Roadha Mihaaru
ރެފިއުޖީންގެ 2 ބޯޓެއް ފަރަށްއަރައި 23 މީހުން މަރު

ރެފިއުޖީންގެ ދެ ބޯޓެއް ފަރަށް އަރައި 23 މީހުން މަރުވެއްޖެ

08 އޯގަސްޓް 2023

އެފްރިކާގެ ބައެއް ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް ހިޖްރަކުރަން އުޅުނު ބަޔަކު ގޮވައިގެން ދަތުރުކުރި ދެ ބޯޓެއް ފަރަށް އެރުމުގެ ސަބަބުން މަދުވެގެން 23 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

އެފްރިކާގެ ބައެއް ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް ހިޖްރަކުރަން އުޅުނު ބަޔަކު ގޮވައިގެން ދަތުރުކުރި ދެ ބޯޓެއް ފަރަށް އެރުމުގެ ސަބަބުން މަދުވެގެން 23 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ފަރަށް އެރީ ޓިއުނީޝިޔާގެ އިރުމަތީގައި ވަކިން އޮންނަ ޖަޒީރާތަކެއް ކަމަށްވާ ޤަރްޤްނާގެ ފުއްޓަރު ފަރާތު ފަރަށެވެ. އަނެއް ބޯޓު ފަރަށް އެރީ މޮރޮކޯގެ ހުޅަނގު ފަރާތުގައި އޮންނަ ޖަޒީރާތަކުގެ ފަރަށް ކަމަށް އެ ގައުމުން ބުނެ އެވެ.

އެފްރިކާގެ ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި ކަނޑުމަގުން ޔޫރަޕަށް ހިޖްރަކުރާ މީހުން ދަތުރު ފަށާ މައި ބަނދަރެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ ޓިއުނީޝިޔާ އެވެ. އެ ގައުމުން ބުނި ގޮތުގައި ޤަރްޤްނާ ޖަޒީރާތަކުގެ ފަރަށް އުރުނު ބޯޓު ފޫގޮސް އަޑިއަށް ދިއުމުގެ ހާދިސާގައި މަރުވީ ކިތައް މީހުންކަމެއް މުޅިން ސާފެއް ނުވެ އެވެ.

އާދީއްތަ ވިލޭރޭ ހިނގި އެ ހާދިސާގައި މަރުވި 11 މީހެއްގެ ހަށިގަނޑު އެ ދުވަހު މެންދުރު ކުރިން ފެނުނު ކަމަށް ޓިއުނީޝިޔާ ސަރުކާރުން ބުނެ އެވެ. އަދި އެދުވަހުގެ ހަވީރު އިތުރު ހަތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނުނެވެ.

އެ ހާދިސާގައި ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި ޓިއުނީޝިޔާގެ ބަނދަރު ރަށެއް ކަމަށްވާ ޞަފާޤިސް އިން އެ ބޯޓު ފުރީ ޖުމްލަ 57 މީހުންނާ އެކުގަ އެވެ. ބޯޓު ބަނުމުގެ ހުއްދަ ނެތް ބަޔަކު އަމިއްލަ އަށް ބަނދެގެން ދަތުރަށް ފެށި އެ ބޯޓުގައި މުޅިން ވެސް ތިބީ ރެފިއުޖީންގެ ގޮތުގައި އިޓަލީގެ ލަމްޕަޑޫސާ ޖަޒީރާ އަށް ދަތުރުކުރި، އެފްރިކާގެ ގައުމުތަކުގެ މީހުންނެވެ.

ޓިއުނީޝިޔާ ސަރުކާރުން ބުނި ގޮތުގައި އެ ހާދިސާގައި މިހާތަނަށް ސަލާމަތް ކުރެވިފައިވަނީ އެންމެ ދެ މީހުންނެވެ. އެހެންކަމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 37 އަށް އަރާ ކަމަށް ޓިއުނީޝިޔާ އިން ބުނެ އެވެ.

މޮރޮކޯ އިން ބުނި ގޮތުގައި އެ ގައުމުގެ ހުޅަނގު ފަރާތު ފަރަށް އުރުނު ބޯޓަކީ މޮރޮކޯގެ ދެކުނުން އޮންނަ ވެސްޓަން ސަހާރާގެ ބަނދަރަކުން ފުރައިގެން ސްޕެއިންގެ ކެނެރީ ޖަޒީރާ އަށް ދަތުރުކުރި ބޯޓެކެވެ. އެ ބޯޓު ފަރަށް އުރުނު އިރު އެއިން ދަތުރުކުރި މީހުންގެ އަދަދެއް ކަށަވަރު ނުވާ ކަމަށާއި، ނަމަވެސް ބޯޓު ފޫގޮސްގެން އަޑިއަށް ދިއުމުގެ ހާދިސާގައި މަރުވި ފަސް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މޮރޮކޯ އިން ބުންޏެވެ.

މި ހާދިސާގައި ސަލާމަތްވި 189 މީހަކު މިހާރު ވަނީ ސިއްހީ އެހީތެރިކަން ދިނުމަށް ވެސްޓަން ސަހާރާގެ ހޮސްޕިޓާލަކަށް ގެންގޮސްފަ އެވެ. މޮރޮކޯ ސަރުކާރުން ބުނި ގޮތުގައި މި ބޯޓުން ދަތުރުކުރި އެންމެންނަކީ ވެސް، ސެނެގޯލްގެ ރައްޔިތުންނެވެ.