Roadha Mihaaru

މޯލްޓާއާ އެކު އިންވެސްޓުމަންޓު، ވިޔަފާރި އިތުރުކުރަން ފުޅާ މަޝްވަރާތަކެއް

ރާއްޖެ އާއި މޯލްޓާ ގުޅިގެން ގިނަ ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

މޯލްޓާ އާއެކު އިންވެސްޓުމަންޓު، ވިޔަފާރި ފުޅާކުރަނީ

ރާއްޖެ އާއި މޯލްޓާ ގުޅިގެން ގިނަ ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

މޯލްޓާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ހަލީލް ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މޯލްޓާ އަކީ ރާއްޖެއާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި ހަލީލްގެ މި ދަތުރަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެ އާއި މޯލްޓާއާ ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ގިނަ ދާއިރާތަކާ ގުޅޭގޮތުން ވެސް ހަލީލާއި އިއަން ބޯގް މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރު ހަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ހަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

އެ މިނިސްޓްރީން ބުނި ގޮތުގައި، އިއާދަކުރަނިވި ހަކަތަ އާއި ތިމާވެށި، ވިޔަފާރީގެ ފުރުސަތުތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މީގެއިތުރުން، ޓޫރިޒަމާއި މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ވަރުގަދަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ހަލީލާއި އިއަން ބޯގްއާ އަލިއަޅުއްވާލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަލީލްގެ މި ދަތުރުގައި، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އިތުރުން، ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.