19 ފެބުރުއަރީ 2023
މި މަހުގެ 4 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 46،000 އިން މައްޗަށް ހިނގައްޖެ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމުންނާއި އަވައްޓެރި ސީރިޔާ އިން ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 46،000 އިން މައްޗަށް ހިނގައްޖެ އެވެ.
ބިންހެލުން އައިތާ 12 ދުވަސް ވެގެން ދިޔައިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ކުރިއަށް އެބަދެ އެވެ. ތުރުކީ ވިލާތުން ބުނި ގޮތުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 40،640 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ސީރިޔާ އިން މަރުވި އަދަދު މުޅިން ކަށަވަރު ނުވިޔަސް، އެ ގައުމުން މަރުވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 5،800 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މި މަހުގެ 4 ވަނަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ. ވެއްޓުނު އިމާރާތްތަކާއި ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތަކާ އެކު، މި ބިންހެލުމުގައި ތުރުކީ ވިލާތުން ހަލާކުވި އިމާރާތްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 84000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މި ބިންހެލުމުގައި ތުރުކީ ވިލާތުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގައުމުތަކެއް އަންނަނީ ބައިވެރިވަމުންނެވެ. ނަމަވެސް ސީރިޔާ އިން ހާލުގައި ޖެހިފައިވާ މީހުންނަށް، ބައިނަލްއަގުވާމީ މުޖްތަމައުން އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ނުލިބޭ ކަމަށް، އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނެ އެވެ.
ސީރިޔާގައި ހަރަކާތްތެރިވާ ކިރްގިޒިސްތާނުގެ ރެސްކިޔު ޓީމުން ބުނި ގޮތުގައި ބިންހެލުން އައިތާ 12 ވަނަ ދުވަހު (ފެބްރުއަރީ 18) އިމާރާތެއްގެ ދަށުން، އެއް އާއިލާއެއްގެ ތިން މީހަކު ވަނީ ދިރިތިއްބައި ސަލާމަތް ކުރެވިފަ އެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުން އިއްޔެ ސަލާމަތް ކުރެވުނީ އެއް އާއިލާއެއްގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ ދެމަފިރިއަކާއި އެ ދެ މީހުންގެ ކުޑަ ދަރިފުޅެވެ. އެ ދެ މަފިރިންގެ ދޮށީ ދެ ދަރިން ވަނީ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި އިރު މަރުވެފަ އެވެ.
ސީރިޔާ އިން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ، ވޯލްޑް ފުޑް ޕްރޮގްރާމްގެ ފަރާތުން ބުނި ގޮތުގައި އެ ޖަމާއަތުގައި ހުރި އެހީގެ ސާމާނު މިހާރު ވަނީ ހުސްވުމަކާ ކައިރިވެފަ އެވެ. އެހެންކަމުން ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ ކާނާ އާއި ޒަރޫރީ އެހެން ސާމާނު އެ ސަރަހައްދަށް ގެއްދިއުމަށްޓަކައި، ތުރުކީ އާއި ސީރިޔާ ގުޅޭ ސަރަހައްދީ ރޮނގުން އިތުރު ދޮރާށިތައް ހުޅުވައިދިނުމަށް، އެ ޖަމާއަތުން ވަނީ ސީރިޔާ އަށް ގޮވާލައިފަ އެވެ.
ފެބްރުއަރީ 4 ވަނަ ދުވަހު (ހޯމަ)ގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.
ތުރުކީގެ ބިންހެލުން: 612 މީހެއްގެ މައްސަލަ ބަލަނީ
އާ ބިންހެލުންތަކުގައި ވެސް އިމާރާތްތައް ވެއްޓުނު
10 ދުވަސް ފަހުން 5 މީހަކު ސަލާމަތް ކޮށްފި
ބިންހެލުން: ތުރުކީ ސަރުކާރު ކޮންޓްރެކްޓަރުންގެ ފަހަތުން
ތުރުކީ ބިންހެލުން: މަރުވި އަދަދު 29000ން މައްޗަށް
ސީރިޔާގެ 5 މިލިއަނެއްހާ މީހުން ގެދޮރު ނެތިފައި: އދ
ބިންހެލުން: މީހުން ސަލާމަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ
ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމާއި އުންމީދު
ތުރުކީ ބިންހެލުން: މަރުވި އަދަދު 9600 ން މައްޗަށް
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް