Roadha Mihaaru
ފުޓުބޯޅައިގެ މަޝްރޫއުތައް "ގުދަންކޮށްފައި"!

ފުޓުބޯޅައިގެ ތަރައްގީ އަށް ފެށި މަޝްރޫއުތައް ޚަރާބުވެ "ގުދަންކޮށްފައި"

12 ނޮވެމްބަރ 2023

މިފްކޯ އޮފީހާ ދިމާލުން މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ތިން ބުރީގެ އިމާރާތާ ކައިރިވިއިރު، އެ ތަނުގައި މީހުން ހަރަކާތްތެރިވަމުން ދިޔަ ގޮތާއި ކުރަމުންދިޔަ މަސައްކަތްތަކުން އެ ތަން ވައްތަރުވީ ބާޒާރުމައްޗާ އެވެ. ފިލަ އާއި ދަގަނޑު ހޮޅި ފަދަ ބަރު މުދާ ގުދަން ކުރުމުގައި އަވަދި ނެތި ބިދޭސީން އުޅެމުންދިޔައިރު ބޮޑެތި ލޮރީތައް ވެސް އެތާ ކައިރި ކޮށްފައި އޮތެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މިފްކޯ އޮފީހާ ދިމާލުން މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ތިން ބުރީގެ އިމާރާތާ ކައިރިވިއިރު، އެ ތަނުގައި މީހުން ހަރަކާތްތެރިވަމުން ދިޔަ ގޮތާއި ކުރަމުންދިޔަ މަސައްކަތްތަކުން އެ ތަން ވައްތަރުވީ ބާޒާރުމައްޗާ އެވެ. ފިލަ އާއި ދަގަނޑު ހޮޅި ފަދަ ބަރު މުދާ ގުދަން ކުރުމުގައި އަވަދި ނެތި ބިދޭސީން އުޅެމުންދިޔައިރު ބޮޑެތި ލޮރީތައް ވެސް އެތާ ކައިރި ކޮށްފައި އޮތެވެ.

އެކަމަކު، މިއީ ހަގީގަތުގައި އެފްއޭއެމް އިން ފެށި ސްޕޯޓްސް އެރީނާ އެވެ. ފީފާ ފޯވާޑް ޕްރޮގްރާމްގެ ތެރެއިން އެ ތަނުން ފަންޑުކޮށްގެން ފެށި މަޝްރޫއު، މިހާރު އޮތް ހާލަތެވެ. އެ ތަނުގައި ކުޅިވަރުގެ ހަމަ އެއްވެސް މަސަކަތެއް ނުހިނގަ އެވެ.

ސްޕޯޓްސް އެރީނާގެ މަސައްކަތާ އެކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މީގެކުރިން ފުޓްބޯޅައިގައި ރާއްޖެ ނުދެކޭ ފަދަ އުއްމީދީ ގިނަ ޕްރޮޖެކްޓްތަކެއް އިއުލާން ކުރެއްވި އެވެ. އެފްއޭއެމްގެ 20 ބުރީގެ އިމާރާތާއި ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ޓްރެއިނިން ސްކޫލާއި ވިލިމާލޭގައި ފުޓްބޯޅަ ޓްރެއިނިން ސެންޓަރެއް އެޅުމުގެ މަޝްރޫއުއާ އެކު ކުޅުންތެރިންނަށް ވެސް ފެނުނީ އުޖާލާ މުސްތަގުބަލެކެވެ.

އެކަމަކު ބައްސާމްގެ ދައުރުގައި ޕްލޭން ކުރި ގޮތަށް އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުދިޔަ އެވެ. ވަށާލީ ފައިސާގެ އެތައް މައްސަލަތަކަކާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެވެ. ކުޅުންތެރިންގެ އެތައް އުއްމީދަކާ ގުޅިފައި އޮތް އެ ބިންތަކުގައި މިހާރު އެ ހިންގަނީ ގުދަންތަކާއި ކޮންސްޓްރަކްޝަން ސައިޓްތަކެވެ.

ސްޕޯޓްސް ޓްރެއިނިން ސްކޫލް، ގޮޅި ކަނޑާ ގުދަންތަކަށް

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އެކެޑަމީ (ޓްރެއިނިން ސްކޫލް)އެއް އެޅުމަށް ބޮޑު ބިމެއް އެފްއޭއެމް އަށް 2018 ވަނަ އަހަރު ތެރޭގައި ދޫކުރި އެވެ. އެކަމަށް އޭރު ޔޫތު މިނިސްޓްރީން އެފްއޭއެމް އަށް ފައިސާ ދޫކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށި އެވެ. މިއީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުން ހަދިޔާއެއްގެ ގޮތުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ދެއްވި މަޝްރޫއުއެކެވެ.

ވިލިމާލޭގައި ޓްރެއިނިން ސެންޓަރު ހެދުމަށް ބިންގާ އަޅަނީ: މަޝްރޫއު ކުރިއަކަށް ނުދޭ -- ފައިލް ފޮޓޯ: މިހާރު

ވިލިމާލޭގައި ޓްރެއިނިން ސެންޓަރު ހެދުމަށް ބިންގާ އަޅަނީ: މަޝްރޫއު ކުރިއަކަށް ނުދޭ -- ފައިލް ފޮޓޯ: މިހާރު

އެ މަޝްރޫއުގެ ދަށުން އެ ތަނުގައި އޮފީހަކާއި 100 އެއްހާ ކުދިންނަށް ތިބެވޭ ގޮތަށް އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެއް އެޅުމާއި ދެ ވަނަ ފޭހުގައި އިތުރު ދަނޑުތައް އެޅުމަށް ޕްލޭންކުރި އެވެ. މިތަނުން ދިވެހި ފުޓްބޯޅަ އަށް މޮޅެތި ކުޅުންތެރިން ތަމްރީނު ކުރަން އެތައް ޕްލޭނެއް އޮތެވެ. ތަނުގެ މަސައްކަތް ހަވާލުކުރީ ނުގާ ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ އެވެ.

އެ ކުންފުންޏަށް ގިނަ އަދަދަކަށް ފައިސާ ދީފައި އޮތް ނަމަވެސް، މަސައްކަތެއް ނުނިމެ އެވެ. އެހެންވެ އެ އެއްބަސްވުން ބާތިލް ކުރުމަށް، މި ސަރުކާރުގެ ޔޫތު މިނިސްޓްރީން މަސައްކަތް ފެށި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"އެއްބަސްވުން ބާތިލްކުރަން ބެލިއިރު އެއްބަސްވުން ބާތިލްކޮށްގެން ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑު. އެއީ ކުރީ ބައިގައި ފައިސާ ދޫކޮށްފައި ހުރީމަ. އެހެންވީމަ ބެލީ ކުންފުންޏާ ވާހަކަ ދައްކައިގެން މަސައްކަތް ނިންމޭނެ ގޮތެއް. ދެން މިހާރު އެ ހުރި އިމާރާތް ނިންމީ. އެއްވެސް ދަނޑެއް ނާޅާ،" އޭނާ ބުންޏެވެ.

އެކަމަކު، "މިހާރު"ގެ "މެދުސަފުހާ" އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓްރީން ދޫކުރާ ފައިސާ އެ ކުންފުންޏަށް ގަވައިދުން އައީ ދެމުންނެވެ.

"30-35 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މަސައްކަތް ނުނިމި ލަސްވާތީ މިނިސްޓްރީން މެދުވެރިކޮށް މަޝްވަރާތައް ކޮށްގެން ވެސް ހައްލެއް ހޯދަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ވެސް ނުވުމުން ކޯޓަށް މައްސަލަ ގެންގޮސްފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ކޯޓަށް މައްސަލަ ވައްދަން ޖެހުނީ މިއީ ޕަބްލިކް ފަންޑުން ހިންގާ މަޝްރޫއަކަށްވާއިރު މި މަސައްކަތް ކުރިއަށް ނުދާ ނަމަ، ޒިންމާވާނެ ފަރާތްތަކެއް ހުންނަންވާނެ. އެހެންވީމަ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމަށްޓަކައި ވާނީ ކުންފުނި ގޮވައިގެން ކޯޓަށް ގޮސް، އެކަން މިހާރު އެ އޮތީ އެހެންވީމަ ކޯޓު މަރުހަލާގައި،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް ސްކޫލް ހެދުމަށް ދޫކޮށްފައިވާ ސަރަަހައްދުގައި އިމާރާތެއް ހަދަން ފަށާފައި: މިހާތަނަށް ވެސް ހިދުމަތް ދެވޭ ވަރެއް ނުވޭ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެފްއޭއެމް ސްކޫލް ހެދުމަށް ދޫކޮށްފައިވާ ސަރަަހައްދުގައި އިމާރާތެއް ހަދަން ފަށާފައި: މިހާތަނަށް ވެސް ހިދުމަތް ދެވޭ ވަރެއް ނުވޭ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ސްޕޯޓްސް ސްކޫލް ހިންގުން ވެސް ވަނީ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގް ހޯދި މިޝޭލް ސަލްގާޑޯ އެކެޑަމީއާ ހަވާލުކޮށް އެއްބަސްވުން ހަދައިފަ އެވެ. ނަމަވެސް ބައްސާމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ. ހަތަރު ލައްކަ ޑޮލަރުގެ އެ އެއްބަސްވުން މަޑުޖައްސާލީ ސްކޫލްގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ ކަމަށާއި މިހާތަނަށް ދެ ލައްކައެއްހާ ޑޮލަރު ސަލްގާޑޯ އަށް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސްކޫލްގެ މަސައްކަތް ނިމުމާ އެކު، އެއްބަސްވުން އިތުރަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

ހުޅުމާލޭ ބިމުގެ މަސައްކަތް ނުނިމި ލަސްވިއިރު އެފްއޭއެމް އޮތީ ވަރަށް ބޮޑަށް ދަރަނިވެ، ފައިސާގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި ތާށިވެފަ އެވެ. އެހެންވެ، އެ ބިމުން އާމްދަނީ ނެރޭ މަގުތަކެއް ހޯދުމަށް ސްޕޯޓްސް އެކަޑަމީ ހިންގުން މަޑުޖައްސާލައި، ތަނުން ގުދަން ކުއްޔަށް ދޭން ޕްލޭންކުރީ އެވެ.

މި ގުދަންތަކުގެ ކަންތައްގަނޑު ފެށުނީ މާފަންނު ސްޓޭޑިއަމްގައި އަޅާ ސްޕޯޓްސް އެރީނާގެ މަސައްކަތް ކުރި އެޕޯލޯ އަށް ދޭންޖެހޭ ފައިސާތަކެއް ނުދިން މައްސަލާގައި އެ ކުންފުނިން އެފްއޭއެމްއާ ދެކޮޅަށް ކޯޓަށް ދިޔުމުންނެވެ. އެ މައްސަލާގައި ކޯޓުން ބޭރު ހައްލެއް ހޯދުމަށް އެފްއޭއެމް އިން ނިންމީ ދިގު މުއްދަތަށް ސްޕޯޓްސް ސްކޫލް އަޅާ ބިމުން އެޕޯލޯ އަށް ބިން ދޭށެވެ. އެއީ އެފްއޭއެމް އާއި އާބަންކޯއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އޭރު ކުރެވެން އޮތް ކަމަކަށް ނުވާތީ އެ މުއާމަލާތް ހުއްޓުވި އެވެ.

އެކަމަކު، އެފްއޭއެމްއާ އާބަންކޯއާ ދެމެދު ދިޔަ "މަޝްވަރާތަކަކަށް ފަހު" އާބަންކޯ އިން ވަނީ އެފްއޭއެމް އިން ބޭނުންވި ގޮތަށް އެއްބަސްވުން ބަދަލުކޮށްދީފަ އެވެ. އެއާ އެކު އެޕޯލޯއަށާއި އެހެން ބައެއް ފަރާތްތަކަށް ގުދަން ހެދުމަށް ބިންތައް ވަނީ ދޫކޮށްފަ އެވެ. މި މުއާމަލާތްތަކުގެ މައުލޫމާތު އެނގޭ މީހަކު "މެދުސަފުހާ" އަށް ބުނި ގޮތުގައި 25 ނޫނީ 50 އަހަރަށް 2،000 އަކަފޫޓްގެ ބިންތައް ކުއްޔަށް ދޫކޮށްފައި ވަނީ އެޑްވާންސްގެ ގޮތުގައި ބޮޑު އަދަދެއް ނަގައި އަދި މަހުން މަހަށް ވަރަށް ކުޑަ ކުއްޔެއް ނަގާ ގޮތަށެވެ.

"ދަނޑު އަޅަން ޖެހޭ ބިންތައް އެ އޮތީ ގުދަންތައް އަޅަން ދޫކޮށްފައި. އެ ސަރަަހައްދަށް ވެސް ދެ ދަނޑު އަންނަން ޖެހޭނެ. އެ ތަނަކީ އެންމެ ދަނޑެއް އަޅަން ދިން ބިމެއް ނޫން. ގިނަ ދަނޑުތަކެއް އަޅަން ޕްލޭންކޮށްފައި އޮންނާނީ،" ކުރިން ވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަމަވެސް، އެ ވާހަކަ ބައްސާމް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ގުދަންތައް ދޫކޮށްފައި ވަނީ ތަނުގައި ހަދާ ދެ ދަނޑަށް އުނދަގޫ ނުވާ ގޮތަށް ބިމުގެ އަރިމަތިން ކަމަށާއި އެއީ އެފްއޭއެމް އަށް ވެސް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަގުސަދުގައި، އާބަންކޯގެ ހުއްދައާ އެކު ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަރިމަތިން ބައެއް ތަންތަން ޖޮއިންކޮށް ތަރައްގީ ކުރާ ގޮތަށް އެ ބޭފުޅުންނަށް ތިރި އަޅުގަނޑުމެންނަށް މަތި ލިބޭ ގޮތަށް ރެވެނިއު ޖެނެރޭޓްވާ ގޮތަށް އެއްބަސްވެވިފައި ހުންނާނީ. މިއީ އަޅުގަނޑުމެންގެ ފެށުނީންސުރެ ވެސް އޮތް ޕްލޭނެއް، މިހާރު އޭގެ ކުރެހުންތަކާއި ލިޔުންތައް ވެސް އާބަންކޯގައި ހުންނާނެ. މިއީ ދުރާލާ ކުރަން އޮތް ކަމެއް ތަންކޮޅެއް އަވަސްވެފައި މި އޮތީ،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވި ގޮތުގައި އެ ތަންތަން ކުއްޔަށް ދޫކޮށްފައިވަނީ އާބަންކޯ އިން ގެންގުޅޭ ރޭޓްގައި ހަމަ އަގުގަ އެވެ. އެއީ އަކަފޫޓަކަށް 25 ރުފިޔާގެ މަގުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފްއޭއެމް އިން ދޫކޮށްފައި ކިހާ ގުދަނެއްކަން ސާފުނުވި ނަމަވެސް، އެފްއޭއެމް އިން 2021 އަދި 2022 ވަނަ ބަޖެޓްގައި ޖަހާފައިވާ ގޮތުން ގުދަނުން 1.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެ އެވެ.

ފީފާގެ ފޯވާޑްގެ ޕްރޮޖެކްޓެއް، އެކަމަކު ހިންގަނީ ހުސް ގުދަން

ފީފާ ފޯވާޑް ޕްރޮގްރާމްގެ ތެރެއިން ތިން ފަންގިފިލާގެ އިމާރާތެއް އަޅަން ހަމަޖެހުނުއިރު އެ އިމާރާތުގައި އެފްއޭއެމްގެ އޮފީހާއި ރިހެބިލިޓޭޝަން ސެންޓަރަކާއި ޖިމާއި ކެފޭ އަކާއި ސްޕޯޓްސް ފިހާރައެއްގެ އިތުރުން ދެ ޗޭންޖިން ރޫމާއި ރެފްރީންގެ ރޫމެއް ހިމެނެ އެވެ.

މާފަންނު ސްޓޭޑިއަމްގައި ތިން ބުރީގެ އިމާރާތެއް ހެދުމުގެ ޕްރޮޖެކްޓަކީ ފީފާއިން ފަންޑު ލިބިގެން، ކޮންޓްރެކްޓާ ފައިނޭންސް ކޮންސެޕްޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ފީފާ އިން 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ދޭން ނިންމި އެވެ. ނަވާރަ މިލިއަން ރުފިޔާ ޑޮލަރުން ދޫކުރުމުން މަޝްރޫއު ފެށި ނަމަވެސް، އެތަން ވެސް އޮތީ ނުނިމި އެވެ. ހިންގަނީ ގުދަންތަކެވެ.

މިތަނުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރި އެޕޯލޯ ކުންފުނިން ވަނީ އިމާރާތް އަޅައި ބައެއް މަސައްކަތްތައް ނިންމައިފަ އެވެ. އެކަމަކު، މަސައްކަތަށް ވާ ފައިސާ ނުލިބިގެން ކޯޓާ ހަމައަށް ދިޔަ އެވެ. މަސައްކަތް ނިންމާފައި ހުރި ވަރުން ބަލާ ނަމަ، އެޕޯލޯ އަށް 13 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ފައިސާގެ ބަދަލުގައި އެޕޯލޯ އިން އެއްބަސްވީ އެފްއޭއެމް އަށް ހުޅުމާލެ އިން ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށެވެ.

އެ ބިންތައް ކުއްޔަށް ދޫކުރުމަށް ޓަކައި، އެޕޯލޯ އިން ވެސް ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދެއްކި ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ. އަދި އެޕޯލޯ އިން އޭރު ހެދި ޑީލްތަކުގައި އެތާނގައި ކުޅިވަރާ ގުޅުމެއް ނެތް އިމާރާތްތައް ވެސް އޮތީ ހެދޭ ގޮތަށެވެ.

އެފްއޭއެމް އިން ވަނީ ސްޕޯޓްސް އެރީނާގެ އިމާރާތުގެ ގްރައުންޑް ފްލޯގައިވާ ޕާކިން ޖާގަތައް ވެސް ކުއްޔަށް ދޫކޮށްފަ އެވެ. ގާތްގަނޑަކަށް ހަތް ގުދަން، 50 އަހަރަށް އެ ތަނުން ދޫކޮށްފައިވާއިރު، މިއީ މުޅި އެ ތަނުގެ ޕްލޭނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. މި މައްސަލަ ޕްލޭނިން މިނިސްޓްރީގެ ސަމާލު ކަމަށް އައިސް، އެކަން ޔޫތު މިނިސްޓްރީ އަށް އެންގި އެވެ.

ޕާކިން އޭރިއާގެ ގޮތުގައި ހާއްސަކޮށްފައިވާ ޖާގަ، ގުދަނުގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި އެއީ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލުގައިވާ ކަންކަމާ ހިލާފު ކަމެއްކަން ޕްލޭނިން މިނިސްޓްރީން އެންގި އެވެ. އެހެންވެ، އެފްއޭއެމް އިން ގަވައިދާ ހިލާފަށް އަމަލު ކުރަމުން ދާތީ، ޔޫތު މިނިސްޓްރީން އެކަން ހުއްޓުވައި ދިނުމަށް ވެސް ޕްލޭނިން އިން އެދިފައި ވެ އެވެ.

ސްޕޯޓްސް އެރީނާ އިމާރާތުގެ ޕާކިން ޖާގަތަކުގައި ހިންގާ ގުދަންތައް: މިތަނުން ލިބޭ އާމްދަނީ ދަރަނި ދައްކަމުންދާ ކަމަށް ބައްސާމް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ސްޕޯޓްސް އެރީނާ އިމާރާތުގެ ޕާކިން ޖާގަތަކުގައި ހިންގާ ގުދަންތައް: މިތަނުން ލިބޭ އާމްދަނީ ދަރަނި ދައްކަމުންދާ ކަމަށް ބައްސާމް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ނަމަވެސް، މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ޔޫތު މިނިސްޓްރީ އަށް މިކަމުގައި ފިޔަވަޅެއް ނޭޅުނީ އެ ޕްރޮޖެކްޓަކީ ފީފާ އިން ފަންޑުކޮށްގެން ކުރިއަށް ގެންދާ ކަމަކަށް ވާތީ އެވެ. ރާއްޖެ އަށް ފިޔަވަޅެއް އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް އޭނާ ބުންޏެވެ.

ފާޅުގައި ފެންނަން އޮތް ކަމަކީ، ފީފާ އިން ފަންޑު ދިން ޕްރޮޖެކްޓްގެ މުޅި ކޮންސެޕްޓް އޮޅުވާލައި، އެއީ ގުދަނުން އާމްދަނީ ހޯދާ ތަނަކަށް ހަދާފައިވާ ކަމެވެ. އާންމުން ވެސް އުފެއްދި ސުވާލަކީ މި އެވެ: "ކުޅިވަރުގެ ތަރައްގީ ގުދަންކޮށްފައި ބާއްވަނީ ކީއްވެހެއްޔެވެ؟"

ނަމަވެސް ބައްސާމް ގަބޫލުކުރައްވާ ގޮތުގައި އޮފީސް އިމާރާތެއް މިހާރު ގުދަންތަކަކަށް ބަދަލުވެފައިވާ ކަމަށް ބުނުމަކީ ވަރަށް ބޮޑަށް "މިސް ލީޑިން" ކަމެކެވެ. އެތަނުގެ ޕްލޭން އެންމެ ފުރަތަމަ ކުރިއިރު ވެސް އޮންނާނީ އެ ތަނުން އާމްދަނީ ހޯދޭނެ ގޮތްތައް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި މަސައްކަތް ފެށިއިރު މި ސަރުކާރާ މި އައި ކްލޭޝްތަކުގައި އަޅުގަނޑަށް ވިސްނުނީ އެފްއޭއެމް އެބަ ޖެހެއޭ ވަކި ބަޔަކަށް ޑިޕެންޑް ނުވާ އަމިއްލަ ފައި މައްޗަށް ތެދުވެވޭ ގޮތަކަށް މަސައްކަތްތައް ބައްޓަން ކުރަން. އެގޮތުގެ މަތިން މި އިމާރާތް ހެދިގެން ދިޔައިރު ވެސް އަޅުގަނޑުމެންގެ އާމްދަނީ އިތުރު ކުރުމަށްޓަކައި އެކި ކަހަލަ ކަންކަން ވިސްނަމުން ދިޔައިރު އަޅުގަނޑުމެންނަށް ވިސްނުނީ މި ގޯޑައުންތަކަކީ ހަމަ އެންމެ ރަނގަޅު ރެވެނިއު ޖެނެރޭޓް ކުރެވޭ ވަސީލަތަކަށް ވާނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

"އެހެންވެ އެގޮތުގެ މަތިން ފީފާއާ މަޝްވަރާ ކުރެވިގެން އެ ތަނުގެ ތިރީގައި އެ ގޯޑައުންތަކެއް ހެދިގެން އެ ދަނީ. މިއީކީ ގޯޑައުން އޮންނަ ބިލްޑިންއެއް ނޫން. އޮފީސް އިމާރާތް ވެސް ހުރޭ، ހަމަ ރެވެނިއު ޖެނެރޭޓް ކުރުމަށްޓަކައި ބައެއް ކަހަލަ ފެސިލިޓީތައް ގާއިމްކުރެވިގެން އެ ދަނީ."

އެކަމަކު އެ ތަނުން ގުދަން ނޫން އެހެން ތަނެއް ފެންނާކަށް އަދިއެއް ނެތެވެ.

ބައްސާމް ވިދާޅުވި ގޮތުގައި ގުދަންތަކުން ލިބޭ އާމްދަނީ ބޭނުން ކުރަނީ އެފްއޭއެމްގައި އޮތް ދަރަނިތައް ދެއްކުމަށެވެ. މިހާރު ވެސް ދަރަނީގެ ބޮޑު ބަޔަކުން އެފްއޭއެމް ސަލާމަތްވެފައިވާ ކަން ފާހަގަ ކުރައްވައި، ބައްސާމް ދެއްކެވި ހިސާބަކީ، 30 މިލިއަން ރުފިޔާގައި އޮތް ދަރަނި ހަ މިލިއަން ރުފިޔާ އަށް ކުޑަކުރުމެވެ.

ސްޕޯޓްސް އެރީނާ އަޅާ ސަރަހައްދުގައި އޮތް ލޯންޗެއް. އެ ސަރަހައްދުގައި ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަނީ ކުރަމުން--ފޮޓޯ:މިހާރު

ސްޕޯޓްސް އެރީނާ އަޅާ ސަރަހައްދުގައި އޮތް ލޯންޗެއް. އެ ސަރަހައްދުގައި ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަނީ ކުރަމުން--ފޮޓޯ:މިހާރު

ސްޓޭޑިއަމްގައި ދަނޑެއް ވެސް ނޭޅުނު، ކުރަނީ އެހެން ކަމެއް

ސްޕޯޓްސް އެރީނާގެ ކުރިމައްޗަށްވާ ގޮތަށް މެރީ ބްރޯއުން ބިތްދޮށަށް އޮންނަ ބިމަކީ ވެސް ދެ ދަނޑު ތަރައްގީ ކުރުމަށް އެފްއޭއެމް އަށް ދޫކޮށްފައިވާ ބިމެކެވެ. ކުރިން ފީފާ ގޯލް ޕްރޮގްރާމްގެ ދަށުން އެތަނުގައި ޓާފް ދަނޑެއް އަޅަން ހަމަޖެހުނެވެ. އެކަމަކު އެ މަސައްކަތް ހުއްޓުނީ އެވެ. އެފަހުން ސްޕޯޓްސް އެރީނާއާ އެކު ދެ ދަނޑުގެ މަސައްކަތް ކުރުމަށް ޕްލޭންކުރި އެވެ.

އެކަމަކު، އެތައް އަހަރެއް ވެގެންދިޔައިރު ވެސް އެތަން އަދިވެސް އޮތީ ހައިމާކް ވަދެ ހާވާލި ގޮތަށެވެ. މި ދެ ދަނޑާ ގުޅޭ ގޮތުން އެންމެ ފަހުން ކުރެވުނު މުއާމަލާތްތައް އެނގޭ މީހަކު ބުނި ގޮތުގައި ޔޫތު މިނިސްޓްރީން ނިންމާފައި އޮތީ ސަރުކާރުގެ ހަރަދުގައި އެފްއޭއެމް އިން ދަނޑުތަކުގެ މަސައްކަތް ކުރާ ގޮތަށެވެ. އެކަމަށް އެއްބަސްވެ، މަސައްކަތް ކުރެވޭނެ ކަމުގެ އަގަށް 32 މިލިއަން ރުފިޔާގެ ކޯޓޭޝަނެއް އެފްއޭއެމް އިން މިނިސްޓްރީ އަށް ފޮނުވި އެވެ.

ކުރިން ވެސް ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެފްއޭއެމް އިން އެ ދަނޑުތައް އެޅުމުގެ މަސައްކަތް ބޮޑު އަގުގައި ދޭން އުޅުނީ ބައްސާމުގެ ގާތް އެކުވެރިއެއް އަދި ކުރީގެ ގައުމީ ޓީމު ކުޅުންތެރިޔާ އިބްރާހިމް ފަޒީލު (އޮއްޕޮ) ގެ ކުންފުނި ފިއުޗާ ހޯމްސްއަށެވެ. އެ ކުންފުންޏަކީ އެފްއޭއެމްގެ އެހެން މަޝްރޫއުތައް ވެސް ދީފައިވާ ކުންފުންޏެކެވެ.

"އެއީ މާބޮޑު އަގެއް. މިހާރު މިނިސްޓްރީން ރަށްރަށުގައި ހިންގާ ދަނޑުތަކުގެ މަޝްރޫއުތައް ވެސް އެންމެ ގިނަ ވެގެން 10 މިލިއަން ރުފިޔާ ނިންމާލެވޭ. އެހެންވީމަ މާލޭގައި ކައިރިކައިރީގައި އޮތް ދެ ބިމުގައި ދެ ދަނޑު އަޅަން އެންމެ ބޮޑަށް ވެސް ހަރަދު ވާނީ 20 މިލިއަން ރުފިޔާ. އެހެންވެ، މިނިސްޓްރީން އެ ފައިސާ ދޭން ދެކޮޅު ހެދީ،" އޭނާ ބުންޏެވެ.

"އެ ހިސާބުން އެކަން ހުއްޓުނު ގޮތަށް އެ ތަން އެ އޮތީ."

އެކަމަކު، ދަނޑެއް ނެތަސް އެހެން އޮޕަރޭޝަނެއް އިންތިޒާމްވެގެން ހިނގަ އެވެ. އެތަނުގައި އެޅިގާ އަޅާ، ގުދަންކޮށް ބަހައްޓާ ބޮޑު ކޮންސްޓްރަކްޝަން ވިޔަފާރިއެއް ހިނގަމުންދެ އެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތް ކުރަމުންދާ ފަރާތަށް އެ ބިން ދީފައިވަނީ އެއްވެސް އަގެއް ދައްކަން ނުޖެހޭ ގޮތަށެވެ. މިއީ ކޮން ހަމައަކުން ހަމަޖަސައިދީފައިވާ ކަމެއް ނޭނގެ އެވެ. މަޝްހޫރު ބައެއް ކުޅުންތެރިންނާ ގުޅުން އޮތް މި މަސައްކަތް ކުރަމުންދަނީ ސީދާ ކޮން ބައެއްކަން ސާފުވާ ގޮތެއް ނުވެ އެވެ.

އެކަން ހިނގާކަން ފާޅުގައި ފެންނަން ހުރި ނަމަވެސް، އެފްއޭއެމް އިން ބުނަނީ އެއީ އިމާރާތުގެ މަސައްކަތް ކުރާ އެޕޯލޯ އިން ކުރާ މަސައްކަތެއް ކަމަށެވެ. އެކަމަކު، އެޕޯލޯ އިން އެކަން ދޮގުކޮށް ބުނީ ގާ އެޅުމުގެ އެ މަސައްކަތަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގައި ދަނޑު އަޅަން ދޫކޮށްފައި ބިމުގެ އެއް ކައިރީގައި އާ އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނާއި ގާ ސްޓޮކްކޮށްފައި

މާފަންނު ސްޓޭޑިއަމްގައި ދަނޑު އަޅަން ދޫކޮށްފައި ބިމުގެ އެއް ކައިރީގައި އާ އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނާއި ގާ ސްޓޮކްކޮށްފައި

މުވައްޒަފުން ވަންނާނެ އޮފީހެއް ނެތް، އެފްއޭއެމް ހައުސް ގޮނޑުވެފައި

ސްޕޯޓްސް އެރީނާއާ އެކު އިއުލާން ކުރި އެފްއޭއެމްގެ 20 ބުރީގެ އިމާރާތް ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ އެއްކޮށް ހުއްޓާލައިފަ އެވެ. އެފްއޭއެމް ހައުސް ހުރި ބިމުގައި 20 ބުރީގެ އިމާރާތެއް، ފުޓްބޯޅަ އަށް އާމްދަނީ ހޯދޭނެ ގިނަ ވަސީލަތްތަކާ އެކު އެޅުމަށް ހަވާލުކުރީ ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ އެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ހުޅުމާލޭގައި ހަދާފައިވާ ކޭ-ޕާކް ރެސިޑެންސް އިމާރާތުން އެޕާޓްމެންޓް ވިއްކައި ފައިސާ ހޯދުމަށް ފަހު އެޕާޓްމެންޓްތައް ގަތް މީހުންނާ ހަވާލު ނުކުރި މައްސަލައިގެ ތެރޭގައި ތާށިވި ކުންފުނީގެ ވެސް ހިއްސާދާރުންނެވެ. ސްކައި ވިންޑަކީ ކޭ-ޕާކްގެ ސަބް ކުންފުންޏެކެވެ.

އެ މައްސަލަގަނޑާ އެކު ބައްސާމް ނިންމެވީ 20 ބުރީގެ އިމާރާތުގެ ވިސްނުން ދޫކޮށްލެއްވުމަށެވެ. އާ އިމާރާތް ކުރިއަށް ނުގެންދެވުނުއިރު، އާ އިމާރާތް އަޅަން އެފްއޭއެމުގެ އިމާރާތް ހުސްކޮށް ބޭއްވި ތިން އަހަރު ދުވަހުގެ ތެރެއިން ދެ އަހަރު އޮފީސް ހިންގީ ޗާންދަނީ މަގުގައި ހުންނަ އަމިއްލަ އިމާރާތެއްްގައި މަހު ކުލީގެ ގޮތުގައި ގާތްގަނޑަކަށް 300،000 ރުފިޔާ ދައްކަމުންނެވެ. ނަމަވެސް، އެ ކުލި ނުދެއްކިގެން އެންމެ ފަހުން އެތަނުން އެމްއޭއެފް ނުކުމެ، ގަލޮޅު ދަނޑަށް މަސައްކަތްތައް ބަދަލުކުރި އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއް ހިންގަން މިހާތަނަށް ހުރި އެންމެ ބޮޑު އިމާރާތް ވީރާވާން ފެށީ އައު އިމާރާތް އަޅަން ތަން ހުސްކުރިފަހުންނެވެ. އެފްއޭއެމް ހައުސް މިހާރު އޮތީ ކުނޑިގޮޑެއްހެނެވެ. މުވައްޒަފުން މަސައްކަތް ކުރާނެ ގޮތެއް ނެތްއިރު، ތަނަށް ވާރޭ ވެހުމާއި ވަގުން ވަނުމުގެ މައްސަލަތައް ވެސް އެހާ ބޮޑެވެ. ހަގީގަތަކީ އެފްއޭއެމްގެ މުވައްޒަފުން މަސައްކަތް ކުރާނެ ތަނެއް ވެސް ނެތް ކަމެވެ. މިހާރު އޮފީސް ހުރި ގަލޮޅު ދަނޑުގެ ތިރީގައި މުވައްޒަފުން އެ ތިބެނީ ފިތިގެންނެވެ. އެންމެންނަށް ބޭނުންވާ ވަރަށް މޭޒާއި ގޮނޑިއެއް ވެސް ނެތެވެ.

އެތަނުގައި އޮފީސް ހަދައިގެން ތިބުމުން މެޗްތަކުގެ ކަންކަން ހަމަޖައްސަން އުނދަގޫވާތީ ޔޫތު މިނިސްޓްރީން ވަނީ ތަން ހުސްކުރަން ވެސް އަންގާފަ އެވެ. އެތަނުގައި އޮފީސް ހަދައިގެން އެފްއޭއެމް ތިބޭއިރު އެއްވެސް ކުއްޔެއް އެތަނަށް ދައްކަން ނުޖެހެ އެވެ.

އެފްއޭއެމް އަށް ދެން ދީފައި އޮތް ބިމަކީ ވިލިމާލޭން ދޫކޮށްފައި ބިމެވެ. މިއީ އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ފުޓްބޯޅަ ޓްރެއިނިން ސެންޓަރެއް އެޅުމަށް ދޫކުރި ބިމެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރު ފެށިއިރު ޕްލޭން ކޮށްފައި އޮތީ ޓާފް ބޮޑު ދަނޑަކާއި އެކޮމަޑޭޝަން ބިލްޑިންއަކާއި ފެސިލިޓީ ބިލްޑިންއެއް އެޅުމަށެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ހާއްސަކޮށް ހަދާ އެކޮމަޑޭޝަން ބިލްޑިންގައި ދެ ކޮޓަރި ހިމެނޭ އަށް އެޕާޓްމެންޓްތަކެއް ވެސް އަޅަން ނިންމި އެވެ.

މި މަސައްކަތް ހަވާލުކުރީ އޮއްޕޮގެ ފިއުޗާ ހޯމްސްއަށެވެ.

ވިލިމާލޭގެ ޓްރެއިނިން ސެންޓަރުގައި ހެދި ޓާފް ދަނޑު

ވިލިމާލޭގެ ޓްރެއިނިން ސެންޓަރުގައި ހެދި ޓާފް ދަނޑު

އޭރު ނިންމާފައި އޮތް ގޮތުން މި ޕްރޮޖެކްޓާ އެކު ވިލިމާލޭގައި ގާއިމު ކުރާ އޭއެފްސީ ފެންވަރުގެ ދަނޑުގައި ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ މެޗުތައް ކުޅެވޭނެ އެވެ. ނަމަވެސް، މިއަދާ ހަމައަށް އެ މެޗުތަކެއް ކުޅެވޭވަރެއް ނުވެ އެވެ. ދަނޑުގައި ޓާފް އަޅާ ނިންމާފައި އޮތް ނަމަވެސް، އެހެން ފެސިލިޓީތައް ނުނިމެ އެވެ. ހަދާފައި ހުރި ބައެއް ތަންތަން ވެސް ބާވެފައިވާއިރު، ބައެއް ތަންތަން އޮތީ ގޮނޑުވެފަ އެވެ. މި ފެސިލިޓީ ނުނިމިވަނީ ވެސް ފައިސާގެ މައްސަލަޖެހިގެންނެވެ.

އާންމުންނަށް ފެންނަނީ ލިބުނު ހުރިހާ ބިމަކުން އެފްއޭއެމަށް ބަރިބަރި އަށް ފައިސާ ވަންނަމުންދާ ތަނެވެ. އެކަމަކު ކުޅިވަރުގެ ތަރައްގީ އަށް އެއިން އެއްވެސް ބިމެއްގެ ފައިދާ ކުރަމުންނެއް ނުދެ އެވެ.

"ކުޅިވަރު ކުޅެން ދޫކުރާ ބިމެއް، އެސޯސިއޭޝަނަށް މި ދޫކުރަނީ އެ ތަން ތަރައްގީ ކުރަން. އެ ތަރައްގީ ކުރުމުގެ މާނައަކީ ރައްޔިތުންނަށް އެ ތަނުން ހިދުމަތް ލިބުން، ރައްޔިތުންނަށް އެ ހިދުމަތް ނުލިބެންޏާ އެއީ ދައުލަތަށް ލިބޭ ކިހާ ބޮޑު ގެއްލުމެއް؟ އެ ތަނުގެ ހިދުމަތް ރައްޔިތުންނަށް ނުލިބި އެކަމަކު އެ ތަނުގެ ނަފާ އެބަ ލިބޭ އެހެން ބަޔަކަށް،" މި ރިޕޯޓަށް ނަން ނުޖަހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެއިން ބިޒްނަސް ކޮންޕޯނެންޓް ހަމައެކަނި މި ނެގީ. ކޮބާ ދަނޑުތައް؟ ކިތައް މީހުން ނުކުޅެވި އެ ތިބީ؟"