01 ފެބުރުއަރީ 2023
ގާނޫނުއަސާސީން އެންމެ ފުޅާދާއިރާއެއްގައި ލިބިދިން ހައްގަކީ ހަނު ހުރުމުގެ ހައްގެވެ. ތިމާއަކީ ކާކުކަން ބުނެދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނު ހުރެވޭ ގޮތަށް ދިން އެ ހައްގުގެ ބޭނުން ފުޅާދާއިރާއެއްގައި ކުރިން ކުރި އެވެ.
ގާނޫނުއަސާސީން އެންމެ ފުޅާދާއިރާއެއްގައި ލިބިދިން ހައްގަކީ ހަނު ހުރުމުގެ ހައްގެވެ. ތިމާއަކީ ކާކުކަން ބުނެދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނު ހުރެވޭ ގޮތަށް ދިން އެ ހައްގުގެ ބޭނުން ފުޅާދާއިރާއެއްގައި ކުރިން ކުރި އެވެ.
ނަމަވެސް ހަނު ހުރުމުގެ ހައްގު ހައްދެއް ނެތި އޮތް ޒަމާން ފާއިތުވެއްޖެ އެވެ. ބައެއް ކުށްތަކުގައި ހަނު ހުރުމުގެ ހައްގު މިހާރު ނުލިބޭއިރު، ދެން ހުރި ކަންކަމުގައި ހަނު ހުރެވުނަސް، ނަތީޖާ ބިރުވެރި އެވެ. ހަނު ހުރުމުގެ މައްސަލާގައި ކޯޓުތަކުން ދެކޭ ގޮތް މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ތަހުގީގުގައި އެ މީހަކާ ދެކޮޅަށް ހެކި ހުއްޓާ އެއްވެސް ދިފާއެއް ނެގުމެއް ނެތި ހަނު ހުރުމަކީ ކޯޓުތަކުން ދެކޭ ގޮތުގައި އެ މީހެއްގެ މައްޗަށް ކުށް ސާބިތު ކުރަން ލިބޭ ބާރެކެވެ.
މި ގޮތަށް ނިންމި އެއް މައްސަލައަކީ މާލޭގައި މަރާލުމަށް ފަހު، ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލަ އެވެ. އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމަމުން ސުޕްރީމް ކޯޓުން ފާހަގަކުރި އެއް ކަމަކީ އޭނާގެ ހަނު ހުރުމެވެ.
"ބައިވަރު ހެކި އޭނާއާ ދެކޮޅަށް ހުރެފައި އޭނާ ހަނު ހުންނަ ހާލަތްތަކުގައި އެއީ އެ ހެކިތަކަށް ބާރު ލިބޭ ކަމަކަށް ވެދާނެ. އެކަމަކު އެއީ އޭނާ އެ ކުށްކުރި ކަމުގެ ހެއްކެއް ނޫން."
ނަޖާހާ ދެކޮޅަށް ތަހުގީގުގައި ގިނަ ހެކިތަކެއް ފުލުހުން ހޯދިޔަސް، އޭނާ ހުރީ ހަނެވެ. ދިފާއުގައި އެކި ވާހަކަ ދެއްކީ ކޯޓުގައި ދެއްކިޔަސް، ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ތަހުގީގުގައި ހަނު ހުރެފި ނަމަ ނުވަތަ ދޮގު ހަދައިފި ނަމަ އެއީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭނެ ވަރުގަދަ ގަރީނާ އެކެވެ.
"މުއްތަހަމު ކުށްވެރި ކުރުވާ ހާލަތްތައް ހުރެމެ، އެ ހާލަތްތައް މުއްތަހަމުގެ ކުރިމައްޗަށް ހުށަހެޅުމުން ކަންވީ ގޮތް މުއްތަހަމު ބުނެ ނުދީފި ނަމަ ނުވަތަ ކިޔައިދީފައި ވަނީ ރޯމަރު ދޮގު ކަމުގައިވާ ނަމަ އެ ކަމަކީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކުގެ ޗޭނު ވަށައިޖައްސައި، ބައްދައި ދޭ ފަހުބޮޅު،" އެ ހުކުމުގައި ބުނެފައިވެ އެވެ.
ފުލުހުންގެ މައި އިދާރާ --- ފޮޓޯ/މިހާރު
ހަމަ އެހެންމެ، ދާދި ފަހުން ނިމުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ވެސް އެ މަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ކޯޓުން ރިއާޔަތްކުރި އެއް ކަމަކީ ތަހުގީގު މަރުހަލާގައި ޔާމީން ހަނު ހުންނެވުމެވެ.
މި ގޮތަށް ކޯޓުތަކުން ބަލަން ފެށި އެއް ސަބަބަކީ ޝަރީއަތުގެ މަރުހަލާގައި އާ ހެކި އުފައްދައިގެން ބޮޑެތި ކުށްވެރިން ސަލާމަތްވާން ފެށުމެވެ. މިސާލަކަށް، އަތުލައިގަންނަ މަސްތުވާތަކެތީގެ ޒިންމާ ކޯޓުގައި ނަގަނީ ދައުވާ ލިބޭ މީހާގެ ފަރާތުން ތަހުގީގުގައި އެއްވެސް ވަރަކަށް ފާހަގަ ކޮށްފައި ނުވާ ދިފާއީ ހެކިވެރިއެކެވެ. ޑްރަގްގެ ބޮޑެތި މައްސަލަތަކުގައި އެ އުކުޅު ބޭނުން ކޮށްގެން މީހުން ސަލާމަތްވެފައި ހުރީ މަދަކުން ނޫނެވެ. އެކަމަކު ޑްރަގްގެ މައްސަލަތަކުގައި ވެސް އެ އުސޫލު މިހާރު ވަނީ ބަދަލުވެފަ އެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ހަނު ހުރުމަކީ ކުށްކުރިކަމުގެ ހެއްކެއްގެ ގޮތުގައި ބެލުމަކީ ގޯހެކެވެ. ހަނު ހުރުމަކީ އަސާސީ ހައްގަކަށް ވާއިރު އެ ހައްގު ބޭނުން ކުރުމުން އެ މީހަކާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭނީ ގާނޫނެއްގައި ސާފުކޮށް ލިޔެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްގެއް ބޭނުން ކުރުމަކުން މީހަކަށް ގެއްލުމެއް ލިބިގެނެއް ނުވާނެ ގާނޫނެއްގައި ސާފުކޮށް އޮވެގެން ނޫނިއްޔާ. ބައިވަރު ހެކި އޭނާއާ ދެކޮޅަށް ހުރެފައި އޭނާ ހަނު ހުންނަ ހާލަތްތަކުގައި އެއީ އެ ހެކިތަކަށް ބާރު ލިބޭ ކަމަކަށް ވެދާނެ. އެކަމަކު އެއީ އޭނާ އެ ކުށްކުރި ކަމުގެ ހެއްކެއް ނޫން،" ގާނޫނީ ބޭފުޅާ ވިދާޅުވި އެވެ.
"އަސްލަކީ ތަހުގީގު މަރުހަލާގައި ބުނެވޭ އެއްޗަކަށް ޝަރީއަތުގެ މަރުހަލާގައި ބަލަން ޖެހޭނީ."
ނަމަވެސް ތަހުގީގީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޖިނާއީ ބޮޑެތި މައްސަލަތައް ކޯޓުތަކުގައި ސާބިތު ނުވެ ނިމިގެންދާ އެއް ސަބަބަކީ ތަހުގީގުގައި ހަނު ހުރުމަށް ފަހު ނުވަތަ ތަހުގީގުގައި ނުނަގާ ދިފާއުތައް ކޯޓުގައި ނަގައިގެން އަދި އާ ހެކި ހުށަހަޅައިގެން ދިފާއު ސާބިތު ކުރާތީ އެވެ.
"އެ ތަކެއްޗާއި އެ މީހަކާ ގުޅުލެވޭ ވަރަށް ހެކި ހޯދާފައި ކޯޓަށް މައްސަލަ ފޮނުވީމަ، އެއްކަލަ މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މީހަކަށް ކުއްޔަށް ދީފައި ހުރި ތަނެއް ކަމަށް އެބަ ހަދާ. އެގްރިމެންޓްތައް ވެސް އެބަ އާދޭ،" އޭނާ ވިދާޅުވި އެވެ.
ޖިނާއީ ދައުވާ ކުރަނީ ތަހުގީގީ އިދާރާތަކުން ހެއްކާއި ގަރީނާ ހޯދުމަށް ފަހު އެވެ. ޝަރީއަތަށް ހުށަހެޅެނީ އެ މަރުހަލާގައި ހޯދާ ހެކިތަކެވެ. އެހެންވީއިރު، އެ މަރުހަލާގައި ނުދައްކާ ވާހަކަތަކެއް ދައުވާ ލިބޭ މީހާގެ ފަރާތުން ކޯޓުގައި ދެއްކިދާނެތޯ އެއީ އުފެއްދިދާނެ ސުވާލެކެވެ.
ފުލުހެއް: ޖިނާއީ ބޮޑެތި މައްސަލަތައް ކޯޓުތަކުގައި ސާބިތު ނުވެ ނިމިގެންދާ އެއް ސަބަބަކީ ތަހުގީގުގައި ހަނު ހުރުމަށް ފަހު، ކޯޓުގައި އާ ހެކި ހުށަހަޅައިގެން ދިފާއު ސާބިތު ކުރާތީ ކަމަށް ތަހުގީގީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި. --- ފޮޓޯ/މިހާރު
ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ތަހުގީގުގައި ފާހަގަ ނުކުރާ އާ ހެކި ހުށަހަޅައިގެން މީހުން ސަލާމަތްވެވޭ ނަމަ ތަހުގީގެއް ހިންގުމުގެ ބޭނުމެއް ނެތެވެ. އަދި އާ ހެއްކަށް ކޯޓުގައި ފުރުސަތު ދޭ ނަމަ، އެކަން އިތުރަށް ތަހުގީގު ކުރަން ފުރުސަތު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސްލަކީ ތަހުގީގު މަރުހަލާގައި ބުނެވޭ އެއްޗަކަށް ޝަރީއަތުގެ މަރުހަލާގައި ބަލަން ޖެހޭނީ. އެއީކީ ތަހުގީގެއް ކުރާ މަރުހަލާއެއް ނޫން. ދިފާއުގައި ދައްކަން ޖެހޭ ވާހަކަތައް ކޯޓުގައި ދައްކަންވީ. އެކަމަކު އާ ވާހަކައެއް ދެއްކިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ކުރިން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި ގޮތުގައި ތަހުގީގުގައި ނުނަގާ ދިފާއެއް ކޯޓުގައި ނުނެގޭނެ ކަމަށް ގާނޫނުގައި އޮންނަނީ ކުށުގެ އަމަލު ހިނގި ތަނުގައި ހާޒިރުވެ ނެތް ކަމުގެ ދިފާއަށެވެ. އެ ނޫން ހާލަތްތަކުގައި ހަނު ހުއްޓަސް، ކޯޓުގައި ކޮންމެ ދިފާއެއް ނެގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ނޫން ކޮންމެ ޑިފެންސެއް ވެސް ނެގުން ގާނޫނު ހުއްދަ ކުރޭ،: އޭނާ ވިދާޅުވި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ވަކި މައުލޫމާތަކީ އެ މީހަކާ ދެކޮޅަށް ބޭނުން ނުކުރެވޭނެ މައުލޫމާތެއް ކަމަށްވާ ނަމަ، އެއީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރެވޭނެ ކަމެއް ނޫނެވެ. ހަނު ހުރުމަކީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވޭ އެއްޗެއް ގޮތުގައި ކޯޓުތަކުން ދެއްކި ގާނޫނީ އެއް ހުއްޖަތަކީ ވެސް މިއީ އެވެ.
"އެ މީހަކާ ދެކޮޅަށް ހުރި ހެއްކަކީ ކޮބައިކަން ގިނަ ފަހަރަށް މި އެނގެނީ ކޯޓަށް މައްސަލަ ހުށަހެޅީމަ ކޯޓުގައި."
ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ދިފާއުގައި ދައްކާ ވާހަކަ އެ މީހަކާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެއީ ތަހުގީގުގައި ދައްކާ ކޮންމެ ވާހަކައެއް އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ކަމަށް ގާނޫނުގައި އޮންނާތީ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"އެ މީހަކާ ދެކޮޅަށް ހުރި ހެއްކަކީ ކޮބައިކަން ގިނަ ފަހަރަށް މި އެނގެނީ ކޯޓަށް މައްސަލަ ހުށަހެޅީމަ ކޯޓުގައި. އެހެންވީމާ ވަކި މައުލޫމާތެއް ދީފިއްޔާ އެއީ އޭނާއާ ދެކޮޅަށް ބޭނުން ކުރާނެ އެއްޗެއް ކަން ނުވަތަ ނޫން ކަމެއް އަސްލު ވަކި ކުރާކަށް ނޭނގޭނެ ތަހުގީގު މަރުހަލާގައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަނު ހުރެފި ނަމަ ތަހުގީގުގައި އިތުރު ސުވާލެއް ކުރުން ގާނޫނުގައި މަނާކޮށްފައި އޮތުމަކީ ވެސް އެ މައްސަލަ ނުކުންނަ އެއް ސަބަބެކެވެ. ބައެއް ގައުމުތަކުގައި އެ މީހަކު ހަނު ހުއްޓަސް، ފުލުހުން ކުރަން ބޭނުންވާ ސުވާލުތައް ކުރިއަށް ގެންދެވޭ ކަމަށް ވިދާޅުވި އެވެ.
ހަނު ހުރުމަކީ އަސާސީ ހައްގަކަށް ވާތީ އެ ހައްގު ތަހުގީގު މަރުހަލާގައި ލިބުނަސް، މިހާރު ކޯޓުތަކުގެ ނިންމުންތައް ހުރީ ޝަރީއަތުގެ މަރުހަލާގައި އެކަން އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ފަދަ ގޮތަކަށެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން ބަހުސް ބޮޑު މައްސަލަ އެކެވެ.
ހެކިބަސް ދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށްލަނީ
ޑްރަގް ޑީލަރުން ޗޭނުޖަހަން ސުޕްރީމް ކޯޓުން ގޯހެއް؟
ވެރިފަރާތަށް ތުހުމަތެއް ނެތަސް، މުދަލެއް ހިފެހެއްޓިދާނެ
ވާނުވާ ބަންދު ރިވިއުކުރާނެ ކެޕޭސިޓީ ކޯޓުތަކުގައި ނެތް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
"ވާނުވާ" އެނގޭ، ނުލިބިގެން އުޅެނީ ހައްލު!
ނަފްސާނީ މައްސަލަ ހުންނަ ކުށްވެރިން: ދޫކޮށްލަންވީތަ؟