Roadha Mihaaru

ލިޔެކިޔުންތައް ބަލައި ތިލަމާލެ ބްރިޖު އަވަހަށް ނިންމައިދޭނަން: މުއިއްޒު

09 އޮކްޓޯބަރ 2023

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖު މަޝްރޫއު ގޮސްފައި އޮތް ހިސާބެއް އިންތިގާލީ މަރުހަލާގެ ތެރޭގައި ބަލައި، އެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖު މަޝްރޫއު ގޮސްފައި އޮތް ހިސާބެއް އިންތިގާލީ މަރުހަލާގެ ތެރޭގައި ބަލައި، އެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ މަޝްރޫއުގެ ތަފުސީލު އަދި އެނގިވަޑައިނުގަންނަވާތީ އެ މަސައްކަތް ނިމޭނެ ދުވަހެއް ވިދާޅުވާން ދަތި ކަމަށެވެ. އެ މަސައްކަތް ލަސްވަނީ ކޮންމެވެސް ކަހަލަ މައްސަލައެއް އުޅޭތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކަން ހިނގާފައި އޮތްގޮތް ތަފުސީލުކޮށް ބަލައިފައި، ސީދާ ޓައިމްލައިނެއް ހެދޭނީ. އަދި އެ ކޮންޓްރެކްޓަރާ އެކީގައި ވެސް އިށީންނަން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ހަ ކިލޯމީޓަރުގެ އެ ބްރިޖުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދާ ނަމަ، 3-4 އަހަރުގެ ތެރޭގައި ނިންމާލެވޭނެ އެވެ.

އިންތިހާބީ ރައީސް މުއިއްޒު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންތިހާބީ ރައީސް މުއިއްޒު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މިހާރު އެ ދިޔަ ބައި [ކުރި މަސައްކަތް] ފެނުނީމަ އަޅުގަނޑަށް އެނގޭނީ، އަޅުގަނޑު މި ބަލަނީ އެއްވެސް ކަމެއް ނުހިނގާ ކަމަށް. މި ދެންނެވީ ކަނޑުގައި. އެއްގަމުގައި ކޮންމެވެސް ވަރެއް މަސައްކަތް ފެނިފައި އެބަހުރި ފޮޓޯތަކުން،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ ފެނޭ، ކަނޑުގައި ޖަހާފައި ހުރި ބައެއް ހޮޅިތައް، ދަގަނޑު ބައިތައް. އަޅުގަނޑަކަށް އެހާ ކޮންވިންސިންއެއް ނޫން އޭޒް އޭން އިންޖީނިއާ. އެހެންވީމާ ފަހަރެއްގައި މުޅި އެތި ނަގަން ވެސް ޖެހިދާނެ. ނަގާފައި ރަނގަޅު އާ ތަނބުތަކެއް ވެސް ޖަހަން ޖެހިދާނެ."

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ ތިލަމާލެ ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވެސް މި އަހަރުގެ ކުރީކޮޅު ނަގާފައިވެ އެވެ.

އެ ޕްރޮޖެކްޓު ނިންމަން މި ސަރުކާރު އެކި ތާރީހުތައް ދެމުން އައިސް، ދައުރު ނިމޭއިރު ވެސް އެ މަސައްކަތް ނިންމާ ނުލެވޭތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. މުއިއްޒުގެ ކެމްޕެއިންގައި ވެސް އެ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެ މަސައްކަތް ނިންމާނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.