Roadha Mihaaru
މޮރޮކޯގެ ބިންހެލުމުގައި މަރުވި އަދަދު 2800 އަށް

މޮރޮކޯގެ ބިންހެލުމުގައި މަރުވި އަދަދު 2800 އަށް

12 ސެޕްޓެމްބަރ 2023

މިދިޔަ ހުކުރު ދުވަހު (ސެޕްޓެމްބަރު 8، 2023)ގެ ރޭ މެންދަން ވަނިކޮށް މޮރޮކޯގެ ވެރިރަށް މުރާކިޝް ހިމެނޭ، މުރާކިޝް އާސިފީ ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2800 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިދިޔަ ހުކުރު ދުވަހު (ސެޕްޓެމްބަރު 8، 2023)ގެ ރޭ މެންދަން ވަނިކޮށް މޮރޮކޯގެ ވެރިރަށް މުރާކިޝް ހިމެނޭ، މުރާކިޝް އާސިފީ ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2800 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ފަސްދޮޅަސް އަހަރުގެ ތެރޭގައި މޮރޮކޯ އަށް އައި އެންމެ ބާރު ގަދަ ބިންހެލުމުގައި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާފައިވާ އިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ބެލެވެ އެވެ. ބިންހެލުން އައިތާ ހަތަރު ދުވަސް ފާއިތުވި އިރުވެސް، ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކޮށް ނުނިމޭތީ އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.

ރިކްޓާ މިންގަނޑުން 6.8ގެ ބާރުމިނުގައި އައި ބާރު ގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގައި، އިނގިރޭސި ވިލާތާއި ސްޕޭން އަދި ގަތަރުގެ ޓީމުތައް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މޮރޮކޯ ސަރުކާރުގެ ޓީވީ ޗެނަލުން ބުނި ގޮތުގައި ބިންހެލުމުގައި މަރުވި މީހުންގެ ރަސްމީ އަދަދެއް ކަމަށް މިހާތަނަށް ކަށަވަރުވެފައިވަނީ 2862 އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 2562 އަށް އަރާފައި ކަމަށް ވެސް މޮރޮކޯ ޓީވީން ބުނެ އެވެ.

ބިންހެލުން އައިތާ ތިން ދުވަސް ފަހުން ވެސް، އިމާރާތްތަކުގެ ދަށުން ބައެއް މީހުން ސަލާމަތް ކުރެވިފައިވާތީ، ދިރި ތިބި އިތުރު މީހުން އަދިވެސް ފެންނާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއް އެބަ އޮތް ކަމަށް، މީހުން ހޯދުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ބުނެ އެވެ. ކުއްތާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން، އިމާރާތްތަކުގެ ދަށުގައި ދިރި ތިބި މީހުން ތިބިކަން ކަށަވަރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މުރާކިޝް ސާފީ ސަރަހައްދުން ވެއްޓުނު އިމާރާތްތަކުގައި ކުރިން ދިރިއުޅުނު މީހުން ވަގުތީ ފޭލިގެތަކުގަ އާއި ހުސް ބިންތަކުގައި ޖިފުޓިތައް ޖަހައިގެން އުޅެމުން އަންނަ އިރު، އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ. އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި ހުޅަނގުގެ ގައުމުތަކުން ވެސް، އެކަށީގެންވާ ގޮތެއްގައި މޮރޮކޯ އަށް އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބިންހެލުން އައި ސަރަހައްދުގެ ގިނަ މަގުތައް ހަލާކުވެ، ވެއްޓިފައިވާ އިމާރާތްތަކުގެ ގާކުނޑިތައް މަގުތަކަށް އެޅި މަގުތައް ބަންދުވެފައިވާތީ، އެހީތެރިކަމުގެ ސާމާނު އެ ސަރަހައްދަށް ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް މޮރޮކޯ ސަރުކާރުން ބުނެ އެވެ. އެހެން ނަމަވެސް، އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެ ސަރަހައްދަށް އެހީގެ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެ އެވެ.

މޮރޮކޯ އާއި އެފްރިކާގެ އުތުރު ސަރަހައްދަށް މިއީ ފިނި މޫސުމުގެ ދުވަސްތައް ކަމަށްވުމުން، ހާލުގައި ޖެހިފައިވާ މީހުން، އާންމު މައިދާންތަކާއި ވަގުތީ ފޭލިގެތަކުގައި ރޭގަނޑު ހޭދަކުރަން ޖެހުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށް އެމީހުން ބުނެ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭ އިރު، ކުޑަކުދިންގެ ކާނާ ލިބެން ނެތުމަކީ ވެސް އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށް، އެހީދޭ ޓީމުތަކުން ބުނެ އެވެ.

މޮރޮކޯއަކީ އާސާރީ ވަރަށް ގިނަ ސަރަހައްދުތައް ހިމެނޭ ގައުމަކަށް ވާއިރު، ހުކުރު ދުވަހުގެ ބިންހެލުމުގައި އެފަދަ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޭގެ ތެރެއިން، ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމަނައި ހިމާޔަތް ކޮށްފައިވާ ގަދީމީ މުރާކިޝް ކިޔާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.