Roadha Mihaaru

ފަހު މެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅި ކޮށްލައިފި

މެލްބަން، އޮސްޓްރޭލިއާ (އޮގަސްޓް 2) - ވޯލްޑް ކަޕްގައި އެންމެ ފަހުގެ ފެނިލުން ސިފަ ކޮށްދޭން އެދުމުން ބްރެޒިލްގެ އަންހެން ފުޓްބޯޅަ ލެޖެންޑް މާތާ ފެންކަޅި ކޮށްލައިފި އެވެ.

ފަހުމެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅިކޮށްލައިފި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

02 އޯގަސްޓް 2023

މެލްބަން، އޮސްޓްރޭލިއާ (އޮގަސްޓް 2) - ވޯލްޑް ކަޕްގައި އެންމެ ފަހުގެ ފެނިލުން ސިފަ ކޮށްދޭން އެދުމުން ބްރެޒިލްގެ އަންހެން ފުޓްބޯޅަ ލެޖެންޑް މާތާ ފެންކަޅި ކޮށްލައިފި އެވެ.

އަންހެނުންގެ ވޯލްޑް ކަޕްގެ ތާރީހުގައި ބްރެޒިލް އަށް އަދި ތަށި އުފުލާލެވޭ ވަރެއް ނުވެ އެވެ. އެންމެ ގާތަށް ވެސް ދިޔައީ 2007 ވަނަ އަހަރުގެ ފައިނަލަށެވެ. ނަމަވެސް އަންހެނުންގެ ފުޓްބޯޅައިގައި ވެސް ބްރެޒިލް އަކީ ނުފޫޒު ގަދަ ގައުމެކެވެ.

މާތާ، 37، އަކީ ފީފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި މާތާ މަޝްހޫރު ވެފައި ވަނީ ބެސް ބްރެޒިލްގެ އަންހެން ޕެލޭ ގެ ނަމުންނެވެ. އޭނާ ވަނީ މިއަހަރުގެ މުބާރާތަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމުގައި ވެސް ބުނެފަ އެވެ.

"އަހަރެން ކުޅެން ފެށިއިރު އަންހެން ފުޓްބޯޅައިގައި އައިޑަލް އެއް ނެތް. އަންހެނުންގެ ފުޓްބޯޅަ ނުދައްކާއިރު ކިހިނެއް [އައިޑަލް އިން] ތިބޭނީ؟ އަދި އަހަރެންގެ ހިޔާލަށް ވެސް އޭރު ނާދޭ އަހަރެން ގައުމީ ޓީމަށް ކުޅެ، ޓީމުގައި މިހާރު އަހަރެން މި ހުރި މަގާމަށް އާދެވޭނެއެކޭ،" ޖެމެއިކާ މެޗުގެ ކުރިން ފެންކަޅިވެފައި ހުރެ މާތާ ބުންޏެވެ.

"މިއަދު އަހަރެން މަގުތައް މަތީ ހިނގާފަ އުޅޭއިރު މީހުން އަހަރެން ހުއްޓުވާ. ކުޑަކުދިންގެ މައިން އައިސް ބުނޭ އެމީހުންގެ ދަރިން އަހަރެން ފަދައިން ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ބޭނުމޭ. މި ހުރިހާ ކަމަކާ އެކު އަހަރެން ހަގީގަތުގައި ވަރަށް އުފާވޭ. އެއީ މީގެ 20 އަހަރު ކުރިން 2003 ވަނަ އަހަރު އެކަކަށް ވެސް ނޭނގޭ މާތާ އަކީ ކާކުކަމެއް."

މިއަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި މާތާ (ކ)، މެޗުގެ ރެފްރީއާއެކު.-- ފޮޓޯ: އޭއެފްޕީ

މިއަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި މާތާ (ކ)، މެޗުގެ ރެފްރީއާއެކު.-- ފޮޓޯ: އޭއެފްޕީ

މާތާ ވަނީ ބްރެޒިލް ގައުމީ ޓީމަށް 177 މެޗު ކުޅެދީ ރެކޯޑް 115 ގޯލު ޖަހައިދީފަ އެވެ. މީގެ އިތުރުން އޭނާ އަކީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕް މުބާރާތްތަކުގައި ވެސް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާ އެވެ. މިހާތަނަށް ފަސް ވޯލްޑް ކަޕްގައި ޖުމްލަ 17 ގޯލު ޖަހާފައިވާ މާތާ، މިއަހަރުގެ މުބާރާތުގައި އަދި ގޯލެއް ނުޖެހެ އެވެ. ނަމަވެސް ގޯލެއް ޖަހައިފި ނަމަ އޭނާ ވެގެން ދާނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހަ ވޯލްޑް ކަޕްގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ބްރެޒިލް ނުކުންނައިރު، އެޓީމަށް އޮތީ މޮޅުވާން މަޖުބޫރު ވެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު ބްރެޒިލް ނުކުންނާނީ ޖެމެއިކާއާ ދެކޮޅަށެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، މިއަހަރު އަލަށް ވާދަކުރާ ޕެނަމާއާ ވާދަކޮށް ފަސޭހަ ކަމާއެކު 4-0 އިން ބްރެޒިލް މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ވަރުގަދަ ފްރާންސް އަތުން ވަނީ ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ދެ މެޗުގައި ވެސް މާތާ ކުޅެން އަރުވާފައި ވަނީ ފަހު ވަގުތުކޮޅަށެވެ.

ޖެމެއިކާ ވަނީ ފްރާންސް އާ އެއްވަރުކޮށް، ޕެނަމާ އަތުން މޮޅުވެފަ އެވެ. ފްރާންސް އާއޮ ޖެމެއިކާ ވެސް ހަތަރު ޕޮއިންޓް ހޯދައިގެން ގުރޫޕްގައި އޮތީ ބްރެޒިލް އަށް ވުރެ ކުރީގަ އެވެ.