Roadha Mihaaru
ރައީސަށް ފަސޭހަފޯމިއުލާއަކީ ޖަމީލް ކެންޑިޑޭޓަކަށް ހެދުން

އިމްރާން ވިދާޅުވީ، ރައީސަށް އެއްބުރުން ކާމިޔާބު ކުރެވޭނެ އެންމެ ފަސޭހަ ފޯމިއުލާއަކީ ޑރ. ޖަމީލް ކަމަށް

02 އޯގަސްޓް 2023

ރިޔާސީ ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބު ކުރަން ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ފަސޭހަ ފޯމިއުލާއަކަށް ވާނީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނެރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރިޔާސީ ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބު ކުރަން ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ފަސޭހަ ފޯމިއުލާއަކަށް ވާނީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނެރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

"ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއް ފަހަރު ހިތައް އަރާ،" ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ބަލައެއް ނުގަތެވެ. އެހެންވެ، އެ މައްސަލަ ޕީޕީއެމުން މިއަދު ހެނދުނު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއްވި 11 އަހަރުގެ ޖަލު ހުކުމް އަދިވެސް އެ ގޮތަށް ދެމިއޮތުމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއް ފަހަރު ހިތައް އަރާ،" --- އިމްރާން

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެ އެވެ.

ޔާމީންގެ ރަނިންމޭޓަކަށް އެ މަނިކުފާނު ކަނޑައެޅުއްވީ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ކަމަށް ވާއިރު ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ކެންޑިޑޭޓަކަށް ހެއްދެވުން އެންމެ ކައިރި ބޭފުޅަކީ ޑރ. ޖަމީލް ކަމަށް ބައެއް މީހުން މިހާރު އަންނަނީ ބުނަމުންނެވެ. ދެން ލިސްޓްގައި އެންމެ ފުރުސަތު ބޮޑު ބަޔަކަށް އުޅުއްވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ކަމަށް ޕީޕީއެމްގެ ބައެއް މީހުން ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވުމެވެ.

ށ. ނަރުދޫގައި އިއްޔެ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، 278،000 މީހުންނަށް ވޯޓު ދިނުމުގެ ހައްގު މި ފަހަރު ލިބިގެންވާއިރު، އާއްމުކޮށް އިންތިހާބުގައި 90 ޕަސެންޓް މީހުން ވޯޓުލާ ކަމަށެވެ. އެންމެ ފަހުން 2018 ގައި ބޭއްވި އިންތިހާބުގައި ވެސް ކޯލިޝަނަށް 135،000 އަށް ވުރެ ގިނަ ވޯޓު ލިބުނުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ފަހަރުގެ އަމާޒަކީ އެ އަށް ވުރެ ގިނަ ވޯޓު ހޯއްދެވުމެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮތް ބޮޑު ކޯލިޝަނާއެކު ނުކުމެ، މި އިންތިހާބު އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ރައީސް ވިދާޅުވި އެވެ.