Roadha Mihaaru
ބިލިއާޑް 9 ބޯލް ޗެމްޕިއަނުންނަކީ އަހުސަނާއި ފާތީ

ބިލިއާޑް 9 ބޯލް ޗެމްޕިއަނުންނަކީ އަހުސަނާއި ފާތީ

23 މެއި 2023

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ މި އަހަރުގެ 9 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުސަން ހާޝިމް އަދި އަންހެން ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ މި އަހަރުގެ 9 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އަހުސަން ހާޝިމް އަދި އަންހެން ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފި އެވެ.

އަހުސަން ޗެމްޕިއަންކަން ހޯދީ ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗުގައި 11-9 ފްރޭމުން މުހައްމަދު އަކްސަމް ވަހީދު ބަލިކޮށްފަ އެވެ. ފާތީ ވަނީ 7-4 ފްރޭމުން ދީނާ އަހުމަދުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މިއީ އަހަރެއް ފަހުން އަހުސަން ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ. އެންމެ ފަހުން އޭނާ ކާމިޔާބު ކުރީ 2021 ވަނަ އަހަރުގެ 9 ބޯލް އެސޯސިއޭޝަން ކަޕެވެ.

އަކްސަމް ފައިނަލަށް ދަތުރު ކުރީ މެޗަކުން ބަލި ނުވެ، ސެމީ ފައިނަލްގައި ހުސައިން ފަޔާޒް ބަލިކޮށްފަ އެވެ. އޭގެ ކުރިން އަކްސަމް ކުޅުނު މެޗުގައި އޭނާ ވަނީ އަހުސަން ބަލިކޮށްފަ އެވެ. އެ މެޗުން ބަލިވެގެން އަހުސަނަށް ކުޅެން ޖެހުނީ ލޫޒާސް ބްރެކެޓްގަ އެވެ. އަހުސަން ފައިނަލްގެ ޖާގަ ހޯދީ ލޫޒާސް ބްރެކެޓްގައި ކުޅުނު މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

9 ބޯލް ޗެމްޕިއަންޝިޕްގެ ރަނަރަޕް ދީނާ އާއި އަކްސަމް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

9 ބޯލް ޗެމްޕިއަންޝިޕްގެ ރަނަރަޕް ދީނާ އާއި އަކްސަމް.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި އަހަރު ފުރަތަމަ ބޭއްވި ދެ މުބާރާތް ކަމަށްވާ 10 ބޯލް އަދި 8 ބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރި ހަސަން ޝާޒް މުހައްމަދު (އާދު) މުބާރާތުން ކެޓީ އިސްމާއިލް ސުވެއިދު އަތުން ބަލިވެގެންނެވެ.

މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން ފާތީ ވަނީ މި އަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭނާ ފައިނަލްގެ ޖާގަ ހޯދީ ވިނާޒް ބްރެކެޓްގެ ސެމީ ފައިނަލްގައި ދީނާ ބަލިކޮށްފަ އެވެ. ދީނާ ފައިނަލުން ޖާގަ ހޯދީ ލޫޒާސް ބްރެކެޓްގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ދީނާ ވަނީ 2021 ވަނަ އަހަރުގެ 9 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ފާތީ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ކުޅިވަރުގެ ދެ އެވޯޑްގައި ވެސް އެންމެ މޮޅު އަންހެން ބިލިއާޑް ކުޅުންތެރިޔާގެ މަގާމް ހޯދި ފާތީ، މި އަހަރު ފުރަތަމަ ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގައި ވާދަ ނުކުރެވުނަސް، 10 ބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވެ، ފައިނަލްގައި ކުޅެފައި ވެ އެވެ.

މި އަހަރު ބޭއްވި ފުރަތަމަ ދެ މުބާރާތުގެ ވެސް އަންހެން ބައިން ޗެމްޕިއަންކަން ހޯދި އަޒްރާ މުބާރާތުން ކެޓީ ފަގީހާ އިބްރާހިމް އަތުން ބަލިވުމުންނެވެ.