބުނު ވަގުތާއި މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑު އެޔަކަށް އެއް ވެސް ޝަކުވާއެއް ނެތް. ބަންގްލަދޭޝްއާ ކުޅެ ރަނގަޅު ނަތީޖާއެއް ނެރެން ޓީމު އޮތީ ތައްޔާރަށް ކަމާ މެދު އަޅުގަނޑުގެ އެއް ވެސް ޝައްކެއް ނުކުރަން."
ގައުމީ ޓީމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ބޮޑު ބައެއް ނިސްބަތް ވަނީ މާޒިޔާ އަށެވެ. ގައުމީ ޓީމުގެ ތައްޔާރީތަކުގައި މާޒިޔާއިން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ބަރޯސާވާނެ ކަމަށް ސުޒޭން ބުންޏެވެ.
އޭނާ ބުނީ މިފަހުން ރާއްޖެ އައި އެންމެ މޮޅު ކޯޗު، މާޒިޔާގެ މިލޯމިރް ސެސިލިއާ (މިލޯ) އަކީ ކުޅުންތެރިންގެ ކޮންފިޑެންސް އެންމެ ބޮޑަށް ބިނާ ކުރެވުނު ކޯޗު ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭނާއި މާޒިޔާގެ މިޑްފީލްޑާ ހުސައިން ނިހާން: ސުޒޭން ބުނީ މާޒިޔާގެ ތައްޔާރީތައް އެއީ ގައުމީ ޓީމަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ގޭމްގައ އަދި ނަތީޖާތަކުގައި ވެސް ބިދޭސީ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. އެކަމަކު ސުޒޭން ބުނީ އެ ޓީމުގެ ފުރަތަމަ 11 ގައި ހަތަރުވަރަކަށް ދިވެހި ކުޅުންތެރިން ކުޅުނަސް، މިލޯގެ ޓްރޭނިންތަކުގެ ސަބަބުން ދެން ތިބި ކުޅުންތެރިންގެ ފަރާތުން ވެސް ޕޮޒިޓިވް ގިނަ ކަންތައްތަކެއް ގައުމީ ޓީމުގެ ޓްރޭނިންގައި ފެނުނު ކަމަށެވެ.
"މާޒިޔާގެ އޭއެފްސީ ކަޕްގެ ތައްޔާރީތައް އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް މިފަހަރު ނެޝަނަލް ޓީމަށް ލިބުން. އެއީ މާޒިޔާގެ އޭއެފްސީ ކަޕްގެ ތައްޔާރުވުން ރަނގަޅުކަން އެނގެނީ މޯހަން ބަގާން އޭގެ އިތުރުން މިކޮޅުގައި [މާލޭގައި] ބަޝުންދަރާއާ ކުޅުނު ދެ މެޗަށް ބަލާއިރު ހަމަ ހިތްހަމަޖެހޭ ކުޅުމެއް ފެނުނު،" ކުރިން މާޒިޔާ އަށް ވެސް ކޯޗުކޮށް ދިން ސުޒޭން ބުންޏެވެ.
"ދެން (މާޒިޔާގެ) އެ ނަތީޖާ އާއި ހުރިހާ ކަމަކަށް ބަލާފައި (ގައުމީ ޓީމަށް) ރަނގަޅު ޕްރިޕަރޭޝަނެއް ހެދޭނެކަމަށް ބެލީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ފުރަތަމަ ދެތިން ޕްރެކްޓިސް އަށް ފަހު އެ ކޮންފިޑެންސް ލިބިގެން ހިނގައްޖެ ގައިމު ވެސް."
ޖޫން، ޖުލައިގައި އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އޭރު އެސިސްޓެންޓް ކޯޗަކަށް ހުރި ސުޒޭން ބުނީ އެ މެޗަށް ވުރެ މާގިނަ ޕޮޒިޓިވްކަން ރާއްޖޭގެ ޓީމުގެ ފަރާތުން މާދަމާ ފެންނާނެ ކަމަށެވެ. އެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ޕެނިކްވުން ކަމަށް ސުޒޭން ބުންޏެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ. މެޗުގެ ޓިކެޓް ދަނޑުން މިރޭ ވިއްކަން ފަށާނެ ކަމަށް އެފްއޭއެމުން ބުންޏެވެ. މެޗުގެ ޓިކެޓް ވިއްކަނީ 100ރ. އަދި 50ރ. އަށެވެ.
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
އަހްނަފަށް ދިފާއީ މަގާމު ދޭން ސުޒޭން ޖެހިލުމެއްނުވޭ