Roadha Mihaaru
އަހަރެންގެ މަސައްކަތް ޔޫރަޕުގައި ފުރިހަމަކޮށްފިން

ޔޫރަޕުގައި އަހަރެންގެ މަސައްކަތް ފުރިހަމަކޮށްފިން: ރޮނާލްޑޯ

04 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 3) - ޔޫރަޕްގައި އޭނާ ހާސިލު ކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލު ވެއްޖެ ކަމަށް ސައުދީ އަރަބިއާގެ އަލް ނަސްރަށް ރޭ ރަސްމީކޮށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 3) - ޔޫރަޕްގައި އޭނާ ހާސިލު ކުރަން ބޭނުންވާ ހުރިހާ ކަމެއް ހާސިލު ވެއްޖެ ކަމަށް ސައުދީ އަރަބިއާގެ އަލް ނަސްރަށް ރޭ ރަސްމީކޮށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ނަސްރު ގެ ދަނޑު މާސޫލް ޕާކުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެޓީމުން ރެކޯޑް އަގަކަށް ރޮނާލްޑޯ، ރަސްމީކޮށް ކުލަބުގެ ސަޕޯޓަރުންނަށް ތައާރަފް ކުރުމަށް ބޭއްވި ހަފުލާ ވެގެން ދިޔައީ ސައުދީގެ ކްލަބް ފުޓްބޯޅައިގައި ވެސް ތާރީ ދުވަހަކަށެވެ.

ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށް އޭޝިއާގެ ފުޓުބޯޅައަށް ބަދަލުވާން ރޮނާލްޑޯ ރުއްސައި، އޭނާގެ ސޮއި ހޯދިކަން މިދިޔަ ހުކުރު ދުވަހު އެ ކުލަބުން ދުނިޔެއަށް ހާމަ ކުރުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ އާއިލާއަށް ވެސް ހައިރާންކަން ގެނުވި ހަބަރަކަށެވެ.

އައް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑީއާގެ ކުރިމަތީގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ޔޫރަޕުގައި އޭނާ ހާސިލް ކުރަން ޖެހޭ ހުރިހާ ކާމިޔާބެއް ފުރިހަމަ ކުރެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށާއި، މިއީ ޔޫރަޕް ދޫކޮށް އެހެން ބައްރެއްގެ ފުޓުބޯޅަ ތަޖުރިބާ ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މިއީ އޭނާގެ ތަޖުރިބާގެ ބޭނުން ހިފައި ސައުދީގެ ފުޓުބޯޅައަށް އެހީވެދޭން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"ޔޫރަޕްގައި އަހަރެންގެ މަސައްކަތް ފުރިހަމަކޮށްފިން. މި އާ ޗެލެންޖާ މެދު އަހަރެން ފަހުރުވެރިވަން،" ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދުމުގައި ހިއްސާވި ރޮނާލްޑޯ ބުންޏެވެ.

އަލް ނަސްރުގެ ކޯޗު ރުޑީ ގާސިއާ ބުނީ ރޮނާލްޑޯ އަށް ކޯޗުކޮށްދޭން އަބަދުވެސް ބޭނުންވާ ކަމަށާއި، އޭނާއަކީ އަބަދުވެސް ކުޅުންތެރިންނަށް މިސާލެއް ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ ރޮނާލްޑޯ އެ ކުލަބުގައި އުފަލުގައި ބެހެއްޓުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އައް ނަސްރު އިން ރޮނާލްޑޯ އަށް އަހަރަކު 200 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު މުސާރައެއް ދޭނެ އެވެ. އެއީ މުސާރައިގެ އިތުރުން، ސްޕޮންސާޝިޕް ޑީލްތަކާއި އެންޑޯޒްމަންޓް ޑީލްތަކުން ހޯދައިދޭނެ އާމްދަނީ ހިމަނައިގެންނެވެ.

ޖުމްލަ 25،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމްގައި ރަސްމީކޮށް މިރޭ ރޮނާލްޑޯ ދައްކާލަން ސަޕޯޓަރުން ވެއްދީ ޓިކެޓް ވިއްކައިގެންނެވެ.ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޗެރިޓީ އަށް ހަދިޔާކުރަން ނިންމާފައި ވާކަމަށް އެ ކުލަބުން ހާމަ ކޮށްފައި ވެއެވެ.