Roadha Mihaaru
ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމާއި އުންމީދު

ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމާއި އުންމީދުގެ މަންޒަރުތަކެއް

09 ފެބުރުއަރީ 2023

ރޭގަނޑުގެ ފުން ނިދީގައި ތިއްބައި، އިމާރާތްތަކަށް އަރަން ފެށި ލޮޅުންތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބާރުވަމުން ގަދަފަދަވަމުން ފެށި އެވެ. ތުރުކީ އާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކަށް ހޭލެވެން ފެށީ، ދޮރުތަކުގެ ބިއްލޫރިތައް މުގުރިގެން ފައިބާ އަޑަށެވެ.

ރޭގަނޑުގެ ފުން ނިދީގައި ތިއްބައި، އިމާރާތްތަކަށް އަރަން ފެށި ލޮޅުންތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބާރުވަމުން ގަދަފަދަވަމުން ފެށި އެވެ. ތުރުކީ އާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކަށް ހޭލެވެން ފެށީ، ދޮރުތަކުގެ ބިއްލޫރިތައް މުގުރިގެން ފައިބާ އަޑަށެވެ.

އިސާހިތަކު ކަރަންޓު ކެނޑި މުޅި ތަނަށް ވެރިވީ އަނދިރިކަމެވެ. ބޯމައްޗަށް އެ ފައިބަން ފެށީ، ސީލިންގުން ނެއްޓޭ އެތިކޮޅުތަކެވެ. އެ އެތިކޮޅުތައް ބޮޑެތި އެތިގަނޑުގަނޑުގެ ގޮތުގައި ގައިމައްޗަށް ވެއްޓެން ފެށިތާ ހިނދުކޮޅެއްގެ ތެރޭގައި ކުނޑިކުނޑިވެ ސުންނާފަތިވެގެން ބިމާ ހަމަވެގެން އެދިޔައީ، 10-15 ބުރިއަށް ހުރި އިމާރާތްތަކެވެ.

ނިދާފައި ތިއްބާ ހޭލެވިގެން އެނދުން ތެދުވާނެ ވަގުތު ވެސް ގިނަ މީހުންނަށް ނުލިބެނީސް، މުޅި އިމާރާތް ވެއްޓި އިމާރާތުގެ ދަށުގައި އެތައް ހާސް އާއިލާއެއް ހުރި ގޮތަށް ވަޅުލެވިގެން ދިޔައީ އެވެ. ގަދަ ފިންޏާއި ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރޭގައި ކުރިމަތިވި މި ބިރުވެރި ކާރިސާ އިން ފުރާނަ ސަލާމަތްވި މީހުން ވެސް އެތައް އިރެއް ވަންދެން ތިބީ ލިބުނު ކުއްލި ޝޮކުގައި ގަނޑުވެފަ އެވެ.

އެއީ މިދިޔަ ހޯމަ ވިލޭރޭ ތުރުކީގެ އިރުމަތީ ސަރަހައްދަށް ބާރު ގަދަ ބިންހެލުން އައި ވަގުތު ރެކޯޑް ކުރެވިފައި ހުރި ބައެއް ވީޑިއޯ މަންޒަރުތަކުން ފެނުނު، އެ ބިރުވެރި ނުރައްކާތެރި ހާދިސާގެ ވަރަށް ކުޑަ މިންވަރެކެވެ.

އެ ބިރުވެރި ހާދިސާ ހިނގިތާ ފަސް ދުވަސް ވެގެން ދާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކެނޑިނޭޅި އަދިވެސް ދަނީ ކުރިއަށެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކަށް، އެކަމުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ފަސް ދުވަސް ވެގެންދާ އިރު ވެސް، ދިރި ތިބި މީހުންނާއި ކުދިން އެ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވުމެވެ.

ނަމަވެސް ފެންނަނީ ކެކުޅުމާއި ވޭނާއި ހިތްދަތިކަމުގެ މަންޒަރުތަކެވެ. ބައެއް ފަހަރު އުފަލުގެ ކަރުނަ ދެ ލޮލުން ހިލިގެންދާ އިރު، ދެން ފެންނަ މަންޒަރުން އޮހިގެން ބަންޑުންދަނީ ހިތާމައިގެ ކަރުނަ އެވެ. އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުން އިވެނީ ގިސްލައި ރުއިމާއި ހިތާމައިގެ ވޭނީ އަޑުތަކެވެ.

ތުރުކީގައި ވެއްޓިފައިވާ އިމާރާތެއްގެ ގާކުނޑިތައް ކޮންނަމުން ދަނިކޮށް ފެނުނީ، ބަންޑުން އޮތް ފިރިހެނެއްގެ ފުރާނަ ނެތް ހަށިގަނޑެވެ. ގާކުނޑިތައް ހާވައިގެން އެ ހަށިގަނޑު ނެގި އިރު، އޭނާގެ ގައި ދަށުގައި އޮތީ، އޭނާގެ ކުޑަ ފިރިހެން ދަރިފުޅެވެ. ގައި މައްޗަށް އިމާރާތުގެ ބައިތައް ވެއްޓިގެން ބައްޕަ މަރުވި އިރު، ދަރިފުޅުގެ ފުރާނަ ސަލާމަތްވީ ބައްޕަގެ ހަށިގަނޑުން ލިބުނު ހިމާޔަތުންނެވެ.

ބިންހެލުން އައިތާ 56 ގަޑިއިރު ފަހުން، އިމާރާތެއްގެ ދަށުން އިއްޔެ ސަލާމަތް ކުރެވުނު އެއް ފުރާނައަކީ ދެ އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އާއިލާގެ އެހެން އެންމެން އިމާރާތުގެ ދަށުވެގެން މަރުވިއިރު، އެ ކުއްޖާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނެތެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އެއް ވީޑިއޯއަކީ ސީރިޔާގެ އިމާރާތެއްގެ ދަށުގައި ތާށިވެފައި ހުރި ޒުވާން ފިރިހެން ކުއްޖަކު، އިމާރާތުގެ ދަށުގައި ހިރަފުހާ ތަތްތެޅިގެން ހުރެ ނަގާފައިވާ މަންޒަރުތަކެކެވެ. އޭގައި އޭނާ ބުނެ އެވެ؛ "މި ވީޑިއޯ ހަދާއިރު އަހަރެން ދިރި ހުންނާނެ ކަމެއް މަރުވާނީ ކަމެއް ނޭނގެ. ކަލޭމެންނަށް ފެންނާނެ މި ތަން އޮތް ހާލަތު. ހުރިހާ ހާލަތެއްގައި ވެސް ﷲ އަށް ހަމްދުކުރަން. ﷲއީ އެއްކައުވަންތަ ރަސްކަލާނގެ ކަމަށާއި މުހައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް އަހަރެން ހެކިވަން."

"އަހަރެން ދިރި ހުންނާނެ ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ. މި ވީޑިއޯ އެހެން ބަޔަކާ ހިއްސާ ކުރެވިއްޖެއްޔާ އޭގެ މާނައަކީ އަހަރެންގެ ފުރާނަ ސަލާމަތް ވިއްޔޭ. މި ޙާލަތު މެދުވެރިވުމުން ނޫނީ، މި ހާލަތުގައި މި ކުރެވޭ އިހްސާސް އެކަކަށް ވެސް ވަޒަނެއް ނުކުރެވޭނެ. ވެއްޓިފައިވާ މިފަދަ އިމާރާތެއްގެ ދަށުވުމުން ނޫނީ މި ޙާލަތު ދެނެއެއް ނުގަނެވޭނެ. ކަލޭމެން އަމިއްލައަށް މި މަންޒަރު ނިކަން ދެކިބަލަ. މިއީ އިމާރާތުގެ ހަލާކުވެފައިވާ ބައިތަކުގެ ދަށް. މި ތަނުގައި ވެސް ދެތިން އާއިލާއަށް ވުރެ ގިނަ މީހުން އެބަ ތިބިކަމަށް ލަފާކުރެވޭ. އެމީހުންގެ ހަޅޭކުގެ އަޑު އިވޭތަ. އެއީ އަހަރެންގެ އަވައްޓެރިން. މާތް ﷲ އަހަރެމެންނަށް މަދަދު ދެއްވާނެ. އެ ވަރުގަދަ ބިންހެލުން ސިފަ ކޮށްދޭނީވެސް ކިހިނެއް؟"

އަނެއް ވީޑިއޯއެއްގައި ފެންނަނީ، ދެބައި އުމުރުގެ ފިރިހެނަކު ގާފުނިތަކުގެ ކައިރީގައި މޮޅިވެރިކަމާއެކު މަޑުކޮށްލައިގެން އިން މަންޒަރެވެ. ގިސްލައި ރޮމުން އޭނާ ދުއާ ކުރަމުން ދިޔައީ އޭނާގެ ދަރިފުޅު ދިރިހުއްޓާ ފެނުން އެދިގެންނެވެ. ދެ ދުވަހުގެ ދިގު އިންތިޒާރަށް ފަހު، އޭނާގެ ދަރިފުޅު ދިރި އޮއްވައި ވަނީ ސަލާމަތް ކުރެވިފަ އެވެ.

ސީރިޔާގައި ވެއްޓިފައި އޮތް 10 ބުރީގެ އިމާރާތެއްގެ ބައިތައް އިއްޔެ ނަގަމުން ދިޔައިރު، ކޮންކްރީޓް ޝީޓެއްގެ ދަށުން ހަރަކާތެއް ފާހަގަކުރެވުނެވެ. ގާކުނޑިތައް އެއްފަރާތަށް ކަހައިލި އިރު، ފުރަތަމަ ފެނުނީ ފަން އިސްތަށިގަނޑެކެވެ. ވެލިތައް ކަހައިލި އިރު އެންމެ ތިން އަހަރުގެ ތުއްތު އަންހެން ކުއްޖެކެވެ.

ގާކުނޑިތަކުގެ ތެރޭގައި ވަޅުލެވިފައި އޮތް އެ ތުއްތު ކުއްޖާ، ބިންހެލުން އައިތާ ތިން ދުވަސް ފަހުން، ދުނިޔެއަށް ލޯ ހުޅުވައިލެވުމާ އެކު، ހައިރާންކަމާ އެކު އެތައް އިރެއް ވަންދެން ބަލަން އިނެވެ. ހިރަފުހުން ތަތްވެ، ޒަޚަމްތަކާ އެކު ގާތަކުގެ ތެރޭގައި ތާށިވެފައި އޮތް އެ ތުއްތު ކުއްޖާ ސަލާމަތް ކުރެވުނު އިރު، އެ އާއިލާގެ އެހެން މީހަކު ނުފެނެ އެވެ.

ބިންހެލުން އައިތާ 36 ގަޑިއިރު ފަހުން ސީރިޔާގެ އިމާރާތެއްގެ ދަށުން ސަލާމަތް ކުރެވުނު އެއްބަނޑު އެއްބަފާ ދެބެންގެ ވީޑިއޯވެސް ދަނީ ސޯޝަލް މީޑިއާގައި ވަރަށް ހަލުވިކޮށް ފެތުރެމުންނެވެ. އިމާރާތުގެ ފާރުތަކުގެ ގާކުނޑިތަކާއި މަތިން ވެއްޓުނު ޝީޓެއްގެ ދެމެދުގައި ތާށިވެފައި ތިބި ދެ ކުދިންގެ ތެރެއިން 10 އަހަރުގެ އަންހެން ކުއްޖާ، އޭނާގެ ފިރިހެން ކޮއްކޮ އީލާފަށް ހިތްވަރު ދެމުން ގެންދިޔައީ ބޮލަށް އެއްޗެއް ވެއްޓިދާނެތީ ކޮއްކޮގެ ބޯމަތީގައި އޭނާގެ އަތް އަޅާލައިގެން އޮވެ އެވެ.

"އަހަރެންެ މިތަނުން ނެރެދީ، ކަލޭމެން ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. ކަލޭމެންގެ ޚާދިމަކަށް އަހަރެން ހުންނާނަން،" މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ފެނުމާއެކު، އިމާރާތުގެ ދަށުގައި ތާށިވެފައި އޮތް، އުމުރުން 10 އަހަރުގެ މަރިޔަމް ބުންޏެވެ.

އޭރު މަރިޔަމް އޮތީ އޭނާގެ ކައިރީގައި އޮތް ފިރިހެން ކޮއްކޮގެ މޫނުމަތިން ހިރަފުސްތައް ފޮޅައިދޭށެވެ. ނަމަވެސް މެއިން ފެށިގެން ތިރީކޮޅު، ގާކުނޑިތަކުގެ ތެރޭގައި ވަޅުލެވިފައި އޮތުމުން، އެ ތަނުން ތެދުވެވޭނެ ގޮތެއް ނެތެވެ. އެ ދެބެން ތާށިވެފައި ތިބީ އެ ކުދިން ނިދާފައި ތިބި އެނދުގެ މަތީގަ އެވެ.

އެ ދެބެންގެ ބައްޕަ މުސްތަފާ ޒުހައިރު ބުނި ގޮތުގައި އެ ރޭ ދަންވަރު ބާރުގަދަ ބިންހެލުން އައި އިރު އޭނާގެ އަންހެނުންނާއި ތިން ދަރިންވެސް ތިބީ ނިދައިފަ އެވެ. ބާރުގަދަ ގުޑުމަކާ އެކު ހޭލެވުނުތަކާ ގައި މައްޗަށް އެއްޗެހިތައް އެޅެން ފެށި އެވެ. އަދި އިރުކޮޅެއްގެ ތެރޭގައި އިމާރާތް ފުނޑުފުނޑުވެގެން ފޭބުމާއެކު، އިމާރާތުގެ ދަށުގައި ތާށިވި އެވެ.

ދެ ދުވަސް ވަންދެން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި އިރު، އެމީހުން ހިތްވަރު ލިބިގަތީ ގުރުއާން ކިޔަވައިގެންނެވެ. އަދި އެހީ ދޭން އަންނަ މީހުންނަށް އަޑު އިއްވުމަށްޓަކައި ދޭތެރެ ދޭތެރެއިން އަޑު ގަދަކޮށް ހަޅޭއްލަވަމުން ގެންދިޔަ އެވެ.

މިފަދަ ކޮންމެ މަންޒަރަކާ އެކު، މީހުން ހޯދާ ޓީމުތަކަށް ހިތްވަރާއި އުފާވެރިކަން ލިބުނަސް، އިމާރާތްތަކުގެ ދަށުން ފެންނަ މަރުވެފައިވާ މީހުންގެ އަދަދު ގިނަކަމުން، ލިބޭ ވޭނާއި ހިތާމަ މާ ބޮޑެވެ.

މިދިޔަ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާތަނަށް 17100 އަށް ވުރެ މައްޗަށް އަރައިފި އެވެ. އޭގެ ތެރޭގައި ތުރުކީ ވިލާތުން މަރުވި 14000 އަށް ވުރެ ގިނަ މީހުންނާއި ސީރިޔާ އިން މަރުވި 3100 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ.

ހޯމަ ވިލޭރެ އިން ފެށިގެން މިއަދާ ހަމައަށް ވެސް، އެ ސަރަހައްދަށް އެކި ބާރުމިނުގެ ލޮޅުންތައް އަންނަމުން ދާތީ، ބާރުގަދަ އިތުރު ބިންހެލުމެއް އަތުވާނެ ކަމުގެ ބިރުގައި، ތުރުކީ އާއި ސީރިޔާގެ އެތައް ހާސް ބަޔަކު މިހާރު ވެސް ދިރިއުޅެމުން އަންނަނީ ހުސް މައިދާންތަކާއި މަގުތަކުގަ އެވެ.

ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާންމަރަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.