Roadha Mihaaru
މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް ހުޅުވައިފި

މަސްނޫއީ އަތާއި ފައި ހަދައިދޭ ފުރަތަމަ ލެބް، ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި

09 އޯގަސްޓް 2023

މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް، ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްނޫއީ އަތާއި ފައި ހަދައިދޭ ލެބް، ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކުރި ލެބްގެ ހިދުމަތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ހޮސްޕިޓަލުން ބުނީ، ރާއްޖޭގައި އަލަށް ފެށި ޕްރޮސްތެޓިކް އެންޑް އޮތޮޓިކް ލެބްގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށެވެ. އެ ތަނުގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ހިދުމަތް ހޯދާ 18 އަހަރުން ދަށުގެ 480 އަށްވުރެ ގިނަ ކުދިންގެ ތެރޭގައި ވެސް މަސްނޫއީ އަތާއި ފައި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ބޫޓު ބޭނުންވާ ގިނަ ކުދިން އެބަ ތިބި ކަމަށް ބުންޏެވެ.

ޕްރޮސްތެޓިކްސް އަކީ ގުދުރަތީ ގޮތުން އުފެދުމުގައި ނުވަތަ ހާދިސާއެއްގެ ސަބަބުން އަތާއި އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ. އޯތޮޓިކްސް އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބޫޓު ފަދަ ތަކެއްޗެވެ.

މިހާތަނަށް އެފަދަ އަލާތްތައް ކުދިންނަށް ފޯރުކޮށްދެމުން ދިޔައީ ރާއްޖޭގައި މިން ނަގައި ބޭރަށް ފޮނުވައިގެންނެވެ. އެންސްޕާގެ އެހީގައި އެ ތަކެތި ލިބުނަސް، ކަސްޓަމައިޒްޑް ތަކެއްޗަށް ވާތީ ރާއްޖެ ގެންނަން ގިނަ ވަގުތު ހޭދަވެ އެވެ. އަދި އެ އެއްޗެހި ލިބޭއިރު ބައެއް ފަހަރު އެ ކުދިންނަށް ހެޔޮވަރުކުރުމަށް އިތުރު މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭގައި އެ މަސައްކަތް ކުރަން ފެށުމުން މިކަމަށް ހޭދަވާ ހަރަދުގެ ތިން ގުނަ ސަލާމަތްކުރެވި އަދި ކުދިންނަށް ބޭނުންވާ އެންމެ އަވަސް މިނުގައި ތަކެތި ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުންޏެވެ.

އެ ހިދުމަތް ފެށުމަށް އިންޑިއާގެ އާޓިފިޝަލް ލިމްބްސް މެނުފެކްޗަރިން ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ދެ މުވައްޒަފަކަށް ތަމްރީނު ދީފައިވެ އެވެ. އަދި ލެބްގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކެމްބޯޑިއާއިން މިކަމަށް ހާއްސަ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ދެ މީހަކު ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ އެވެ.