Roadha Mihaaru
ސޫދާންގެ ސިއްހީ މަރުކަޒުތައް ފަޅުވަނީ

ސޫދާންގެ ސިއްހީ މަރުކަޒުތައް ފަޅުވަނީ

05 ޖުލައި 2023

މީގެ ތިން މަހެއްހާ ދުވަސް ކުރިން، އެޕްރީލް 15 ވަނަ ދުވަހު ސޫދާންގައި ފެށުނު ދާޚިލީ ހަނގުރާމައިގައި ވެރިރަށް ޚަރްތޫމުގައި ހުރި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ޚިދުމަތް ނުދެވި، އެ ތަންތަން ފަޅުވާން ފަށައިފި އެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިން، އެޕްރީލް 15 ވަނަ ދުވަހު ސޫދާންގައި ފެށުނު ދާޚިލީ ހަނގުރާމައިގައި ވެރިރަށް ޚަރްތޫމުގައި ހުރި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ޚިދުމަތް ނުދެވި، އެ ތަންތަން ފަޅުވާން ފަށައިފި އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ ކުރަމުން ދަނީ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. މި ހަނގުރާމަ ފެށުނީ އާރްއެސްއެފްގެ ސިފައިން ވެރިރަށް ޚަރްތޫމަށް އަރައި ރިއާސީ ގަނޑުވަރާއި ސިފައިންގެ މައި މަރުކަޒާއި ސަރުކާރުގެ މުހިންމު އިމާރާތްތައް ހިފަން މަސައްކަތް ކުރުމުންނެވެ.

ދެ ފަރާތުގެ މެދުގައި ހަނގުރާމަ ފެށުމާ އެކު ޒަޚަމްވާ މީހުންތައް ހޮސްޕިޓަލުތަކަށް ގެންނަން ފެށި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދެވުނީ ދެތިން ހަފުތާ ވަންދެންނެވެ. އޭގެ ފަހުން ހޮސްޕިޓަލުން ބޭހާއި ފަރުވާ ދިނުމަށް ބޭނުންވާ އެހެނިހެން ސާމާނު ހުސްވެ، ޚިދުމަތް މެދުކަނޑައިލަން ޖެހުނެވެ. އަދި ވަރަށް ނުރައްކާތެރި ހާލަތްތަކުގައި ތިބޭ މީހުންނަށް އެކަނި ޚިދުމަތް ދޭން ނިންމުމުން، އެ ނޫން މީހުން ސަރުކާރުގެ ހޮސްޕިޓަލުތަކާއި ބޭސް ފިހާރަތަކަށް ވަދެ އެ ތަންތަން ލޫޓުވައި، އެމީހަކު ބޭނުންވާ އެއްޗެއް ގެންދަން ފެށުމުން، ގިނަ ހޮސްޕިޓަލުތަކުން މިހާރު ފަރުވާ ދެވޭކަށް ނެތެވެ.

ހަނގުރާމަ ހޫނު ވުމުގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރެވެން ނެތުމުގެ ސަބަބުން، ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ވެސް ގިނަ ބަޔަކު މިހާރު ވަނީ ގައުމު ދޫކޮށް އަވައްޓެރި މިސްރަށާއި އެހެން ބައެއް ގައުމުތަކަށް ހިޖްރަކޮށްފަ އެވެ.

ދާހިލީ ހަނގުރާމައާ ގުޅިގެން ސޫދާން ބަޔަކު ވެރިރަށް ދޫކޮށް މީގެ ދެ ދުވަސް ކުރިން ފުރައިގެން ދަނީ -- ފޮޓޯ: އޭއެފްޕީ

ދާހިލީ ހަނގުރާމައާ ގުޅިގެން ސޫދާން ބަޔަކު ވެރިރަށް ދޫކޮށް މީގެ ދެ ދުވަސް ކުރިން ފުރައިގެން ދަނީ -- ފޮޓޯ: އޭއެފްޕީ

މިސްރަށް ހިޖްރަ ކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ޑޮކްޓަރުން ބުނި ގޮތުގައި ސޫދާން ދޫކޮށް ނުކުންނަން މަޖުބޫރުވީ، ޑޮކްޓަރުންނާއި ނަރުހުން ހައްޔަރުކޮށްގެން އާރްއެސްއެފްގެ ލަޝްކަރުގެ ތެރެއަށް ގެންގޮސް، އެމީހުންނަށް ފަރުވާ ކުރުމަށް މަޖުބޫރު ކުރާތީ އެވެ. އެ މީހުން ބުނި ގޮތުގައި ބައެއް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރި އެމީހުންގެ ރަހުމަތްތެރި ބައެއް ޑޮކްޓަރުންނާއި ނަރުހުން ގަދަކަމުން ހައްޔަރުކޮށްގެން އާރްއެސްއެފްގެ ސިފައިން ގެންދިޔައީ އެމީހުންގެ ކުރިމަތީގަ އެވެ.

ބައިނަލްއަގުވާމީ ރެޑް ކްރޮސް ޖަމާއަތުން ބުނި ގޮތުގައި ސޫދާންގެ ވެރިރަށް ޚަރްތޫމުގައި ހުރި ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން މިހާރު ޚިދުމަތް ދެވެނީ އެންމެ 20 އިންސައްތަ ތަންތަނުންނެވެ. އެހެން ހުރިހާ ތަނެއް ބަންދުކުރަން ޖެހުނީ، ޚިދުމަތް ދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ އިތުރުން، ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ނެތުމުންނެވެ.

ސިއްހީ ޚިދުމަތަށް ބުރޫ އެރުމުގެ އިތުރުން، ވެރިރަށް ޚަރްތޫމްގެ ބޮޑު ސަރަހައްދަކުން ފެނާއި ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައި އޮންނަތާ އެތައް ހަފުތާއެއް ވެއްޖެ އެވެ. އާންމު ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ޚަރްތޫމް ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވެފައިވާ އިރު، ގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖްރަ ކުރި މީހުންގެ ޖުމްލަ އަދަދެއްގެ ސާފެއް ނުވެ އެވެ.