Roadha Mihaaru

ގައުމުތަކުގެ ގުޅުމަށް ބުރޫއަރާފަދަ ވާހަކަތައް މީޑިއާތަކުން ދެއްކުމަކީ ގައުމަށް ދެވޭ ހަމަލާއެއް: ހަލީލް

މީޑިއާތަކުން މައުލޫމާތު ފަތުރާއިރު އެހެން ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެއީ ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސިފަކުރައްވައިފި އެވެ.

ގައުމުތަކުގެ ގުޅުމަށް ބުރޫއަރާކަންކަން ނުކުރޭ: ހަލީލް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ޖުލައި 2025

މީޑިއާތަކުން މައުލޫމާތު ފަތުރާއިރު އެހެން ގައުމުތަކާ އެކު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެއީ ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސިފަކުރައްވައިފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މީޑިއާތަކުން ވާހަކަތައް ގެނެސްދޭއިރު ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މައުލޫމާތެއް ފޯރުކޮށްދޭއިރު އެ މައުލޫމާތެއްގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ބުރޫއަރާނެ ފަދަ ހާލަތެއް އޮތް ނަމަ، އެ ވާހަކައެއް ނުދައްކާ ބާއްވަން ޖެހޭ ކަމަށެވެ.

އެކަމަކު ރާއްޖޭގެ ހިންގުމުގައި އެކުރާ ދަތުރުގައި ފެނިވަޑައިގަތީ ގައުމުތަކާ އެކު އޮންނަ ގުޅުންތައް ހީނަރުވާ ފަދަ މައުލޫމާތު ވެސް މީޑިއާތަކުން ފޯރުކޮށްދިން މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނޫނިއްޔާ ސިޔާދަތީ ކަންތައްތަކަށް ބުރޫއަރާ ޒާތުގެ ވާހަކައެއް ވިއްޔާ އެ ވާހަކައެއް ޖެހޭނެ އަޅުގަނޑުމެންގެ އަމިއްލަ ގައުމަށްޓަކާ އަޅުގަނޑުމެންގެ ނަފްސަށްޓަކާ ބާއްވާލަން،" އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެފަދަ ވާހަކަތައް މީޑިއާތަކުން ގެނެސްދޭ ނަމަ، އެ ދެވެނީ ގައުމަށް ހަމަލާއެއް ކަމަށާއި އެއީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ހަލީލް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތުން ބޭރުގެ ގައުމަކާ ގުޅުވާފައި ޖަހާފައި އޮތް ހެޑްލައިނެއްގެ ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހެޑްލައިންތަކުގެ ސަބަބުން ރާއްޖެއާ މެދު އެހެން ގައުމުތަކުން އޮންނަ ޝައުގުވެރިކަމަށް ބުރޫއަރަ އެވެ.

އެފަދަ އަމަލުތަކަކީ އަމިއްލަ އަތުގައި އޮންނަ ފުރޮއަކުން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ.

"މި ޒާތުގެ ކަންކަން ކުރާ ނަމަ، ރާއްޖެއާ ދޭތެރޭގައި އެކިއެކި ފަރާތްތަކުން އޮންނަ ޝައުގުވެރިކަމަށް އެބަ ބުރޫއަރާ. ކޮށްގެން ނުވާނެ އެކަމެއް. އެއީ އަމިއްލަ އަތުގައި އޮންނަ ފުރޮއިން ފައިގައި ޖެހުން ކަހަލަ ކަމެއް މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ފޯރުކޮށްދޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވަމުން ހަލީލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަންވާނީ ބޭރު ގައުމުތަކަށް ގޮސް ރާއްޖެ ތަމްސީލުކުރާ ވަގުތުގައި ވެސް ޕޮޒިޓިވް ކަންކަން ފެތުރުމަށް ކަމަށެެވެ. އެފަދަ ދަތުރުތަކުގައި އެ ގައުމުތަކަށް ދައުވަތުދީ ރާއްޖެ އައިސް ކަންކަން ދިރާސާ ކުރުމާއި ކަންކަން ރަނގަޅުކުރުމަށް އެހީވުމަށް ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކަށް ދިވެހިން ގޮސް، ރާއްޖެއާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުން ވެސް ރާއްޖެއަށް ގެއްލުންވަމުންދާ ކަމަށެވެ.

އެހެންވެ ހަލީލް ސުވާލު އުފެއްދެވީ ގައުމު ހިންގުމުގައި ނެތް ވަގުތެއްގައި އެފަދަ ކަންކަން ކުރާ ނަމަ، އެ ފަރާތްތަކުން ކުރާ ނަމަ، އެމީހުންގެ ހިތުގައި ރާއްޖެއާ މެދު ހަމަ ހަގީގަތުގައި ވެސް ލޯބި އޮތްތޯ އެވެ.

ހަލީލް ވިދާޅުވީ ގައުމިއްޔަތު ފެށިގެން އަންނަނީ އެ މީހަކާ ހިސާބުން ކަމަށް ވިސްނައި، ގައުމިއްޔަތު ދިރުވުމުގައި މަސައްކަތްކުރުމަށެވެ.