Roadha Mihaaru
ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލްގައި ދިލް އާއި ދީނާ

ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލްގައި ދިލް އާއި ދީނާ

21 އޯގަސްޓް 2023

މިހާރު ކުރިއަށްދާ އެސްޓީއޯ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި އާމިނަތު ހަލީމް (ދިލް) އާއި ދީނާ އަހުމަދު ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިހާރު ކުރިއަށްދާ އެސްޓީއޯ ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި އާމިނަތު ހަލީމް (ދިލް) އާއި ދީނާ އަހުމަދު ވާދަކުރަން ޖެހިއްޖެ އެވެ.

ދީނާ އަކީ 2021 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަނެވެ. ދިލް ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅެފަ އެވެ. މި އަހަރުގެ އަންހެން ޑިވިޝަންގައި ޖުމްލަ 15 ކުޅުންތެރިން ވާދަ ކޮށްފައި ވެއެވެ.

ޖުމްލަ 32 ކުޅުންތެރިން ވާދަކުރި ފިރިހެން އެއްވަނަ ޑިވިޝަންގެ ފައިނަލްގައި ބައްދަލުކުރާނީ މުހައްމަދު ޝަރީފް (ކުޑަ ޝަރީ) އާއި ހަސަން ޝާޒް މުހައްމަދު (އާދު) އެވެ. އާދު ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ.

ފިރިހެނުންގެ ދެވަނަ ޑިވިޝަންގެ ފައިނަލްގައި ނުކުންނާނީ އަހުމަދު ނަފީލާއި މުހައްމަދު ސަމީރެވެ. މި ބައިގައި ޖުމްލަ 62 ކުޅުންތެރިން ބައިވެރި ވި އެވެ.

ފިރިހެން އެއްވަނަ ޑިވިޝަން ފައިނަލްގައި ކުޅޭ އާދު (ކ) އާއި ޝަރީ (ކ-2) އަދި ދެވަނަ ޑިވިޝަންގެ ފައިނަލްގައި ކުޅޭ ސަމީރު (ވ-2) އާއި ނަފީލް (ވ).-- ފޮޓޯ: އެމްޕީބީއޭ

ފިރިހެން އެއްވަނަ ޑިވިޝަން ފައިނަލްގައި ކުޅޭ އާދު (ކ) އާއި ޝަރީ (ކ-2) އަދި ދެވަނަ ޑިވިޝަންގެ ފައިނަލްގައި ކުޅޭ ސަމީރު (ވ-2) އާއި ނަފީލް (ވ).-- ފޮޓޯ: އެމްޕީބީއޭ

ގައުމީ ބިލިއާޑް ސެންޓަރުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅޭ ތިން ފައިނަލް މެޗު ވެސް ފެށުމަށް ހަމަޖެހިފައި ވަނީ 8:30 ގައެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތް އިވެންޓެއް ކުރިއަށް ދާނެ އެވެ. އެއީ ފިރިހެން ސިންގަލްސް އެއްވަނަ އަދި ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަންގެ އިތުރުން، އަންހެން ޑަބަލްސް، ފިރިހެން ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓެވެ.

މުޅި އެކު 40 ޕެއާ ވާދަކުރާ ފިރިހެން ޑަބަލްސް އިވެންޓް މާދަމާ ރޭ ފެށުމަށް ގަމަޖެހިފައި ވާއިރު، އަށް ޕެއާ އާއެކު އަންހެން ޑަބަލްސް ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި 14 ޕެއާ ވާދަކުރާ މިކްސްޑް ޑަބަލްސް އިވެންޓްގެ ކުޅުން ފަށާނީ ހޮނިހިރު ދުވަހުގެ ރެއެވެ.

ޓީމް އިވެންޓުގައި ހަ ޓީމެއް ބައިވެރިވެފައި ވެއެވެ. އެއީ އެންމެ ފުރަތަމަ ގައުމީ ޗެމްޕިއަން ކްލަބް އީގަލްސް އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)ގެ އިތުރުން ޓެންޓް ސްޕޯޓްސް ކްލަބާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ސްޕޯޓްސް ކްލަބެވެ. ޓީމް އިވެންޓް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރެއެވެ.