Roadha Mihaaru
މުއިއްޒު ދެއްކެވީ މަޝްރޫއުތައް ނުހިނގާ ކަމުގެ ހެކި

މުއިއްޒަށް ފެނިވަޑައިގަތީ މަޝްރޫއުތައް ނުހިނގާ ކަމުގެ ހެކި

19 ސެޕްޓެމްބަރ 2023

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވިޔަސް މާލެ އާއި ރަށްރަށުން ފެންނަނީ އެ މަންޒަރު ނޫން ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވިޔަސް މާލެ އާއި ރަށްރަށުން ފެންނަނީ އެ މަންޒަރު ނޫން ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅުގައި ޖަގަހައެއް ހުޅުވަން ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓު ވެސް، ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ނިންމާ ނުލެވުނު ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކަން ކުރި ގޮތް ފެންނަ އެ އޮތީ. އެގޮތަށޭ ތަރައްގީ ގެންނާނީ އަޅުގަނޑު ހޮވައިފި ނަމަ: ޑރ. މުއިއްޒު

މި ސަރުކާރުން ރަށްރަށުގައި ހިންގާ ކުދިކުދި މަޝްރޫއުތައް ވެސް އޮތީ ހަމަ އެ ހާލުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިއްޔެ ނޫން ކުރީ ދުވަހު ދިޔަ ރަށެއްގައި ނަރުދަމާގެ މަޝްރޫއު ހިނގާތާ ހަތަރު އަހަރު. ހޮޅިތައް ހުރީ މަގުމަތީގައި، އަރިމަތީގައި އަދި ވަޅެއް ނުލާ. ހަތަރު އަހަރުވީ. މިހެން ހުރިހާ ރަށެއްގައި މިކަން ހުރީ،" ދެވަނަ ބުރުގެ ކެމްޕެއިނަށް އެކި ރަށްރަށަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވި އެވެ.

މަޝްރޫއުތައް ނުހިނގާތީ، މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާއިރު، އެމްޑީޕީގެ މެމްބަރުން ވެސް އެ ކަންކަމާ މެދު ވިސްނުމަށް މުއިއްޒު އެދިވަޑައިގަތެވެ.

ޑރ. މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ށ. އަތޮޅުގެ ރަށެއްގައި ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ށ. އަތޮޅުގެ ރަށެއްގައި ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިއީ އަޅުގަނޑަށް ފެނުނު ތަންތަން. ހެލްތު ސެންޓަރު ހަދަން ފަށާފައި ހުއްޓާލާފައި. އަހާލީމަ މި ވާ ގޮތަކީ ދައުރުގެ ކުރީކޮޅު ފެށީ، ފަށައިގެން ކޮންޓްރެކްޓަރު އަރާފައި ކޮންމެ ވެސް ވަރަކަށް މޮބިލައިޒްވެލާފައި އެޑްވާންސް ޕޭމަންޓް ނަގަނީ. ދެން އެ ގެއްލުނީ ކޮންޓްރެކްޓަރު. ދެން ހިނގައިދާނެ އަހަރެއް ދޮޅު އަހަރު، ދެން އެ މަޝްރޫއު އަވަސްކުރަނީ އެހެން ބަޔަކާ ހަވާލުކޮށްގެން. ދެން އަނެއްކާ އޭނާ ވެސް އެޑްވާންސް ޕޭމަންޓް ނަގާފައި ކުޑަކުޑަކޮށް މަސައްކަތް ކޮށްލާއި އެ މީހުން ވެސް ގެއްލެނީ،" މުއިއްޒު ވިދާޅުވި އެވެ.

"އިއްޔެ ދިޔަ ރަށެއްގައި ސްކޫލެއްގެ އެކްސްޓެންޝަނަށް ހަދާ މަލްޓިޕާޕޯސް ހޯލެއްގައި ހުސް ތަނބު ހުރީ. ހަތަރު އަހަރު ވެއްޖެ މަޝްރޫއު ހިނގާތާ. ހަތަރު އަހަރުން ތަނބު އެކަނި ޖަހާލެވުނީ."

މުއިއްޒު ވިދާޅުވި ގޮތުގައި، ސިޔާސީ ފިކުރު އެއް ފަރާތް ކޮށްފައި ތަރައްގީއާ މެދުގައި ވިސްނާ ނަމަ ދިވެހިންނަށް އޮތީ ދެ އިހުތިޔާރެކެވެ. އެއީ މަޝްރޫއުތައް ހިންގާނެ ކަމުގެ ޔަގީންކަން އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގެނައުން ނުވަތަ މަޝްރޫއުތައް ނުހިންގޭ މި ސަރުކާރަށް އަނެއްކާވެސް އެ ފުރުސަތު ދިނުމެވެ.

"ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކަން ކުރި ގޮތް ފެންނަ އެ އޮތީ. އެގޮތަށޭ ތަރައްގީ ގެންނާނީ އަޅުގަނޑު ހޮވައިފި ނަމަ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެއް ވިއްޔާ ނިންމައި، ވީ ވައުދެއް ވިއްޔާ ފުއްދައި، ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން އެބަހުރި ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ވެސް އެކަން އޮންނާނީ އެހެން ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.