Roadha Mihaaru

ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ

އޯކްލޭންޑް، ނިއު ޒީލެންޑް (އޯގަސްޓް 01) - ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްއާ 0-0 އިން އެއްވަރުކޮށް ހަނިގޮތަކަށް ޗެމްޕިއަން އެމެރިކާ ނޮކްއައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.

ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ
އަލީ ޝަހީމް
އަލީ ޝަހީމް

01 އޯގަސްޓް 2023

އޯކްލޭންޑް، ނިއު ޒީލެންޑް (އޯގަސްޓް 01) - ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލްއާ 0-0 އިން އެއްވަރުކޮށް ހަނިގޮތަކަށް ޗެމްޕިއަން އެމެރިކާ ނޮކްއައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.

އަންހެނުންގެ ވޯލްޑް ކަޕްގެ ގްރޫޕް އީގެ ފަހު މެޗުގައި އެމެރިކާ މިއަދުގެ މެޗަށް ނުކުތްއިރު އަނެއް ބުރަށް ދާން ބަލިނުވެ ފަރުޖައްސާލަން ޖެހުނެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި ނެދަލެންޑްސް ވަނީ 7-0 އިން ވިއެތުނާމް ބަލިކޮށް ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.

ނެދަލެންޑްސް ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ކަށަވަރު ކުރިއިރު، އެމެރިކާ އަށް ދެ ވަނަ ލިބުނީ ފަސް ޕޮއިންޓާ އެކު އެވެ. މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ ޕޯޗުގަލް އިން ހަތަރު ޕޮއިންޓް ހޯދި އެވެ. އެމެރިކާ އަތުން މޮޅުވި ނަމަ ޕޯޗުގަލް އަށް ދެ ވަނަ ބުރުން ފުރުސަތު ލިބުނީހެވެ. ގްރޫޕުގެ ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ވިއެތުނާމް އެވެ.

އެމެރިކާ ޓީމަށް މުބާރާތުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ވިއެތުނާމް އަތުން 3-0 އިން މޮޅުވި ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެޓީމަށް ގެއްލުނެވެ. ދެ ވަނަ މެޗުގައި ނެދަލެންޑްސްއާ ކުޅެ އެއްވަރުވީ އެވެ.

މިއަދު ޕޯޗުގަލުން ވަނީ އެމެރިކާގެ ވަރުގަދަ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި އެމެރިކާގެ ލީން ވިލިއަމްސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޕޯޗުގަލްގެ ގޯލްކީޕަރު އިނެސް ޕެރެއިރާ މަތަކުރި އެވެ. މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ އަނާ ކަޕޭޓާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ޕޯޗުގަލް މެޗަކީ 2015 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި އެމެރިކާ އަށް ގޯލެއް ނުޖެހުނު ފުރަތަމަ މެޗެވެ.

އެމެރިކާ އަކީ އަންހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަކީ ވެސް އެމެރިކާ އެވެ.

ދެ ވަނަ ބުރުގައި އެމެރިކާ ވާދަކުރަން ޖެހޭނީ ގްރޫޕް ޖީގެ އެއް ވަނަ ޓީމާ އެވެ. އެ ގްރޫޕުގެ އެއް ވަނައިގައި މިވަގުތު އޮތީ ހަ ޕޮއިންޓާ އެކު ސްވިޑެން އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އިޓަލީ އޮތްއިރު ސައުތު އެފްރިކާ އާއި އާޖެންޓީނާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ވޯލްޑް ކަޕްގެ ގަދަ 16 އިން މިހާތަނަށް ޖާގަ ކަށަވަރުކޮށްފައިވަނީ ނެދަލެންޑްސް އާއި އެމެރިކާގެ އިތުރުން ސްވިޒަލެންޑް، އޮސްޓްރޭލިއާ، ނައިޖީރިއާ، ޖަޕާން، ސްޕެއިން، އިންގްލެންޑް އަދި ޑެންމާކް އެވެ.