Roadha Mihaaru

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހުއްޓުވަން މަސައްކަތްނުކުރާތީ ރާއްޖޭގެ ކަންބޮޑުވުން

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން، އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ރާއްޖޭން ފާޅުކޮށްފި އެވެ.

އިޒްރޭލުގެ އަމަލުތައް ނުހުއްޓުވާތީ ރާއްޖޭގެ ކަންބޮޑުވުން

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން، އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ރާއްޖޭން ފާޅުކޮށްފި އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ސައުދީގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދެއްވި ތަގުރީރުގައި، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިޒްރޭލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.

އަދި މުޅި ޣައްޒާ، އިޒްރޭލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަކީ، ޣައްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ފޭބުމަށް މަޖުބޫރުކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއްކަމުގައި ހަލީލް ފާހަގަކުރެއްވި އެވެ.

ހަލީލް ވަނީ އިޒްރޭލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ނުވާކަން ފާހަގަކުރައްވައި، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އެހީ ފޯރުކޮށްދިނުމަށް އޭނާ ގޮވާލެއްވި އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގު ހޯދައިދިނުމަށް ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމުގައި ވިދާޅުވި އެވެ.

އަދި ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އަދި މި މަގުސަދު ހާސިލްކުރުމަށް އޯއައިސީގެ ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށްވެސް ހަލީލް ވަނީ ގޮވާލައްވާފަ އެވެ.

އޯއައިސީގެ މި ބައްދަލުވުގެ މައިގަނޑު މަގުސަދަކީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސްއަޅައި، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި އަދި އިޒްރޭލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމެވެ.