Roadha Mihaaru
ބްރައިޓަން ހޯދި ކުރިއެރުމާ އެކު އޯނަރު އުފަލުން

ބްރައިޓަން ހޯދި ކުރިއެރުމާ އެކު އޯނަރު އުފަލުން

14 ސެޕްޓެމްބަރ 2023

ބްރައިޓަން (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ބްރައިޓަންގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފުޓްބޯޅަ ކުޅެން މި ސީޒަންގައި ތައްޔާރު ވަމުން އަންނައިރު، ޓީމަށް ލިބިފައިވާ ކުރިއެރުންތަކާ މެދު ފަހުރުވެރި ވާކަމަށް އެ ކްލަބްގެ އޯނަރު ޓޮނީ ބްލޫމް ވިދާޅުވެއްޖެ އެވެ.

ބްރައިޓަން (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ބްރައިޓަންގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފުޓްބޯޅަ ކުޅެން މި ސީޒަންގައި ތައްޔާރު ވަމުން އަންނައިރު، ޓީމަށް ލިބިފައިވާ ކުރިއެރުންތަކާ މެދު ފަހުރުވެރި ވާކަމަށް އެ ކްލަބްގެ އޯނަރު ޓޮނީ ބްލޫމް ވިދާޅުވެއްޖެ އެވެ.

ބްލޫމް، ބްރައިޓަން ގަތީ 2009 ވަނަ އަހަރު އެވެ. އޭރު ތިންވަނަ ޑިވިޝަނުގައި އޮތް ކްލަބް ވަނީ 2011 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދައި އިނގިރޭސި ޗެމްޕިއަންޝިޕަށް ޕްރޮމޯޓް ވެފަ އެވެ. އަދި ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދައިގެން 2017 ވަނަ އަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ގޮތަށް އެޓީމު އަދި ނުވެއްޓެ އެވެ. ސީޒަނަކަށް ފަހު ސީޒަނެއް އަންނަނީ ކުރިއެރުން ހޯދަމުންނެވެ.

މިދިޔަ ސީޒަނަކީ އެޓީމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ސީޒަނެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ހަވަނައިގައި ނިންމައި އެޓީމުން މިވަނީ މި ސީޒަންގެ ޔޫރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ. ޔޫރޮޕާ ލީގުގައި ބްރައިޓަން ލައްވާލީ، ކުރިން މުބާރާތް ކާމިޔާބު ކޮށްފައިވާ ފްރާންސްގެ މާސޭ އާއި ނެދަލެންޑްސްގެ އަޔެކްސް އަދި ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ވެސް ހުރި ގްރީސްގެ ޗެމްޕިއަން އޭއީކޭ އެތެންސްއާ އެއް ގުރޫޕެއްގަ އެވެ.

"ޔޫރަޕް މުބާރާތެއް އަހަރެމެން ފުރަތަމަ ފަހަރަށް ކުޅޭއިރު ސަޕޯޓަރުން ވީހާވެސް ބޮޑަށް އުފާކުރާށޭ. އުންމީދަކީ ކުޅުންތެރިން، ސަޕޯޓަރުން އުފާކޮށް މަޖާ ކޮށްލާނެ ފަދަ ވަގުތުކޮޅުތަކެއް ގެނެސްދިނުން. ޕްރިމިއާ ލީގާއި ޔޫރަޕްގައި ވެސް،" ބްލޫމް ވިދާޅުވި އެވެ.

ޗެލްސީން ޕޮޓާ ގަންނަން ހުށަހެޅުމުން ވެސް ހާހެއް ނެތް

ބްލޫމް ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން، މިދިޔަ ސީޒަން ތެރޭން ޗެލްސީން އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ގަންނަން އައުމުން ވެސް، ކްލަބްގެ ލެޖެންޑަރީ ޕްލޭނިން އާއެކު ތިބީ ރިއެކްތް ކުރެވޭ ހާލަތެއްގައި ކަމަށެވެ.

ބްރައިޓަން އަށް އިރުޝާދުދޭ ކޯޗު ޑި ޒެބްރީ.-- ފޮޓޯ: ބްރައިޓަން

ބްރައިޓަން އަށް އިރުޝާދުދޭ ކޯޗު ޑި ޒެބްރީ.-- ފޮޓޯ: ބްރައިޓަން

ރަޝިއާ އިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމުން އިޓަލީގެ ރޮބާޓޯ ޑި ޒެބްރީ ހުރީ ޔޫކްރޭންގެ ޝަކްތާ ޑޮނެސްކު ދޫކޮށްލައި ޗުއްޓީއެއްގަ އެވެ. ޝަކްތާ އާ ގުޅުމުގެ ކުރިން އޭނާ ވަނީ އިޓަލީ ލީގުގެ ސަސުއޯލޯ އާއެކު ވިދިވިދިގެން ދެ ފަހަރު މަތިން ލީގު އަށްވަނަ ހޯދައިފަ އެވެ.

"އޭނާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރި. ވަރަށް ތަފްސީލުކޮށް އޭނާގެ ޓްރެކް ރެކޯޑްގެ ތަފްސީލަށް ބަލައިލުމުން އެކަން ސާފު ވާނެ. އެކަމު ޓީމަށް މިހާ ބޮޑު އިމްޕެކްޓެއް ގެނުވައިފާނެ ކަމަށް އަހަރެން އުންމީދު ކޮށްގެނެއް ނޫން ހުރީ. އޭނާއަކީ ނުފޫޒު ގަދަ، ކުޅުންތެރިން އިހުރިރާމު ކުރާ ކޯޗެއް، އޭނާ އަންނަނީ ބައިވަރު ކުޅުންތެރިންނަށް ކުރިއެރުން ހޯދައިދެމުން،" ޑި ޒެބްރީއާ ގުޅޭގޮތުން ބްލޫމް ބުންޏެވެ.

"އޭނާ ކުޅުވާ ކޮލިޓީއާ، ޓެކްނިކަލް ކަންތަކުގެ އިތުރުން، ކުޅުންތެރިންނަށް ރަނގަޅު ވަގުތުގައި ފުރުސަތު ހޯދައިދީ ބައިވަރު ރިސުކް ނަގައިގެން އޭނާ ކުރިއަށް ގެންދަނީ. އޭނާ އަންނަނީ ހުރިހާ ކުޅުންތެރިންނަށް ވެސް އެންމެ މޮޅަށް ކުޅެން ހިތްވަރު ދެމުން. އޭނާ އަކީ އަހަރެމެންނަށް ލިބުނު ބޮޑު ނަސީބެއް. ގިނަ ދުވަހަށް މި ކަން ދެމިއޮންނާނެ ކަމަށް އުންމީދު ކުރަން."

ފަހު ވަގުތު ދަމައިގަތީ ބާސާގައި މެސީގެ މަގާމު ފުރާނެ ކަމަށް ބެލެވުނު ފާޓީ

ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުގައި ބްރައިޓަން ކުޅޭނީ އެތެންސްއާ ދެކޮޅަށެވެ. އެ މެޗަކީ މި ޓްރާންސްފާ ބާޒާރުގައި ލޯނު އުސޫލުން ބާސެލޯނާއިން ގެނައި ވިންގާ އަންސޫ ފާޓީ، ކްލަބް ސަޕޯޓަރުން ކުރިމަތީ ކުޅޭނެ ފުރަތަމަ މެޗަށް ވުން ގާތެވެ.

ލިއޮނެލް މެސީ، ބާސެލޯނާ ދޫކޮށް 2021 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުމާ ގުޅިގެން ބާސާގެ 10 ނަމްބަރު ޖޯޒީގައި ކުޅެނީ ފާޓީ އެވެ. މެސީ އަށް ފަހު އެ ކްލަބުގައި އެންމެ ވިދުން ގަދަ ވާނެ ކަމަށް ބެލެވުނު ކުޅުންތެރިއަކީ ފާޓީ އެވެ. ނަމަވެސް ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މިދިޔަ ސީޒަން ހޭދަކުރަން ޖެހުނީ ކުޅުމާ ދުރުގަ އެވެ.

"ޓްރާންސްފާ ބާޒާރު ނިމެން ވަރަށް ގާތްވި ފަހުން އަހަރެމެން ފާޓީގެ ވާހަކަ ދައްކަން ފެށީ. ޑި ޒެބްރީ އަށް އެ ހިޔާލު ވަރަށް ކަމުދިޔައީމައި އަހަރެން ވެސް ވަރަށް އުފާވި،" ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅޭ ފާޓީ ގެންނަން ކްލަބުން ކުރި މަޝްވަރާއާ ގުޅޭގޮތުން ބްލޫމް ބުންޏެވެ.

"އަހަރެމެން ޑީލް ނިންމީ ވަރަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް. އެއީ ކްލަބުން ކުރި ވަރަށް ރަނގަޅު ކަމެއް. އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ގޮތުގައި ބެލެވެން ފެށި ފަހުން އަދި މާ ގިނަ ދުވަހެއް ނުވޭ."