Roadha Mihaaru
ބަންދުގައި އޮއްވާ މަރާލަންވީއޭ ފުލުހުން ގޮވި: ސަމާހު

މަރާލަންވީއޭ ފުލުހުން ގޮވި، އެއްބަސްވީ އަނިޔާކޮށް ބިރު ދެއްކުމުން: ސަމާހު

31 އޯގަސްޓް 2023

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ފުލުހުން އަނިޔާކޮށް، މަރާލަން ވެސް ފުލުހުން ގޮވާފައިވާ ކަމަށް އެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ފުލުހުން އަނިޔާކޮށް، މަރާލަން ވެސް ފުލުހުން ގޮވާފައިވާ ކަމަށް އެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ކ. ކާށިދޫގައި ޖުލައި 2012 ގައި އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އޭނާ ހައްޔަރުކުރަން ގެއަށް ދިޔަ ފުލުހަކު އޭނާގެ ބޮލުގައި ފައިން ޖެހުމުން އޭނާގެ ހޭވެރިކަން ގެއްލުނު ކަމަށް ބުންޏެވެ. ދެ އަތާއި ދެ ފައިގައި ބިޑި އަޅުވައިގެން ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހު އޭނާ މަރާލަން ބައެއް ފުލުހުން ގޮވަމުންދިޔަ ކަމަށާއި ތަފާތު އެކި އަނިޔާތައް އޭނާ އަށް ކުރި ކަމަށް ސަމާހު ބުންޏެވެ. އެ އަނިޔާތަކަށް ފަހު އޭނާ ހޭ އެރީ ޖެހިގެން އައި ދުވަހު މާލެއިން ފުލުހުން ގޮސް މޫނަށް ފެން އެޅުމުން ކަމަށް ސަމާހު ބުންޏެވެ.

"އަޅުގަނޑަށް އަޑުއިވެމުން ދިޔަ މަރާލަންވީ އޭ އެއް ބައި ބޭފުޅުން ބުނޭ. އަނެއްބައި ބޭފުޅުން ނުތަޅާށޭ ބުނަމުން ގެންދާ އަޑު ވެސް އަޅުގަނޑަށް އިވޭ. އެހެން ނަމަވެސް އެގޮތަށް ތަޅަން ފެށުމުން އަޅުގަނޑުގެ ޚަބަރު ހުސްވީ،" ސަމާހު ބުންޏެވެ.

ސަމާހު ބުނިގޮތުގައި އޭނާ ގޮވައިގެން ބައެއް ތަންތަން ފާސްކުރަން ދާ ވަގުތުތަކުގައި އާންމު ނެރެގެން އޭނާ މަރާލަން ފުލުހުން ރޭވި ކަމުގެ މައުލޫމާތުތަކެއް ވެސް ލިބުނެވެ. ނަމަވެސް ތަހުގީގުގައި ފުލުހުން ކުރި އަނިޔާތައް ސާބިތުކޮށް ދޭނެ ހެއްކެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

ސަމާހު ބުނިގޮތުގައި ބަންދުގައި އޮތްއިރު ކުށަށް އެއްބަސްވާން މަޖުބޫރު ކުރުމުގެ ގޮތުން އެކި އަނިޔާތައް ކުރި އެވެ. ނިދާފައި އޮއްވާ މޫނަށް ފެން ޖެހުމާއި އާއިލާ މީހުން މަރާލާނެ ކަމަށާއި އެ މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެ ވެސް ފުލުހުން ބިރު ދެއްކި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ކުރި އަނިޔާ އަޅުގަނޑަށް އެނގޭތީ، އަޅުގަނޑުގެ ދައްތަ އަށް އެފަދަ އަނިޔާއެއް ކޮށްފާނެތީ އަނެއްކާވެސް އެ ބޭފުޅުންނަށް ތަކުރާރުކޮށް އެ ބޭފުޅުން ބިރު ދެއްކުމުގެ ސަބަބުން ބަޔާނެއް ދޭން މަޖުބޫރުވީ،" ސަމާހު ބުންޏެވެ.

ތަހުގީގުގައި ހަނު ހުރުމުގެ ހައްގާއި ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނި ކަމަށާއި ނަމަވެސް އެ ފުރުސަތު ނުލިބުނު ކަމަށް ސަމާހު ބުންޏެވެ. ކޯޓުގައި ކުށަށް އެއްބަސްވުމުގެ ކުރިން ވެސް ވަކީލެއްގެ އެހީ ބޭނުންނުވާ ކަމަށް ކޯޓުގައި ބުނަން އޭނާ އަށް މަޖުބޫރުކުރި ކަމަށް ސަމާހު ބުންޏެވެ.

ކުރެވުނު ކުށާ މެދު ދެރަވޭތޯ އާއި އާދަމް ހަލީމާ ބެހޭގޮތުން އެއްޗެއް ބުނަން އެބައޮތްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ސަމާހު ބުނީ އެ އަމަލަކީ ކޮންމެ މީހަކު ކުރި ކަމެއް ނަމަވެސް އިންސާނެއްގެ ހައިސިއްޔަތުން ހިތާމަކުރާ ކަމަށެވެ.

"އެ އަމަލަކީ ކޮންމެ ބަޔަކު ހިންގާފައިވާ އަމަލެއް ކަމަށް ވިޔަސް ކޮންމެ މީހަކު ހިންގާފައިވާ އަމަލެއް ކަމަށް ވީ ނަމަވެސް އިންސާނަކަށް ވާތީ އެގޮތުން އަޅުގަނޑު ވަރަށް ދެރަވޭ މީހަކު އެފަދަ އަމަލެއް ހިންގާފައިވާތީ،" ސަމާހު ބުންޏެވެ.

ސަމާހު ބުނީ 11 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނުއިރު މިހާރު ބަހައްޓާފައި ހުންނަނީ ވަކިން ގޮޅިއެއްގައި ބަންދުކޮށްފައި ކަމަށެވެ. ގޮޅިން ނެރެނީ ވެސް ކޮންމެހެން ނެރެންޖެހޭ ހާލަތްތަކުގައި އެކަނި ކަމަށާއި ލިބެންޖެހޭ ހައްގުތައް ޖަލުގައި ވެސް ނުލިބޭ ކަމަށް ސަމާހު ބުންޏެވެ.

ނަމަވެސް ދައުލަތުން ބުނިގޮތުގައި ތަހުގީގުގެ ވީޑިއޯ ފުޓޭޖްތައް ބެލިއިރު ވެސް ވަރަށް ރީތިކޮށް ހުރިހާ ކަމެއް ސަމާހު ކިޔައިދޭ މަންޒަރު ފެނެ އެވެ. އެހެންވެ، ތަހުގީގު މަރުހަލާގައި ސަމާހު ކުށަށް އެއްބަސްވީ މަޖުބޫރު ކޮށްގެން ކަމަށް ބެލެވޭ ސަބަބެއް ފެންނަން ނެތް ކަމަށް ދައުލަތުން ބުންޏެވެ.

އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ގެންދިއުމަށްޓަކައި އެގޮތަށް ދައްކާ ވާހަކަތަކަށް ބުރަދަން ނުދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަނިޔާ ކުރުމާއި ބިރު ދެއްކިކަން ސަމާހުގެ ފަރާތުން ހައި ކޯޓުގައި ފާހަގަ ނުކުރާ ކަމަށާއި އެހެންވެ، އެކަމާ މެދު ސުވާލު އުފެދޭ ކަމަށް ދައުލަތުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.