Roadha Mihaaru

އިތުރު ދާއިރާތަކުން ރާއްޖެ އާއި ކުވެއިތުގެ ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި ކުވޭތާ ދެމެދު އޮތް ގާތް ގުޅުން އެހެން ދާއިރާތަކަށް ފުޅާކުރުމާ ގުޅޭގޮތުން، ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިހް ފަހަދު ޔޫސުފު ސައުދު އަލް ސަބާ އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަޝްވަރާކުރައްވައިފި އެވެ.

ކުވޭތު އާއެކު ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި ކުވޭތާ ދެމެދު އޮތް ގާތް ގުޅުން އެހެން ދާއިރާތަކަށް ފުޅާކުރުމާ ގުޅޭގޮތުން، ކުވޭތުގެ ވަގުތީ ބޮޑުވަޒީރު އަދި އިންޓީރިއާ މިނިސްޓަރު ޝެއިހް ފަހަދު ޔޫސުފު ސައުދު އަލް ސަބާ އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަޝްވަރާކުރައްވައިފި އެވެ.

ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަތަކަށް ހަލީލް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ކުވޭތުގެ ވަގުތީ ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެ ގައުމުގެ އިސްވެރިންނަށް ހަލީލް ޝުކުރު އަދާކުރެއްވި އެވެ.

ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމަށްފަހު ހަލީލް ވަނީ ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާ އާ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ހަލީލު، ކުވޭތުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރެއްވި ކަމަށެވެ.

"އަދި މީގެ އިތުރުންވެސް ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެއްވުމަށް އޮތް އަޒުމް ދެ ވަޒީރުންގެ މަޝްވަރާތަކުން ހާމަވެގެންދިޔަ އެވެ،" މިނިސްޓްރީން ބުންޏެވެ.

ހަލީލްގެ މި ދަތުރުގައި، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.