Roadha Mihaaru
ތުރުކީ ބިންހެލުން: މަރުވި އަދަދު 9600 ން މައްޗަށް

ތުރުކީ ބިންހެލުން: މަރުވި އަދަދު 9600 އިން މައްޗަށް

08 ފެބުރުއަރީ 2023

މިދިޔަ ހޯމަ ވިލޭރޭ ދަންވަރު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި، އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 9600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރި ހުރި މީހަކު ފެނޭތޯ ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެ އެވެ.

މިދިޔަ ހޯމަ ވިލޭރޭ ދަންވަރު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި، އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން މަރުވި މީހުންގެ އަދަދު 9600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރި ހުރި މީހަކު ފެނޭތޯ ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެ އެވެ.

ތުރުކީގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ބިންހެލުންތަކުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން، އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7108 އަށް އަރައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ސީރިޔާ އިން ބުނި ގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވެސް މެދުނުކެނޑި ކުރިއަށް ދާއިރު، މަރުވި މީހުންގެ އަދަދު 2530 އަށް ވުރެ މައްޗަށް ހިނގައްޖެ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މުޅިން ކަށަވަރު ނުވާ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތް ކުރެވިފަ އެވެ. ނަމަވެސް އިމާރާތްތައް ވެއްޓުނުތާ ތިން ދުވަސް ވެގެންދާއިރު، އިތުރު މީހުން ދިރި ތިއްބައި ފެނުމުގެ ފުރުސަތު ކުޑަ ކަމަށް، މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ ޓީމުތަކުން ބުނެ އެވެ.

ނަމަވެސް ބިންހެލުން އައިތާ 54 ގަޑިއިރު ފަހުން، އިމާރާތެއްގެ ދަށުން ކުޑަ ފިރިހެން ކުއްޖަކު ވަނީ ދިރި ހުއްޓައި ސަލާމަތް ކޮށްފަ އެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމަށް އެ ކުއްޖާ ފެނުނީ އިމާރާތެއްގެ ދަށުގައި ގާކުނޑިތަކުގެ ތެރޭގައި ތާށިވެފައި އޮއްވަ އެވެ. އެ ކުއްޖާ ފެނުމާއެކު، އެންމެ ފުރަތަމަ އޭނާ އަށް ބޯފެން ދިނީ، ފުޅިއެއްގެ މަތިގަނޑަކަށް އަޅައިގެންނެވެ. އެއަށް ފަހު، ގާކުނޑިތައް އެއްފަރާތް ކޮށް އެ ކުއްޖާ ނެގުމަށްފަހު، މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.

ސީރިޔާގައި ވެސް ވަނީ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުން، 45 ގަޑިއިރު ފަހުން، ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކޮށްފަ އެވެ. ސީރިޔާގެ އިދުލިބްގެ އަވަށެއްގައި ހުރި އިމާރާތެއްގައި ދިރިއުޅޭ އެ ކުއްޖާ ފެނުނީ، އޭނާ ދިރިއުޅޭ އިމާރާތް ވެއްޓި ބިމާ ހަމަވެފައި ވަނިކޮށް، އެ އިމާރާތުގެ ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި އޮއްވަ އެވެ.

ތުރުކީ ވިލާތާއި ސީރިޔާ އިން އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ އިރު، ބައިނަލްއަގުވާމީ މުޖްތަމައުގެ ސަމާލުކަން ބޮޑަށް ހުއްޓިފައިވަނީ ތުރުކީ ވިލާތަށެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ސީރިޔާ އަށް މާ ބޮޑު އަޅާލުމެއް ނުދޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ އިރު، އެހީދޭ ބައެއް ޖަމާއަތްތަކުން ވަނީ، ހާލުގައި ޖެހިފައިވާ މީހުންނަށް ހަމަހަމަކަމާ އެކު އެހީ ފޯރުކޮށްދިނުމަށް ސީރިޔާ ސަރުކާރަށް ގޮވާލައިފަ އެވެ.

ސީރިޔާ އިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން 4.4 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ފޮނުވަން ޗައިނާ އިން އިއްޔެ މިއަދު ވަނީ ނިންމައިފަ އެވެ. ބިންހެލުން އައުމާއެކު ޗައިނާ އިން ވަނީ ފުރަތަމަ އެހީގެ ގޮތުގައި ސީރިޔާ އަށް 5.9 މިލިއަން ޑޮލަރުގެ ސާމާނު ފޮނުވަން ނިންމައިފަ އެވެ. އޭގެ އިތުރުން ކާބޯތަކެތީގެ އެހީ ވެސް ޗައިނާ އިން ސީރިޔާ އަށް ފޮނުވާނެ އެވެ.