މެލްބަން (އޮގަސްޓް 4) - އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ޖާގަ ހޯދައި މޮރޮކޯ އަނެއްކާވެސް ތާރީހުން ޖާގަ ހޯދައިފި އެވެ.
04 އޯގަސްޓް 2023
މެލްބަން (އޮގަސްޓް 4) - އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ޖާގަ ހޯދައި މޮރޮކޯ އަނެއްކާވެސް ތާރީހުން ޖާގަ ހޯދައިފި އެވެ.
މޮރޮކޯގެ ފިރިހެން ގައުމީ ޓީމުން ވަނީ މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ތާރީހުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ. އަންހެން ވޯލްޑް ކަޕްގައި ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވުމާ އެކު އެޓީމު ވެފައި ވަނީ މި ޝަރަފް ހޯދި ފުރަތަމަ އަރަބި ގައުމަށެވެ. ހަމަ އެއާ އެކު މިއީ މިހާތަނަށް ނޮކައުޓް ބުރުން ޖާގަ ހޯދި ހަމައެކަނި އުތުރު އެފްރިކާގެ ގައުމެވެ.
މޮރޮކޯ އަކީ މިއަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ އަށް ގައުމުގެ ތެރެއިން ގައުމެކެވެ. މޮރޮކޯ ފިޔަވައި ދެން އަލަށް ވާދަކުރި ފިލިޕީންސް، ވިއެޓްނާމް، ޒަމްބިއާ، ހައީޓީ، ޕެނަމާ، ޕޯޗުގަލް އަދި އަޔަލެންޑް ވެސް ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ކޮލަމްބިއާ ބަލިކުރުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މޮރޮކޯ ނޮކައުޓް ބުރަށް ދިޔައީ އިއްޔެ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-0 އިން ކޮލަމްބިއާ ބަލިކޮށްފަ އެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ފްރާންސް ލީގުގައި ކުޅެމުން އަންނަ މިޑްފީލްޑަރު އަނީސާ ލަހުމާރީ އެވެ.
ފުރަތަމަ މެޗުގައި 6-0 އިން ވަރުގަދަ ޖަރުމަން އަތުން ބަލިވި ނަމަވެސް، ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މޮރޮކޯ ވަނީ 1-0 އިން ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ. އެއީ ވޯލްޑް ކަޕްގައި މޮރޮކޯ ހޯދި ފުރަތަމަ މޮޅެވެ. އަދި އެއީ މޮރޮކޯގެ ޑިފެންޑަރު ނުހައިލާ ބެންޒީނާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ހިޖާބް އަޅައިގެން ފުރަތަމަ ފަހަރަށް ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ހޯދި މެޗެވެ.
މޮރޮކޯ ނޮކައުޓް ބުރަށް ދަތުރުކުރީ ގުރޫޕްގެ އެއްވަނަ ހޯދި ކޮލަމްބިއާއާ އެއްވަރަށް، ހަ ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލަމްބިއާ އަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ދެކުނު ކޮރެއާ އާއި ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަން މިވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެމެއިކާއާ އެއްވަރުވެ، ބަރުގަދަ ބްރެޒިލް ވެސް ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އަދި ދެކުނު އެފްރިކާ އަތުން ބަލިވެގެން އިޓަލީ އަށް ވެސް މުބާރާތުގައި ކުރިއަށް ދެވޭގޮތެއް ނުވި އެވެ.
ޖުމްލަ 32 ޓީމާ އެކު އަށް ގުރޫޕަށް ބަހާލައިގެން ކުރިއަށް ގެންދާ ފުރަތަމަ އަންހެން ވޯލްޑްކަޕްގެ ގަދަ 16 ގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ އޮތީ ސްޕެއިން އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗެވެ. އެއަށް ފަހު ޖަޕާނާއި ނޯވޭ ބައްދަލުކުރާނެ އެވެ.
މި ބުރުގެ އެންމެ ފަހު މެޗުގައި މޮރޮކޯ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ. ފްރާންސް އަކީ މޮރޮކޯގެ ފިރިހެން ޓީމު، މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުން ކަޓުވާލި ޓީމެވެ.
5 އޮގަސްޓް، 10:00 / ސްވިޒަލެންޑް - ސްޕެއިން
5 އޮގަސްޓް، 13:00 / ޖަޕާން - ނޯވޭ
6 އޮގަސްޓް، 7:00 / ނެދަލެންޑްސް - ދެކުނު އެފްރިކާ
6 އޮގަސްޓް، 14:00 / ސްވިޑެން - އެމެރިކާ
7 އޮގަސްޓް، 12:30 / އިންގްލެންޑް - ނައިޖީރިއާ
7 އޮގަސްޓް، 15:30 / އޮސްޓްރޭލިއާ - ޑެންމާކް
8 އޮގަސްޓް، 13:00 / ކޮލަމްބިއާ - ޖެމެއިކާ
8 އޮގަސްޓް، 16:00 / ފްރާންސް - މޮރޮކޯ
ކެޓިޔަސް މޮރޮކޯ ކޯޗު ޓީމާ މެދު ފަހުރުވެރި ވެފައި
މޮރޮކޯއިން ކޮރެއާ ބަލިކޮށްފި، ބުރުގާއާ އެކު ޝަރަފެއް
މޮރޮކޯ އާއި މިސްރު ވެސް އެއް ވަނައިގައި ކުއާޓާ އަށް
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
އުފާވެރި ކަމަށްފަހު ދެން ލިބުނީ ބައްޕަގެ މަރުގެ ޚަބަރު
ޖަމައިކާ ޓީމުގެ ފަހަތުގައި ހުރީ ބޮބް މާލީގެ ދަރިފުޅު
ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން ކުއާޓާ އަށް
ފަހުމެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅިކޮށްލައިފި
ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ