Roadha Mihaaru
އެމްޑީޕީން ވެސް އެމްއާރުއެމާ މަޝްވަރާކޮށްފި

ކޯލިޝަން ހަދަން އެމްޑީޕީން ވެސް އެމްއާރުއެމާ މަޝްވަރާކޮށްފި

14 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހަދަން އެމްޑީޕީން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އެމްއާރުއެމާ ރޭ މަޝްވަރާ ކޮށްފި އެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހަދަން އެމްޑީޕީން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އެމްއާރުއެމާ ރޭ މަޝްވަރާ ކޮށްފި އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ރައީސް އަަދި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 2،979 އާ އެކު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލެއްވި އަހުމަދު ފާރިސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތައް އެމްޑީޕީއާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި އަދުލު އިންސާފާއި ހަމަހަމަކަން އިތުރު ކުރުމަށާއި ގައުމީ އެއްބައިވަންތަކަން އަދި އެއްބައިވަންތަކަން ގާއިމްކުރުމަށް އެ ސިޔާސަތުތަކަކީ މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އިސްވެ ބައިވެރިވެވަޑައިގަތީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަރު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމްއާރުއެމުންގެ ފަރާތުން އިސްވެ ހުންނެވީ އެ ޕާޓީގެ ނައިބު ރައީސް އާމިނަތު ނާދިރާ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސްއާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީގެ ޓީމަކުން ވެސް އިއްޔެ މަޝްވަރާތަކެއް ކުރި އެވެ. ދެ ބައްދަލުވުމުގަިއ ވެސް ފާރިސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ފާރިސް ވިދާޅުވި ގޮތުގައި، ކޯލިޝަން ހަދާނީ އޭނާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކާ އެކު އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވެސް އެމްޑީޕީން އެމްއާރްއެމަށް ކޯލިޝަންގެ ދައުވަތު ދިނެވެ. އެކަމަކު، މިހާރު ވެސް ސަރުކާރުގެ ކޯލިޝަން ތެރޭގައި އޮތް އެމްއާރްއެމުން ނިންމީ ފާރިސް އިންތިހާބަށް އަމިއްލަ ގޮތުން ނެރުމަށެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ލައްކައަކަށް ވުރެ ގިނަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިހާތަނަށް ދެވަނަ ބުރަށް ކޯލިޝަން ހަދާފައިވަނީ އިންތިހާބުގައި ވާދަކުރި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް އެކަންޏެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތު ވެސް ލިބިފައިވަނިކޮށް ނާޒިމް ކޯލިޝަން ހެއްދެވީ މުއިއްޒާ އެކު އެވެ.

"ދަ ޑިމޮކްރެޓްސް" އަދި ޖުމްހޫރީ ޕާޓީއާ އެކު ވެސް ކޯލިޝަން މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒު ވެސް ގެންދަވަނީ ކުރިއަށެވެ.