Roadha Mihaaru
އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި

07 ސެޕްޓެމްބަރ 2023

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި އެވެ.

މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ގްރެޖުއޭޓުވި 18 ދަރިވަރަކަށް ކޮމާޝަލް ޕައިލެޓް ލައިސަންސާއި ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. މި ދަރިވަރުންނަކީ އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިން މި އެކަޑަމީއާ ގުޅުނު ދަރިވަރުންނެވެ.

އޭވިއޭޝަން އެކަޑަމީގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަ ދައްކަވަމުން އެ އެކަޑަމީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިޔަސް އެ އެކަޑަމީ އަކީ ކާމިޔާބު އެކަޑަމީއެއް ކަމަށެވެ. އަދި މިއީ މޯލްޑިވިއަންއަށް އެއާލައިނެއް ހިންގުމުގެ އިތުރުން އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަށް ލިބުނު ފުރސަތެއް ކަމަށާއި މިއީ އެ ކުންފުންޏަށް ތަފާތު ތަޖުރިބާތަކެއް ލިބުނު ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ގްރެޖުއޭޓްވި ޕައިލަޓަކަށް ނައިިބު ރައީސް ސެޓްފިކެޓު ހަވާލުކުައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގްރެޖުއޭޓްވި ޕައިލަޓަކަށް ނައިިބު ރައީސް ސެޓްފިކެޓު ހަވާލުކުައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ ބޮޑު، އެންމެ ރަނގަޅު މަސައްކަތަކީ މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ޕައިލެޓުން ތަމްރީނުކުރުމަށް ފެށި މި އެކަޑަމީއަކީ ގިނަ ދިވެހިންތަކަކަށް މި ދާއިރާއިން ކިޔެވުމަށް ފުރުސަތު ލިބޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

"ދަތުރުފަތުރުގެ ނިޒާމުން އެންމެ ބޮޑަށް ފުޅާވަމުން ދާއިރާ އަކީ އޭވިއޭޝަންގެ ދާއިރާއަށް ވާއިރު މި ދާއިރާއަށް ޕައިލެޓުން ތަމްރީނުކުރުމަކީ މުހިންމުކަމެއް. މި މަސައްކަތް ފެށިއިރު އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރުން އަބަދުވެސް އުއްމީދު ކުރީ މިކަން ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށް." ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނައިބު ރައީސް ވިދާޅުވީ މި އެކަޑަމީ އަކީ ރާއްޖޭގައި ލޯކަލް ކެޕޭސިޓީ އިތުރުކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެއާޕޯޓުތައް އިތުރުވެ ތަރައްގީވަމުން ދާއިރު އޭވިއޭޝަން ދާއިރާއަށް އޮތް ޑިމާންޑު ބޮޑުވެގެން ދާނެ ކަމަށާއި މި ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް އިތުރުވަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވިއަން އޭވިއޭޝަނަށް ގުޅުނު އޭއޭއޭގެ ދަރިވަރުންގެ ތެރެއިން މި އެކަޑަމީގައި މިހާރު ވެސް 15 ދަރިވަރުން ދަނީ ތަމްރީނުވަމުންނެވެ. އަދި 10 ދަރިވަރުން ތަމްރީނުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ދާއިރު 26 ދަރިވަރުން އެންރޯލްވުމަށް ވަނީ ލިސްޓުކޮށްފަ އެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާހު ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މި އެކަޑަމީގެ އޮޕަރޭޝަންތައް ފެށީ މި ދިޔަ އަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހު އެވެ.