Roadha Mihaaru
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް

ރަށްރަށަށް ހަމައެކަނި ދަނޑު، ދިވެހި ފުޓްބޯޅައިގެ ހުރިހާ ބާރެއް މާލޭގެ ދެތިން ކްލަބަށް!

21 ޖުލައި 2023

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ހެއްދެވި ރެކޯޑަކީ، މީގެ ކުރިން އެއްވެސް މިނިސްޓަރެއްގެ ދައުރުގައި ނާޅާ ވަރަށް ރަށްރަށުގައި ދަނޑު އެޅުއްވުމެވެ. މިނީ ޓާފާއި ފުޓްބޯޅަ ދަނޑާ އެކު ފުޓްބޯޅަ އަށް އެކަނި 110 ޕިޗް މި ސަރުކާރުން އަޅައިފި އެވެ. މާޗް މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗާ ގުޅިގެން މަހްލޫފްގެ ވާހަކަ ބިނާ ކުރެއްވީ ހަމައެކަނި މާލެ އަށް ބަރޯސާވެފައި އޮތް ފުޓްބޯޅަ އަތޮޅުތެރެއަށް ގެންދިއުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ހެއްދެވި ރެކޯޑަކީ، މީގެ ކުރިން އެއްވެސް މިނިސްޓަރެއްގެ ދައުރުގައި ނާޅާ ވަރަށް ރަށްރަށުގައި ދަނޑު އެޅުއްވުމެވެ. މިނީ ޓާފާއި ފުޓްބޯޅަ ދަނޑާ އެކު ފުޓްބޯޅަ އަށް އެކަނި 110 ޕިޗް މި ސަރުކާރުން އަޅައިފި އެވެ. މާޗް މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗާ ގުޅިގެން މަހްލޫފްގެ ވާހަކަ ބިނާ ކުރެއްވީ ހަމައެކަނި މާލެ އަށް ބަރޯސާވެފައި އޮތް ފުޓްބޯޅަ އަތޮޅުތެރެއަށް ގެންދިއުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެކަމަކު ގައުމީ ލީގު އަތޮޅުތަކަށް ގެންދާ ވާހަކައާ ހިސާބުން ޖެހިގެން އައި އޭޕްރީލް މަހު، ސަރުކާރުގައި ފައިސާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރަސްމީ ހައިސިއްޔަތު ލިބިގެން ހޯމް އެންޑް އަވޭ އުސޫލުން ގައުމީ ފެންވަރު މުބާރާތެއް އަތޮޅުތަކުގައި ކުރިއަށް ގެންދެވުނު އެއްވެސް އެސޯސިއޭޝަނެއް ނެތެވެ. ވީއޭއެމުން ފެށި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް އޮތީ ހުއްޓިފަ އެވެ. ސެޕްޓެމްބަރު 2019 ގައި އަތޮޅުތެރެއަށް ހާއްސަކޮށް އިއުލާން ކުރި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ފަށައިގަންނަ ގޮތެއް ނުވި އެވެ.

ޖަޒީރާ ޗެމްޕިއަންޝިޕަކީ މި ސަރުކާރުން ސީދާ އިސް ނަގައިގެން އިއުލާން ކުރި މުބާރާތެކެވެ. ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް މޮޑެލް އަށް ބާއްވަން އުޅުނު އެ މުބާރާތުގައި ކުލަ ނުޖެހި ގެއްލުނީ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްުމަދު މަހްލޫފް، ކުޅިވަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް މިނިސްޓަރު އަހްުމަދު މަހްލޫފް، ކުޅިވަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެން އެފްއޭއެމުން އިއުލާން ކުރީ 2024 ގެ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށެވެ. އެ މުބާރާތް ލޯންޗުކުރުމަށް މިދިޔަ އަހަރު މާޗް މަހު ގައުމީ ފުޓްބޯޅަ ދަނޑުގައި އެފްއޭއެމުން ބޭއްވި ރަސްމިއްޔާތަށް މަހުލޫފް ވެސް ވަޑައިގެން އަތޮޅުތެރޭގެ ޓީމުތަކަށް އުންމީދެއް ދެއްވި އެވެ.

އެކަމަކު މިހާރު ވިދާޅު ވަނީ ފައިސާ ނެތް ވާހަކަ އެވެ.

"ލާރި ނެތިއްޔާ ކިހިނެއް އަޅުގަނޑުމެން ހޯމް އެންޑް އަވޭ ކުޅެނީ. އެއީ ހަމަގައިމު ވެސް އަޅުގަނޑުމެންގެ މިނިސްޓްރީގައި މިއޮތް ބަޖެޓުން ކުރެވޭވަރުގެ ކަމެއް ނޫން. އެ ފައިސާ ހަމައެކަނި ފުޓުބޯޅަ އަށް ދޫކޮށްފައި. އެހެން ކުޅިވަރުތައް ދޫކޮށްލައިފަ ކުރަންވީ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވި އެވެ.

ރަށްރަށުގައި ދަނޑުތައް އެބަ އަޅަ އެވެ. އެކަމަށް ހަރަދު ކުރެ އެވެ. އެކަމަކު އެ ދަނޑުތަކަކީ ހަމައެކަނި ޑްރޯންއިން ފޮޓޯ ނަގައި އެވެނި ރަށެއްގައި ދަނޑެއް އަޅައިފީމޭ ބުނަން ކުރާ ކަމަކަށް ވެގެން އޭގެ ފައިދާ ރާއްޖެ އަށް ނުކުރާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.

ނ. ކެނދިކުޅުދޫގެ ދަނޑު: އެ ރަށުގައި ވެސް ދަނޑު ހެދިޔަ އެ ރަށު ޓީމު ވާދަ ކުރާނެ ގައުމީ ލީގެއް ނެތް

ނ. ކެނދިކުޅުދޫގެ ދަނޑު: އެ ރަށުގައި ވެސް ދަނޑު ހެދިޔަ އެ ރަށު ޓީމު ވާދަ ކުރާނެ ގައުމީ ލީގެއް ނެތް

"އިންފްރާސްޓްރަކްޗާ މި ވަގުތު އެބައޮތް ރާއްޖޭގައި. ގިނަ ރަށްރަށުގައި ބޮޑެތި ޕިޗްތައް އަޅައިފި. (މިފަހުން ވެސް) ފުޓްބޯޅައިގެ ނަން މަޝްހޫރު ރަށެއް، ށ. ފޯކައިދޫގައި ދަނޑެއް އެ ހުޅުވީ. އެކަމަކު ކޮބައިތޯ ފޯކައިދޫގެ ކުޅުންތެރިންނަށް އޮތް މުސްތަގުބަލަކީ ލީގެއްގައި ވާދަނުކޮށްލެވޭ ކަމަށް ވަންޏާ،" ކުރިން ދިވެހި ލީގުގައި މާލެ އަށް ކުޅެން އައި ނިލަންދޫ ސްޕޯޓްސް ކްލަބްގެ އިސް މަގާމެއް އަދާކުރައްވާ އަންވަރު އަލީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވި އެވެ.

"އަތޮޅު ލީގު [ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން] ގައި ފޯކައިދޫން ވެސް ވާދަކުރި. އެކަމަކު ކޮބައިތޯ މެއި މަހު ފަށަން ބުނި ސެކަންޑް ރައުންޑް ޖުލައި ފަސް ވެގެންދާއިރު ވެސް ނުފެށޭ. އެހެންވީމަ އަތޮޅު ޓީމުތަކަށް ނެތް ފުރުސަތެއް ސަރުކާރުން އިންފްރާސްޓްރަކްޗާ ޑިވެލޮޕް ކުރިއަސް."

އެކަމަކު އެފްއޭއެމުން ބުނަނީ އެ އެސޯސިއޭޝަނުން ތިބީ ލީގު ކޮލިފައިން ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. އަމިއްލަ އަށް ހަރަދުކޮށްގެން ވިޔަސް ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދާނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެންމެ ފަހުން ދެއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ. މެދުކެނޑިފައިވާ ކޮލިފައިން ބުރު އަންނަ މަހު ފަށާނެ ކަމަށް ވެސް އެފްއޭއެމުން ބުނެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯއްދަވާނީ ރާއްޖޭން ބޭރުގެ ސްޕޮންސާޝިޕްގެ ދަށުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް މިހާރު ވެއްޓިފައި އޮތް މާލީ ވަޅުގަނޑާ އެކު އެއީ އެ އެސޯސިއޭޝަނަށް ކުރެވޭނެވަރުގެ ކަމެއްތޯ، ފުޓްބޯޅައިގެ ކުރީގެ އިސް ހިންގުންތެރި ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

ބޮޑު އަނދަވަޅަކަށް އެފްއޭއެމް ވެއްޓުނު އެންމެ ބޮޑު ސަބަބުގެ ގޮތުގައި ބައްސާމް ދައްކަވާ އެންމެ ބޮޑު އެއްކަމަކީ، ކުރީ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދެމުން ދިޔަ ފައިސާ 2019 އިން ފެށިގެން، އެފްއޭއެމުން ޖާމިނުވެގެން ދޭން ޖެހުމެވެ. ކޮންމެ އަހަރަކަށް 24 މިލިއަން ރުފިޔާ މާލޭގެ އަށް ކްލަބަށް ދޭން ޖެހުމުން އެފްއޭއެމާއި ފުޓްބޯޅަ ވެސް ވެއްޓުނު އަނދަވަޅު އެންމެންނަށް ސާފުކޮށް ފެނެ އެވެ. ދެން ހޯމް އެންޑް އަވޭ އުސޫލުން 12 ޓީމުގެ މެދުގައި ލީގު ކުޅެން އެފްއޭއެމުން އެކަނި ހުރިހާ ހަރަދެއް ކުރަން ވެއްޖެ ނަމަ، ފުޓްބޯޅަ ވެއްޓިގެންދާނީ ކިހާ ފުން ވަޅުގަނޑަކަށް ކަމެއް ވަޒަންކޮށްލަން ވެސް ނޭނގެ އެވެ.

އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެފްއޭ އަށް ނުކުރެވޭނެ. މިހާރު އެއޮތް ބޮޑު ދަރަންޏާއި މިހާރު ވެއްޓިފައި އަޑިގަނޑުގެ ތެރޭގައި އެފްއޭއިން ކިހިނެއް ހޯމް އެންޑް އަވޭ ލީގެއް ހިންގާނީ. މިއުޅެނީ ހަމައެކަނި މާލޭގައި މިހާރު ކުޅޭ ލީގު ވެސް ރަނގަޅަށް ނުހިންގިގެން،" ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔަކު ވިދާޅުވި އެވެ.

އަތޮޅުތަކަށް ގައުމީ ލީގު ގެންދަން ދޭނެ ފައިސާ، ސްޕޯޓްސް މިނިސްޓްރީ އަށް ހޯދައި ނުދެވޭތާންގައި އެފްއޭއެމް އިސްލާހު ކުރަން ވެސް އެ މިނިސްޓްރީން މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި އަތޮޅު ފުޓްބޯޅަ އަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެއްވަނަ ޑިވިޝަނަށް ނިސްބަތްވާ މާލޭގެ އަށެއްކަ ކްލަބުން އެފްއޭއެމްގެ ކޮންގްރެސްގައި 16 ވޯޓާ އެކު މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން އޮތް އިރު ވެސް ސްޕޯޓްސް މިނިސްޓްރީން އަޅައެއް ނުލަ އެވެ.

އެންމެ ބޮޑު ދެ ޑިވިޝަނުގައި އަތޮޅު ޓީމަކަށް އޮތީ މަހިބަދޫ ސްޕޯޓްސް ކަލްބް އެކަންޏެވެ. އެކަމަކު އެ ޓީމުގެ ކުޅުންތެރިން ވެސް ކުޅެނީ މާލޭގައި ބާއްވާ މުބާރާތުގަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ: އެ އެސޯސިއޭޝަންގެ ހުރިހާ ބާރެއް ކޮންޓްރޯލް ކުރަނީ މާލޭގެ އަށެއްކަ ކްލަބުން --. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެފްއޭއެމް) އަހަރީ ކޮންގްރެސްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ: އެ އެސޯސިއޭޝަންގެ ހުރިހާ ބާރެއް ކޮންޓްރޯލް ކުރަނީ މާލޭގެ އަށެއްކަ ކްލަބުން --. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުޓްބޯޅަ އަށް އެންމެ ބޮޑު ހަރަދެއް ސަރުކާރުން ކުރާއިރު [ޔޫތު] މިނިސްޓްރީން ބުނަންވީ ނޫންތޯ އެފްއޭގެ އަސާސީ ގަވާއިދު ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ ކޮންޓްރަޑިކްޓް ވެޔޭ. ކޮންމެ ބަޔަކަށް ވެސް އެއް ވޯޓް އެއް ވޯޓް އުސޫލުން އަތޮޅުތަކަށް ވެސް އެ ހައިސިއްޔަތު އެފްއޭއެމްގެ ކޮންގްރެސްގައި ލިބޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ސަރުކާރަށް އެންގޭނެ. އެކަން ކުރަން އަންގައިގެނެއް ފީފާގެ ސަސްޕެންޝަނެއް ނާންނާނެ،" ކުރިން ވާހަކަ ދެއްކެވި ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިޔާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން އަތޮޅުތަކުގެ ޓީމުތަކަށް މާލޭގައި ކުޅޭ ގޮތަށް ދިވެހި ލީގުން ފުރުސަތު ދިނެވެ. ނަމަވެސް ފަހުން އެ ޓީމުތައް ލީގުން ބޭރުކޮށްލީ ނިލަންދޫގެ އަންވަރު ވިދާޅުވި ގޮތުން، ވަލުދޮރުއަށިން ވަދެ އޮތް ޓީމުތަކެއް ކަމަށް ބުނެ އެވެ.

އެ ކްލަބްތައް ލީގުގައި ވާދަކުރި އިރު ވެސް ވެސް އެ ޓީމުތަކަށް، އެފްއޭއެމުން ފައިސާ ދިނީ ރާއްޖެތެރޭގެ ކްލަބަކަށް ވާތީ މާ މަދުންނެވެ. މާލޭގެ ކްލަބްތަކަށް މުޅި އަހަރަށް ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ އެވެ. އަތޮޅުތެރެއިން ވާދަކުރި ޓީމެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

"ސޭވް އެފްއޭއެމް" ކެމްޕޭނުގެ ބައްދަލުވުމުގައި އަންވަރު (ކ): އޭނާ ވިދާޅުވީ ކްލަބްތަކަށް ފައިސާ ދިން އިރު މާލޭގެ ކްލަބްތަކާއި އަތޮޅުތަކުގެ ކްލަބްތައް އެފްއޭއެމުން ތަފާތު ކުރި ކަމަށް  --- ފޮޓޯ: ނިޝާން އަލީ | މިހާރު

"ސޭވް އެފްއޭއެމް" ކެމްޕޭނުގެ ބައްދަލުވުމުގައި އަންވަރު (ކ): އޭނާ ވިދާޅުވީ ކްލަބްތަކަށް ފައިސާ ދިން އިރު މާލޭގެ ކްލަބްތަކާއި އަތޮޅުތަކުގެ ކްލަބްތައް އެފްއޭއެމުން ތަފާތު ކުރި ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހޯމް އެންޑް އަވޭ އުސޫލުން ލީގު ހިންގުމުގެ ގާބިލުކަން އެފްއޭއޭގައި ނެތް

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ހިންގުމުގެ ގާބިލުކަން އެފްއޭއެމްގައި ނެތެވެ. އެއަށް ހައްލެއް ހޯދަން، "ސޭވް އެފްއޭއެމް"ގެ ނަމުގައި މިހާރު މަސައްކަތްތަކެއް ފަށައިފައިވާ ހަރަކާތުން ހުށަހަޅަނީ ގައުމީ ލީގު ހިންގުން އައުޓްސޯސް ކުރުމަށެވެ. އިންޑިއާގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު ހިންގަނީ އެ ގައުމުގެ އެފްއޭ ވަކިން އުފައްދާފައިވާ ޕްރައިވެޓް ކުންފުންޏަކުންނެވެ.

ސޭވް އެފްއޭއެމް ހަރަކާތުގައި އުޅުއްވާ، އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރު، އެ ހަރަކާތުގެ ފުރަތަމަ ބައްދަލުވުމުގައި ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ވިދާޅުވީ، މިހާރު ވެސް ލީގު އައުޓްސޯސްކޮށްގެން ހިންގޭނެ ނިޒާމެއް ކުޅިވަރު ގާނޫނުގެ ތެރޭގައި ވެސް އެބައޮތް ކަމަށެވެ.

ސޭވް އެފްއޭއެމްގެ ބައްދަލުބުމެއްގައި ހާމިދު ޕްރެޒެންޓޭޝަން ހުށަހަޅަނީ: އޭނާ ވިދާޅުވީ ލީގު ހިންގަން އައުޓްސޯސް ކުރަންވީ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޭވް އެފްއޭއެމްގެ ބައްދަލުބުމެއްގައި ހާމިދު ޕްރެޒެންޓޭޝަން ހުށަހަޅަނީ: އޭނާ ވިދާޅުވީ ލީގު ހިންގަން އައުޓްސޯސް ކުރަންވީ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަރުކާރުގެ ކުންފުންޏަކުން އެކަން ކުރާނަމަ، ކުޅިވަރުގެ ވިޔަފާރި ކުންފުނި ސްޕޯޓްސް ކޯޕަރޭޝަނަށް އެކަން ކުރަން ބާރާއި ފުރުސަތު ދޭން ހާމިދު ހުށަހެޅުއްވި އެވެ. ސަރުކާރުން އެކަން ނުކުރާ ނަމަ އެކަން ކުރަން ޕްރައިވެޓް ކުންފުންޏެއް ހޯދަން އިއުލާން ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގެ ނުވަ ޒޯން ޝާމިލުވާ ގޮތަށް ފެންވަރު ރަނގަޅު ލީގެއް ކުރިއަށް ގެންދިއުން،" ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ހާމިދު ވިދާޅުވި އެވެ.

އެކަމަކު، އެ ބާރު ދޫކޮށްލަން އެފްއޭއެމުން ބޭނުންވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އަދި އެފަދަ ކަމަކަށް އެފްއޭއެމް އެއްބަސްވުމަށް އެ އެސޯސިއޭޝަނު ފަހުގެ ނިންމުންތައް ކޮންޓްރޯލް ކުރާ މާލޭގެ ކްލަބްތަކުން ބޭނުން ވެދާނެ ކަމަކަށް ނުބެލެވެ އެވެ. އެފްއޭއެމާއި ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުގައި ވެސް އެއިން ކްލަބަކުން ކަންބޮޑުވާތަނެއް ވެސް ނުފެނެ އެވެ.