Roadha Mihaaru
މޯލްޑިވްސް އޯޕަންގެ ޗެމްޕިއަންކަން ކޯ ޕިން ޗަން އަށް

މޯލްޑިވްސް އޯޕަންގެ ޗެމްޕިއަންކަން ކޯ ޕިން ޗަން އަށް

27 އެޕްރީލް 2023

ރާއްޖޭގައި މުޅިން އަލަށް ބޭއްވި ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޗައިނީޒް ތައިޕޭގެ ކޯ ޕިން ޗަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގައި މުޅިން އަލަށް ބޭއްވި ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް ކަމަށްވާ "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޗައިނީޒް ތައިޕޭގެ ކޯ ޕިން ޗަން ހޯދައިފި އެވެ.

ކޯ ޕިން ޗަން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗު ފިލިޕީންސްގެ ޔޯހާން ޗުއާ އާ ވާދަކޮށް 10-8 ފްރޭމުން ކާމިޔާބު ކޯށްގެންނެވެ.

ދުނިޔޭގެ ޗެމްޕިއަންކަމާއި ވޯލްޑް ޕޫލް މާސްޓާސްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަންގެ ޖޯޝުއާ ފިލާ އާއި ކޯ ޕިން ޗަން އަތުން ބަލިވި ވިއެޓްނާމްގެ ލުއޮންގް ޑުކް ތިއެން އަށް ވަނީ މުބާރާތުގެ ތިން ވަނަ މަގާމު ލިބިފަ އެވެ.

މުބާރާތުގެ ޗެމްޕިއަނާއި ރަނަރަޕް އަދި ސެމީ ފައިނަލިސްޓުން، ރާއްޖޭގެ ރައީސް ސޯލިހާއި ބިލިއާޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނާސިފް އަދި ދުނިޔޭގެ ބިލިއާޑް ފެޑެރޭޝަންގެ ރައީސް އިޝައުން ސިންގް އާއެކު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މުބާރާތުގެ ޗެމްޕިއަނާއި ރަނަރަޕް އަދި ސެމީ ފައިނަލިސްޓުން، ރާއްޖޭގެ ރައީސް ސޯލިހާއި ބިލިއާޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނާސިފް އަދި ދުނިޔޭގެ ބިލިއާޑް ފެޑެރޭޝަންގެ ރައީސް އިޝައުން ސިންގް އާއެކު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޗެމްޕިއަންކަން ހޯދި އުމުރުން 27 އަހަރުގެ ކޯ ޕިންގް ޗަންގް އަކީ 2019 ވަނަ އަހަރު 10 ބޯލް އިން ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ މުހައްމަދު ދުންޔާޒް ބަލިކޮށްފަ އެވެ.

ރަނަރަޕް ޔޯހާން ޗުއާ މުބާރާތުގެ ނޮކައުޓް ބުރަށް ދިޔައީ ރާއްޖޭގެ އަހުމަދު ޝިހާދު ބަލިކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޝިހާދު ބަލިކުރިއިރު، ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ވެސް ޝިހާދުގެ މައްޗަށް އޭނާ ކުރި ހޯދި އެވެ.

ދުނިޔޭގެ ރޭންކިން އަށް ގުނާ މި މުބާރާތުގައި މުޅިއެކު 64 ކުޅުންތެރިން ވާދަ ކޮށްފައި ވާއިރު ރާއްޖޭގެ 16 ކުޅުންތެރިން ވާދަ ކުރި އެވެ. ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) ގެ އެންޑޯޒްމަންޓާ އެކު ބޭއްވުނު މި މުބާރާތަކީ މި އަހަރުގެ "އޭޝިއަން ޓެން ބޯލް ޓުއާ" ސީރީޒްގެ ފުރަތަމަ މުބާރާތެވެ.

ރާއްޖޭގެ ހުސެއިން ފަޔާޒް އާއި މުހައްމަދު ޝަރީފް (ކުޑަ ޝަރީ) އަދި އަހުމަދު ޝިހާދުގެ އިތުރުން އިސްމާއިލް ޖީހާން ގުރޫޕް ސްޓޭޖުގައި މޮޅެއް ހޯދި އިރު، މިވަގުތު ރާއްޖޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު (އާދު) ވަނީ ދެ މެޗު ކާމިޔާބު ކޮށްގެން 32 ކުޅުންތެރިން ވާދަކުރާ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ހޯދި އެވެ.

ޝާޒް ވަނީ ބައިނަލްއަގިވާމީ ބިލިއާޑް މުބާރާތެއްގެ ނޮކައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ގަދަ 32 ކުޅުންތެރިން ވާދަކުރި ބުރުން ޝާޒް ބަލިވީ ވިއެޓްނާމްގެ ޑުއޮންގް ކުއޮކް ހޯންގް އަތުންނެވެ. ޑުއޮންގް ކުއޮކް ހޯންގް މުބާރާތުން ކެޓީ ގަދަ 16 އާ ހަމައިންނެވެ.

މުބާރާޓުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދުނިޔޭގެ ޕޫލް ބިލިއާޑް ފެޑެރޭޝަންގެ ރައީސް، ދެކުނު އެފްރިކާގެ އިޝައުން ސިންގް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ޗެމްޕިއަން އަދި ރަނަރަޕް ޓްރޮފީ ހަވާލު ކޮށްދެއްވީ ރައީސް އެވެ. ސެމީ ފައިނަލިސްޓުންނަށް ޓްރޮފީ ހަވާލު ކޮށްދެއްވީ ޑަބްލިއުޕީއޭގެ ރައީސް އެވެ.

މި މުބާރާތުގައި ރާއްޖޭގެ ނުވަ ބިލިއާޑް ރެފްރީން ވަނީ އޮފިޝަލްކަން ކޮށްފަ އެވެ. އެއީ އަހުމަދު ސުޖާއު، ހަސަން ރިޝްވާން ޖަލީލް، އަބްދުﷲ އަފީފް، ސާލިމް އަދުނާން، އަހުމަދު ނިހާދު، މުހައްމަދު އަގުލީމް، އަހުމަދު ގާސިމް، އަހުމަދު މުރުފާދު އަދި އަހުމަދު ސޮއްފަތެވެ.