Roadha Mihaaru
ދީނާ، އާދު އަދި ނަފީލް ގައުމީ ޗެމްޕިއަންކަން ހޯދައިފި

ދީނާ، އާދު އަދި ނަފީލް ގައުމީ ޗެމްޕިއަންކަން ހޯދައިފި

23 އޯގަސްޓް 2023

މިއަހަރުގެ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓުތަކުން ހަސަން ޝާޒް މުހައްމަދު (އާދު) އާއި ދީނާ އަހުމަދު އަދި އަހުމަދު ނަފީލް ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއަހަރުގެ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓުތަކުން ހަސަން ޝާޒް މުހައްމަދު (އާދު) އާއި ދީނާ އަހުމަދު އަދި އަހުމަދު ނަފީލް ޗެމްޕިއަންކަން ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އާމިނަތު ހަލީމް (ދިލް) އާ ވާދަކޮށް 7-6 ފްރޭމުން މެޗު ކާމިޔާބުކުރުމުން ދީނާ އަށް ވަނީ ދެވަނަ ފަހަރަށް ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓް ކާމިޔާބުވެފަ އެވެ.

ދީނާ އަކީ 2021 ވަނަ އަހަރު ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަނެވެ. ހަމަ އެއާ އެކު ފައިނަލްގައި ބަލިވި ދިލް ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފިރިހެން އެއްވަނަ ޑިވިޝަނުގެ ސިންގަލްސް ފައިނަލުން ބަލިވި އާދު މިއަހަރު ޗެމްޕިއަންކަން ހޯދީ ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި 11-8 ފްރޭމުން މުހައްމަދު ޝަރީފް (ކުޑަ ޝަރީ) ބަލިކޮށްފަ އެވެ. އާދު ވަނީ މިއަހަރު ބޭއްވި 8 ބޯލް އަދި 10 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ކުޅުންތެރިންނާ އެކު އޭޕްރީލް މަހު ރާއްޖޭގައި އޮތް މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުގައި ވެސް ވާދަ ކޮށްފަ އެވެ

ނަފީލް، ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންހަން ހޯދީ ފައިނަލްގައި 9-7 ފްރޭމުން މުހައްމަދު ސަމީރު ބަލިކޮށްފަ އެވެ.

ސިންގަލްސް އިވެންޓުތަކުން ދެވަނަ ހޯދި ސަމީރު، ކުޑަ ޝަރީ އަދި ދިލް.-- ފޮޓޯ: އެމްޕީބީއޭ

ސިންގަލްސް އިވެންޓުތަކުން ދެވަނަ ހޯދި ސަމީރު، ކުޑަ ޝަރީ އަދި ދިލް.-- ފޮޓޯ: އެމްޕީބީއޭ

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ މިއަހަރުގެ ގައުމީ މުބާރާތުގައި ސިންގަލްސް ތިން އިވެންޓުގެ އިތުރުން، އަންހެން ޑަބަލްސް، ފިރިހެން ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓް ކުރިއަށް ދާނެ އެވެ.

މުޅި އެކު 40 ޕެއާ ވާދަކުރާ ފިރިހެން ޑަބަލްސް އިވެންޓް ފެށިހގެން ކުރިއަށް ދާއިރު، އަށް ޕެއާ އާއެކު އަންހެން ޑަބަލްސް ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި 14 ޕެއާ ވާދަކުރާ މިކްސްޑް ޑަބަލްސް އިވެންޓްގެ ކުޅުން ފަށާނީ ހޮނިހިރު ދުވަހުގެ ރެއެވެ.

ޓީމް އިވެންޓުގައި ހަ ޓީމެއް ހިމެނެ އެވެ. އެއީ އެންމެ ފުރަތަމަ ގައުމީ ޗެމްޕިއަން ކްލަބް އީގަލްސް އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)ގެ އިތުރުން ޓެންޓް ސްޕޯޓްސް ކްލަބާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބެވެ. ޓީމް އިވެންޓް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރެއެވެ.