12 ފެބުރުއަރީ 2023
މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިޔާ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ގައުމުގެ ފަސް މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.
މި މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިޔާ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ގައުމުގެ ފަސް މިލިއަނެއްހާ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.
ރެފިއުޖީންގެ ކަންތައް ބަލަހައްޓާ އދ.ގެ ހައި ކޮމިޝަނާގައި ހުންނަވާ ސީރިޔާގެ މަންދޫބު ސިވަންކާ ދަނަޕާލާ ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ސީރިޔާގެ 5.3 މިލިއަން މީހުން ގެދޮރު ނެތިފައިވާ ކަމަށް ލަފާ ކުރެވެ އެވެ. ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އާބާދީގެ ގިނަ ބަޔަކު މިހާރުވެސް ގެދޮރު ގެއްލި، އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފައިވާ އިރު، ބިންހެލުމުގެ ސަބަބުން މިހާ ގިނަ ބަޔަކު ހާލުގައި ޖެހުމަކީ އެ ގައުމަށް ކުރިމަތިވި އިތުރު ބުރައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީރިޔާ އަށް ބަލާއިރު މިއީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން. މިހާރު ވެސް އެ ގައުމު އޮތީ އިގްތިސާދީ ޝޮކެއްގެ ތެރޭގައި. ކޮވިޑް ވެސް ފެތުރެމުން ދާއިރު، ބިން ހެލުން އައި ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގަދަ ފިނީގެ ތެރޭގައި އެދަނީ ބޯކޮށް ވާރޭ ވެސް ވެހެމުން،" ސިވަންކާ ދަނަޕާލާ ވިދާޅުވި އެވެ.
ރިކްޓާ މިންގަނޑުން 7.8 އާއި 7.6ގެ ބާރުމިނުގައި އައި ދެ ބިންހެލުމުގައި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ގެދޮރު ނެތިފައިވާ މީހުން މިވަގުތު ދިރިއުޅެމުން އަންނަނީ، އެ ގައުމުގެ 12 އަހަރުވީ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހަދާފައިވާ ވަގުތީ ހިޔާތަކުގަ އާއި ވަގުތީ ފޭލިގެތަކުގަ އެވެ.
ވަގުތީ ހިޔާތަކާއި ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުން ދާ މީހުންގެ ތެރޭގައި، ބިންހެލުމުގައި ނުވެއްޓި ހުރި ބައެއް އިމާރާތްތަކުގައި ދިރިއުޅޭ މީހުން ވެސް ހިމެނެ އެވެ. އެމީހުން ދިރިއުޅޭ އިމާރާތްތައް ނުވެއްޓި ހުރި ނަމަވެސް، ބާރު ގަދަ ދެ ބިންހެލުމަށް ފަހުގައި އަރަމުންދާ ލޮޅުންތަކުގެ ސަބަބުން، އެ އިމާރާތްތައް ވެސް ވެއްޓިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެ އިމާރާތްތަކަށް ވަންނަން ނުކެރެނީ އެވެ.
މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން، ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 29000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރެއިން ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
ސިވަންކާ ދަނަޕާލާ ވިދާޅުވި ގޮތުގައި ސީރިޔާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ރެފިއުޖީންގެ ކަންތައް ބަލަހައްޓާ އދ.ގެ ހައި ކޮމިޝަންގެ ފަރާތުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ބިންހެލުން އައުމުގެ ކުރިން ވެސް، ގެދޮރު ގެއްލި ވިއްސިވިހާލިވެފައިވާ 6.8 މިލިއަން މީހުން ދިރިއުޅެމުން އައި ސީރިޔާ އަށް މިހާރުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ގޮންޖެހުންތައް ވަރަށް ގިނަ އަދި ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީރިޔާގައި ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު ތިބީ، ސީރިޔާ ސަރުކާރުގެ ބާރު ނުހިނގާ ސަރަހައްދުތަކުގަ އެވެ. އެ ސަރަހައްދުތަކުގެ ކޮންޓްރޯލް އޮންނަނީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތުގަ އެވެ.
ތުރުކީގެ ބިންހެލުން: 612 މީހެއްގެ މައްސަލަ ބަލަނީ
އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު
ބިންހެލުމުގައި މަރުވި އަދަދު 46،000 އިން މައްޗަށް
10 ދުވަސް ފަހުން 5 މީހަކު ސަލާމަތް ކޮށްފި
ބިންހެލުން: ތުރުކީ ސަރުކާރު ކޮންޓްރެކްޓަރުންގެ ފަހަތުން
ތުރުކީ ބިންހެލުން: މަރުވި އަދަދު 29000ން މައްޗަށް
ބިންހެލުން: މީހުން ސަލާމަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ
ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމާއި އުންމީދު
ތުރުކީ ބިންހެލުން: މަރުވި އަދަދު 9600 ން މައްޗަށް
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް