Roadha Mihaaru
ރާއްޖެ އޮންނާނީ ފަލަސްތީނާއެކު: ސަރުކާރު

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު: ސަރުކާރު

07 އޮކްޓޯބަރ 2023

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މިއަދު ދޭން ފެށި ކުއްލި ހަމަލާތަކާ އެކު، އޭގެ ރައްދުގައި އިޒްރޭލުން ވެސް ހަމަލާ ބަދަލުކުރަން ވަނީ ފަށައިފަ އެވެ. މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުންދަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށް ގަބޫލުކުރާ ކުރުން ވެސް ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ދާއިމީ ހައްލެއް ލިބެން އޮތީ "ޓޫ ސްޓޭޓް" ވުޖޫދަށް ގެނެސް، 1967 ގައި ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ހަމާސް އިން އިޒްރޭލަށް ދިން އެންމެ ވަރުގަދައެއް ހަމަލާއެވެ.