Roadha Mihaaru
ފިރްމީނޯ ވެސް ސައުދީ ލީގަށް ބަދަލުވެއްޖެ

ޔޫރަޕް ދޫކޮށް ފިރްމީނޯ ވެސް ސައުދީ ލީގަށް ބަދަލުވެއްޖެ

05 ޖުލައި 2023

ރިޔާދު (ޖުލައި 5) - މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލި ރޮބާޓޯ ފިރްމީނޯ ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް އަހްލީ އަށް ބަދަލުވެއްޖެ އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ރިޔާދު (ޖުލައި 5) - މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލި ރޮބާޓޯ ފިރްމީނޯ ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް އަހްލީ އަށް ބަދަލުވެއްޖެ އެވެ.

އަހްލީ އަށް ފިރްމީނޯ، 31، ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ފިރްމީނޯގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސައުދީ ލީގަށް ބަދަލުވެފަ އެވެ.

ފިރްމީނޯއާ އެކު އަހްލީ އަށް ބަދަލުވި ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ކުރިން ޗެލްސީގައި ހުރި ސެނެގޯލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ދާދިފަހުން ސައުދީ ލީގަށް ބަދަލުވި ކުޅުންތެރިންގެ ތެރޭގައި މާސެލޯ ބްރޮޒޮވިޗް އާއި ރުބެން ނެވޭސް ހިމެނެ އެވެ.

ސައުދީ ސަރުކާރުން އަންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި އެގައުމުގެ ޕްރޯ ލީގު ހިމެނުމަށް މަސައްކަތް ކުރަމުންނެވެ. ސައުދީ އަރަބިއާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) އިން މިދިޔަ ޖޫން މަހު ވަނީ ސައުދީ ޕްރޯ ލީގުގެ ހަތަރު ކްލަބެއްގެ ހިންގުމާ ހަވާލުވެފަ އެވެ. އެއީ، ސައުދީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އަލް ނަސްރާއި އަލް-އަހްލީ އަދި އަލް ހިލާލް އެވެ.

ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ މެޖޯރިޓީ ހިއްސާއާ އެކު 2021 ވަނަ އަހަރު ވަނީ އިނގިރޭސި ކްލަބް ނިއުކާސަލް ޔުނައިޓެޑް ގަނެފަ އެވެ. އެ ކްލަބް ގަންނަން އެ ފަންޑުން 408 މިލިއަން ޑޮލަރު ހަރަދުކުރި އެވެ. ޕީއައިއެފްގައި ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާ އޮވެ އެވެ.

ބްރެޒިލްގެ ފިރްމީނޯ އަކީ 2015 ވަނަ އަހަރު ލިވަޕޫލަށް ގުޅުމަށް ފަހު އެ ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ލިވަޕޫލަށް ކުޅުނު 362 މެޗުގައި ފިރްމީނޯ 111 ގޯލު ޖެހި އެވެ.

ފިރްމީނޯ އެންމެ ފާހަގަކުރެވުނީ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހްއާ އެކު މޮޅު ކުޅުން ދެއްކި 2019 އަދި 2020 ވަނަ އަހަރު އެވެ. އެ ދެ އަހަރު ލިވަޕޫލުން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، 2019 ވަނަ އަހަރު ލިވަޕޫލުން ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބްރެޒިލްގެ ފްލަމެންގޯ ކޮޅަށް ފިރްމީނޯ ވައްދާލި ގޯލުންނެވެ.