އޯކްލޭންޑް، ނިއުޒިލެންޑް (ޖުލައި 20) - އަންހެން ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް 32 ޓީމާ އެކު ބާއްވާ "ފީފާ ވިމެންސް ވޯލްޑް ކަޕް" މިއަދު ފަށާނެ އެވެ.
20 ޖުލައި 2023
އޯކްލޭންޑް، ނިއުޒިލެންޑް (ޖުލައި 20) - އަންހެން ފުޓްބޯޅައިގެ ތާރީހުގައި ފުރަތަމަ ފަހަރަށް 32 ޓީމާ އެކު ބާއްވާ "ފީފާ ވިމެންސް ވޯލްޑް ކަޕް" މިއަދު ފަށާނެ އެވެ.
މިފަހަރުގެ މުބާރާތް ބާއްވަނީ ނިއުޒިލެންޑާއި އޮސްޓްރޭލިއާގަ އެވެ. މިއީ ދެ ގައުމެއް އެކުވެގެން އަންހެނުންގެ ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ހަތަރު އަހަރު ކުރިން ފްރާންސްގައި އޮތް އަންހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރީ 24 ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭ ގައި ހިމެނޭ ނިއު ޒީލެންޑް ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ. މިއަދު ކުޅޭ ދެ ވަނަ މެޗުގައި އޮސްޓްރޭލިއާ އާއި ރިޕަބްލިކް އޮފް އަޔަލެންޑް ވާދަކުރާނެ އެވެ.
ފުރަތަމަ މެޗުގެ ކުރިން ނިއުޒިލެންޑްގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. ހާދިސާ ހިނގީ މެޗު ކުޅެން އޮތް އޯކްލޭންޑް ސިޓީގެ އެޑެން ޕާކް ސްޓޭޑިއަމްއާ މާ ދުރުނޫން ހިސާބެއްގަ އެވެ. ހާދިސާއާ ގުޅިގެން ނިއުޒިލެންޑްގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ 64 މެޗުގެ ތެރެއިން ނުވަ މެޗު އެ ސިޓީގައި ކުޅޭނެ އެވެ.
ހިތާމަވެރި ހާދިސާ ހިނގި ނަމަވެސް ފީފާ އިން ބުނީ ތާވަލްކޮށްފައިވާ ގޮތަށް ނިއު ޒީލެންޑް އަދި އޮސްޓްރޭލިއާގައި ވެސް މިއަދުގެ މެޗުތައް ކުރިއަށްދާނެ ކަމަށެވެ. އެ ދެ މެޗު ބެލުމަށް ގާތްގަނޑަކަށް ލައްކައެއްހާ ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ.
ދެ ގައުމުގެ ނުވަ ސިޓީގައި މެޗު ކުޅޭނީ 10 ސްޓޭޑިއަމްގަ އެވެ. މުބާރާތް ފެށުމުގެ ކުރިން 1.3 މިލިއަން ޓިކެޓް ވަނީ ވިކިފަ އެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން އަންދާޒާ ކުރަނީ ޓީވީ މެދުވެރިކޮށް ދެ ބިލިއަން މީހުން މިފަހަރުގެ މުބާރާތް ބަލާނެ ކަމަށެވެ. އެއީ އެންމެ ފަހުގެ ވޯލްޑް ކަޕާ އަޅާބަލާއިރު ދެ ގުނަ އަދަދެކެވެ.
"ފުޓްބޯޅައިގައި އަންހެނުންނަށް ކުރިމަގު އެބައޮތް. މިއީ އެންމެ ފުރިހަމަ އަންހެން ވޯލްޑް ކަޕަށް ވާނެ،" މުބާރާތުގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.
މިފަހަރުގެ މުބާރާތުގައި އަލަށް އަށް ގައުމު ވާދަކުރާނެ އެވެ. އެއީ ރިޕަބްލިކް އޮފް އަޔަލެންޑް، ވިއެޓްނާމް، ޒެމްބިއާ، ހެއިޓީ، މޮރޮކޯ، ޕެނަމާ، ފިލިޕިންސް އަދި ޕޯޗުގަލް އެވެ.
އަންހެނުންގެ ވޯލްޑް ކަޕް 2019 ވަނަ އަހަރު ފްރާންސްގައި ކާމިޔާބުކުރީ އެމެރިކާ އެވެ. އެގައުމުން ވަނީ މިހާތަނަށް ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެއް ވަނައިގައި އޮތީ ވެސް އެމެރިކާ އެވެ. ރޭންކިންގެ އެންމެ ފުލުގައި އޮތީ 77 ވަނައިގައި އޮތް ޒެމްބިއާ އެވެ.
ނިއުޒިލެންޑާއި ނޯވޭ ވާދަކުރާ މެޗު ފަށާނީ މިއަދު މެންދުރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. ދެ ވަނަ މެޗުގައި އޮސްޓްރޭލިއާ އާއި އަޔަލެންޑް ކުޅޭނީ މިއަދު 3 ޖަހާއިރު އެވެ. ފައިނަލް މެޗު އޮސްޓްރޭލިއާގައި އޮންނާނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.
ފަހުމެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅިކޮށްލައިފި
އެލިސް އެމެރިކާ އަންހެން ޓީމުގެ ކޯޗުކަން ދޫކޮށްލައިފި
އުފަން ދުވަހު އަލެކްސް މޯގަން އަށް ހާއްސަ އުފަލެއް
މާތާގެ ޖާދުލާއެކު ބްރެޒިލުން ކޮޕާ އެމެރިކާ ހޯދައިފި
އުފާވެރި ކަމަށްފަހު ދެން ލިބުނީ ބައްޕަގެ މަރުގެ ޚަބަރު
ކެޓިޔަސް މޮރޮކޯ ކޯޗު ޓީމާ މެދު ފަހުރުވެރި ވެފައި
ޖަމައިކާ ޓީމުގެ ފަހަތުގައި ހުރީ ބޮބް މާލީގެ ދަރިފުޅު
ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން ކުއާޓާ އަށް
އަންހެން ވޯލްޑް ކަޕުގައި ވެސް މޮރޮކޯ ތާރީހުގެ ތެރެއަށް
ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ