Roadha Mihaaru
ފުރުސަތުގެ ބޭނުން ހިފައި ޝާޒް ހޯދީ ހިތްވަރާއި އުއްމީދު

ފުރުސަތުގެ ބޭނުން ހިފައި ޝާޒް ހޯދީ ހިތްވަރާއި އުއްމީދު

26 އެޕްރީލް 2023

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ވާދަކޮށްލަން ހުޅުވާލެވުނު އުންމީދީ ދޮރެކެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ކުޅުންތެރިން ވަނީ މި މުބާރާތުގައި ބައިނަލްއަގުވާމީ ކުޅުންތެރިން އަތުން މޮޅުވެ ކުރިއެރުން ހޯދައިފަ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް އަމިއްލަ ފަސްގަނޑުގައި ވާދަކޮށްލަން ހުޅުވާލެވުނު އުންމީދީ ދޮރެކެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ރާއްޖޭގެ ކުޅުންތެރިން ވަނީ މި މުބާރާތުގައި ބައިނަލްއަގުވާމީ ކުޅުންތެރިން އަތުން މޮޅުވެ ކުރިއެރުން ހޯދައިފަ އެވެ.

މި އުއްމީދީ މުބާރާތުން ރާއްޖެ ފަހުރުވެރި ކޮށްދިން އެއް ކުޅުންތެރިއަކީ މިވަގުތު ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު (އާދު) އެވެ. ޝާޒް ވަނީ މުބާރާތުގެ ގުރޫޕް ފިޔަވަހި ކަޑައްތުކޮށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ނޮކައުޓް ބުރުން ޖާގަ ހޯދި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މުޅި އެކު 64 ކުޅުންތެރިން ވާދަކުރި މި މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

ނޮކައުޓް ބުރުގައި ޝާޒް ވާދަ ކުރަން ޖެހުނީ ވިއެޓްނާމްގެ ޑުއޮންގް ކުއޮކް ހޯންގް އާ ދެކޮޅަށެވެ. ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ޑުއޮންގް އާ ދެކޮޅަށް ހޯމަ ދުވަހު ކުޅުނު މެޗުން 8-4 ފްރޭމުން ބަލިވިއަސް، ޝާޒް ވަނީ ރާއްޖޭގެ ބިލިއާޑް އާއިލާ ފަހުރުވެރި ކޮށްދީފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަ ކޮށްފަ އެވެ. ޝާޒް ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފަ އެވެ. ނަމަވެސް މި މުބާރާތުގައި ޝާޒް ހޯދި ކާމިޔާބީ އަކީ މިއީ ރާއްޖޭގެ ކުޅުންތެރިއަކު ބައިނަލްއަގުވާމީ މައިދާނުގައި މި ކުޅިވަރުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

"އެންމެނަށް ވެސް ދެވިއްޖެ ބައިނަލްއަގުވާމީ މުބާރާތްތަކަށް. ވޯލްޑް ޗެމްޕިއަންޝިޕް ކުޅެން ވެސް ޝާޒް އަށް ދެވިއްޖެ. އެކަމަކު ކާމިޔާބެއް ލިބޭ ގޮތެއް ނުވި. އެހެން ނަމަވެސް މިއަހަރު ކާމިޔާބަކާ ހަމައަށް ދެވުމުން ވަރަށް އުފާ ވެއްޖެ،" މޯލްޑިވްސް އޯޕަން ގައި ހޯދުނު ކާމިޔާބީ ފާހަގަކޮށް ޝާޒް ބުންޏެވެ.

"މިހާރު ކުޅޭ ކުޅުންތެރިންނާއި ކުރިމަގުގައި ނުކުންނަން ތިބި ޒުވާން ކުޅުންތެރިންނަށް ވެސް އެނގޭނެ މިހާރު މަސައްކަތް ކޮށްފިއްޔާ ބޭރު ކުޅުންތެރިން އަތުން ވެސް މޮޅު ވެވޭނެކަން. އެކަން ދައްކުވައިދެވުމުން އަސްލު ބޮޑަށް އުފާ ވަނީ."

މުބާރާތަށް ޝާޒް ކުރިމަތިލީ ރާއްގައި މިއަހަރު މިހާތަނަށް ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕާއި 10 ބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރުމަށް ފަހު އެވެ. ރާއްޖޭގެ މުބާރާތްތަކުގައި ހޯދާ ކާމިޔާބީތަކުގައި 2017 ވަނަ އަހަރުން ފެށިގެން ވާދަކުރި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތަޖުރިބާގެ މުހިއްމުކަން ޝާޒް ފާހަގަ ކުރެ އެވެ.

މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުގައި ޝާޒް ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުގައި ޝާޒް ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެހެން ނަމަވެސް ވަޒީފާގެ ސަބަބުން ފަރިތަކުރާނެ ވަގުތު ހޯދުން ޝާޒް އަށް ވީ އުނދަގޫ ކަމަކަށެވެ. އަދި އެއާ އެކު ގައުމީ ޓީމުގެ ކޯޗާ އެކު ވެސް އިންޑިވިޖުއަލް ޕްރެކްޓިސްތަކުގައި ގިނަފަހަރު ބައިވެރި ނުވެވުމަކީ "މޯލްޑިވްސް އޯޕަން" އާ ކުރިމަތި ލީއިރު ޝާޒް އަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ. މުބާރާތަށް އެކަށީގެންވާ ޕްރެކްޓިސް އެއް ކުރެވުނު ނަމަ މިއަށް ވުރެ ދުރަށް ދެވޭނެ ކަމަށް ޝާޒް ގަބޫލު ކުރެ އެވެ.

"މިއަހަރު ވަރަށް ފޯމް ރަނގަޅުކޮށް މި ދަނީ. އިންޓަނޭޝަނަލް މުބާރާތަށް ވެސް ޕްރެކްޓިސް ކުރަން ލިބުނީ ހަމައެކަނި ރޭގަނޑު، އެއީ ރޭގަނޑު ޑިއުޓީ ނޯންނާތީވެ. ގައުމީ ޓީމުގެ ކޯޗެއް ވެސް ހުރޭ، އިންޑިވިޖުއަލް ޕްރެކްޓިސް އަށް އަންނަން ޖެހޭ ދުވާލު. އެކަމަކު އެ ގަޑިއަށް ނާދެވޭ ޑިއުޓީ އޮންނަ ގޮތުން،" ވިލާ އެއާގައި ރޭމްޕް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޝާޒް "މިހާރު" އަށް ބުންޏެވެ.

"ހީއެއް ނުކުރަން މަދު ޕްރެކްޓިސްއެއް ކޮށްގެން މިވަރުގެ ނަތީޖާއެއް ނެރެވޭނެ ކަމަކަށް. އެކަމަކު ޝާޒްގެ މެކްސިމަމް ދެން ކާމިޔާބެއް ލިބޭނެކަމަށް އުންމީދު ކޮށްގެން. ވަޒީފާގެ ސަބަބުން އެންމެ އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ. ނަމަވެސް އިރާދަ ކުރެއްވީތީ ކުޑަކުޑަ މަސައްކަތަކުން ވެސް ކާމިޔާބަކާ ހަމައަށް އާދެވިއްޖެ. އެކަށީގެންވާ ޕްރެކްޓިސް އެއް ކުރެވުނު ނަމަ މިއަށް ވުރެ ރަނގަޅު ޕާފޯމަންސެއް ދެއްކޭނެ ކަމަށް އަސްލު ގަބޫލު ކުރެވޭ."

މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުގެ މެޗަށް ފަހު ޝާޒް އާއި އިދިކޮޅުން ނުކުތް ވިއެޓްނާމްގެ ޑުއޮންގް ކުއޮކް ހޯންގް ސަލާމް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މޯލްޑިވްސް އޯޕަން 10 ބޯލް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުގެ މެޗަށް ފަހު ޝާޒް އާއި އިދިކޮޅުން ނުކުތް ވިއެޓްނާމްގެ ޑުއޮންގް ކުއޮކް ހޯންގް ސަލާމް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޝާޒް މުބާރާތުގައި ނޮކައުޓް ބުރަށް ދަތުރު ކުރީ ފުރަތަމަ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލި ވިއަސް ދެވަނަ މެޗު ކާމިޔާބުކޮށް، އޭނާ ވަނީ ޕްލޭއޮފް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދެ މެޗުން ވެސް މޮޅުވި ވަގުތަކީ މުބާރާތުގައި އޭނާ އަށް ބޮޑު އުފަލެއް ގެނުވައިދިން ވަގުތުކޮޅެކެވެ.

"ދެ މެޗުން ވެސް މޮޅުވި ވަގުތުކޮޅު ވަރަށް ހާއްސަ. ފުރަތަމަ މޮޅުވި މެޗުގައި 4-0 އިން ފަހަތުގަ އޮތީ. އެކަމަކު ކުއްލިއަކަށް ރަނގަޅު ފޯމަކަށް އެޅުނު. ދުނިޔޭގެ އެންމެ ޓޮޕް ފޯމުގައި ކުޅެލެވުނު މެޗުގެ ބާކީ ބައި. ފަހަތުގައި އޮވެފައި ފެށިގޮތަށް އެންމެ ޝޮޓެއް ވެސް މިސްކޮށް ނުލައި ބްރޭކް ކުރާގޮތަށް ނިންމާލެވުނު. ސުމަކުން ފަށައިގެން ހަތް ފްރޭމް ނެގީ އެންމެ ޝޮޓެއް ވެސް މިސް ނުކޮށް. މިއީ ކެރިއަރުގައި ވެސް މިހާތަނަށް ދެއްކުނު އެންމެ ބެސްޓް ޕާފޯމަންސް،" މުބާރާތުގައި ޝާޒް މޮޅުވި ފުރަތަމަ މެޗުގެ ތަޖުރިބާ "މިހާރު" އާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

"ދެ ވަނަ މެޗުގައި ވެސް ބްރޭކް ކުރާގޮތަށް ނިންމަމުން ދިޔައީ، ކޮޅަކަށް އެއްޗެއް ގޮއްސަ 6-4 އިން ފަހަތުގައި އޮތީ. ދެން ފަހު ތިން ފްރޭމް ވަރަށް މަސައްކަތުން ކުޅެގެން 7 އެޅުވުން. އެއީ ވަރަށް ޕްރެޝަރު ވި ވަގުތުކޮޅެއް އެއީ. 6-6 ގައި އޮއްވައި އިދިކޮޅު ޕްލޭޔަރު އަތުން މިސްޓޭކެއް ހެދިގެން ލިބެނީ ބޯލް އިން ހޭންޑެއް. ހަތަރު ބޯޅަ ބާކީ އޮތީ. ހަތަރު ބޯޅަ ވައްޓާލާފައި މޮޅުވީމައި ރާއްޖޭގެ ފުރަތަމަ މީހާއޭ ނޮކައުޓް ސްޓޭޖަށް ދިޔަ، އެ ޕްރެޝާ އައި ސިކުނޑިއަށް ވަރަށް ބޮޑަށް. އަތަށް ބޯޅަ ލިބުނީމަ ވަރަށް އެކްސައިޓް ވެސް ވި. ވަރާށް ހާސް ވެފައި ހުރެގެން ފުރަތަމަ ބޯޅަ ވައްޓާލެވުމުން ވަރަށް ކާމް ވި. ބާކީ ތިން ބޯޅައަށް ކޮންފިޑެންސް ވެސް ލިބުނު. ތިން ބޯޅަ ވެސް ފަސޭހައިން ވައްޓާލާފައި މޮޅުވީމަ އެއީ އެންމެ އުފާވި ވަގުތުކޮޅަކީ."

ޝާޒް ބުނީ މި ތަޖުރިބާއާ އެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރަން ގިނަ ވަގުތު ބޭނުންވާ ކަމަށެވެ. އަދި ބިލިއާޑަށް އިތުރު ވަގުތު ހޯދައި މި ކުޅިވަރަކީ ރާއްޖޭގައި މަގުބޫލް ކުޅިވަރަކަށް ހެދުމަކީ ޝާޒްގެ އުއްމީދެކެވެ.

ބިލިއާޑުގައި ޝާޒް މިހާތަނަށް ހޯދި ކާމިޔާބީގައި އެންމެ ބޮޑު ސަޕޯޓެއް އޭނާއަށް ލިބުނީ މަންމަ އާއި އަންހެނުންގެ ފަރާތުންނެވެ. އެކުގައި ކުޅޭ ކުޅުންތެރިންނަށް ޝާޒް ދިން މެސެޖަކީ، ޑިސިޕްލިން އާއެކު ކުރިއަށް ދާން މަސައްކަތް ކޮށްފި ނަމަ މިކުޅިވަރުން ވެސް ކުރިއަށް ދެވޭނެ ކަމެވެ.

ހަމަ އެއާ އެކު ސަރުކާރުގެ އެއްބާރުލުމާ އެކު ބިލިއާޑް އެސޯސިއޭޝަނުން މިހާ ފުރިހަމަ މުބާރާތެއް ބޭއްވުމުން ކުޅުންތެރިނަށް ވެސް މި ކުޅިވަރުން ކުރިއަށް ދާން އުންމީދެއް ލިބިގެން ދިޔަ ކަމަށާއި، ބައިނަލްއަގުވާމީ އިތުރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތަކާ އެކު ކުޅުންތެރިންގެ ކުރިއެރުން މިހާރަށް ވުރެ ބޮޑަށް ފެންނާނެ ކަމަށް ޝާޒް ގަބޫލު ކުރެ އެވެ.