Roadha Mihaaru
އެއް ކެންޑިޑޭޓަކު ނެރެވޭނެ ފޯމިއުލާއެއް ހޯދޭނެ؟

އެއް ކެންޑިޑޭޓަކު ނެރެވޭނެ ފޯމިއުލާއެއް ހޯދޭނެ؟

04 ޖުލައި 2023

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ, ޕީޕީއެމްގެ އެއްވެސް މެމްބަރަކު މާޔޫސްވުމުގެ ޖާގަ އެ ޕާޓީން ނުދޭނެ އެވެ. ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އިންތިހާބުގައި ވާދަކުރަން ހުޅުވާލަން ބާކީ 20 ދުވަހަށް ވެފައި އޮތަސް އެމަނިކުފާނު ނޫން ބޭފުޅަކަށް ޓިކެޓެއް ނުދޭނެ އެވެ. ހައި ކޯޓުން "މިނިވަންވެ ވާދަކުރައްވާނެ" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ, ޕީޕީއެމްގެ އެއްވެސް މެމްބަރަކު މާޔޫސްވުމުގެ ޖާގަ އެ ޕާޓީން ނުދޭނެ އެވެ. ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އިންތިހާބުގައި ވާދަކުރަން ހުޅުވާލަން ބާކީ 20 ދުވަހަށް ވެފައި އޮތަސް އެމަނިކުފާނު ނޫން ބޭފުޅަކަށް ޓިކެޓެއް ނުދޭނެ އެވެ. ހައި ކޯޓުން "މިނިވަންވެ ވާދަކުރައްވާނެ" އެވެ.

ޕީޕީއެމާއި ޕީއެންސީން މި ޔަގީންކަން ދެމުން، ވިސްނުމާއި ފިކުރާއި ސިޔާސަތާއި ފަލްސަފާގައި ވެސް މުޅިން ތަފާތު ޑިމޮކްރެޓްސްއާ އެކު މަޝްވަރާގެ މޭޒުގައި މިކުރަނީ ކޮން ކަމެއް ހެއްޔެވެ؟

އެ ޕާޓީން ވެސް ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަން އޮތީ އިއުލާންކޮށްފަ އެވެ. އެ ކެންޑިޑޭޓަކީ ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ގޮތުން ޔާމީންގެ ވާދަވެރިޔާ, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމަނިކުފާނު ނެރުއްވާ ބޭފުޅަކަށް ވުން ގާތެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމާ އެކު ޑިމޮކްރެޓްސް އިން މަޝްވަރާކުރަނީ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމާ އެކު ޑިމޮކްރެޓްސް އިން މަޝްވަރާކުރަނީ.

ޕީޕީއެމާއި ޑިމޮކްރެޓްސްގެ މަޝްވަރާގެ ވާހަކަ ދައްކަން މީޑިއާތަކަށް ދައުވަތުދީގެން ގެންގޮސް ބާއްވާ ބައްދަލުވުމުގައި ސުވާލެއް ކުރުމުން ހިތްހަމަނުޖެހި ނޫސްވެރިންނަށް ތުހުމަތު އެޅުވިޔަސް އަދިވެސް ކުރަން އޮތީ ދެ ޕާޓީގެ ވެސް ސަޕޯޓަރުން ޖަވާބު ބޭނުންވެފައި ތިބި ސުވާލުތަކެވެ.

ޕީޕީއެމާއި ޑިމޮކްރެޓްސްގެ މަޝްވަރާއިން ސިޔާސީ މަސްރަހަށް އަންނަން އޮތީ ކޮން ބަދަލެއް ހެއްޔެވެ؟ ރާއްޖޭގައި ވާދަވެރި ދެ ފިކުރެއް އެއްވެގެން ގައުމާއި ރައްޔިތުންނަށް ނެރެދޭން މިއުޅޭ ހައްލަކީ ކޮބައި ހެއްޔެވެ؟

މިހާތަނަށް ބޭއްވި ތިން ބައްދަލުވުމަށް ފަހު ވެސް ދެ ޕާޓީން ދައްކާ ވާހަކައިގައި އެއްކޮށް މަސައްކަތް ކުރެވިދާނެ މިސްރާބެއް ނުދައްކަ އެވެ.

"އިންޑިއާ އައުޓް" ގޮވާ ނަމަ ގުޅުން ނިމޭނެ!

ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރާ ނަމަ ހިޔާލު ތަފާތުވާ ކަންކަން ނުކޮށް ދޫދޭން ޖެހެ އެވެ. އެކަމަކު ޕީޕީއެމާއި ޑިމޮކްރެޓްސްއަށް އެއްބަސްނުވެވޭނެ އަދި ދޫނުދެވޭނެ ކަންކަން ގިނަ ކަން މިހާތަނަށް ދައްކާ ވާހަކައިން ސާފެވެ.

އެއްކަމަކަށް އޮތީ އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނެވެ.

ޔާމީންގެ ރިޔާސީ ކެމްޕޭންގެ ފެށުމަކީ އަދި މުޅި އަމާޒަކީ ވެސް "އިންޑިއާ އައުޓެ"ވެ. މި ސަރުކާރުގައި އިންޑިއާގެ ނުފޫޒު ގަދަކުރަން ޖާގަދިނުމާ ދެކޮޅަށް އެމަނިކުފާނު މަސައްކަތް ފެއްޓެވީ ރިޔާސީ ކެމްޕޭނަށް ވުރެ ވެސް އިސްކަންދެއްވައިގެންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު ޖަލުން މިނިވަންވެވަޑައިގެން ރަށްރަށަށް އަމިއްލަފުޅަށް ދަތުރުކުރައްވައި ކުރިއަށް ގެންދެވި އެ ކެމްޕޭނާ ފާޅުގައި އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ މިހާރު ޑިމޮކްރެޓްސްގެ ބޭފުޅުންނެވެ.

އިންޑިއާ ދެކޮޅު ކެމްޕޭނަށް އދ. މަހިބަދުއަށް ވަޑައިގެން ރައީސް ޔާމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ | ޕީޕީއެމް

އިންޑިއާ ދެކޮޅު ކެމްޕޭނަށް އދ. މަހިބަދުއަށް ވަޑައިގެން ރައީސް ޔާމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ | ޕީޕީއެމް

އިންޑިއާއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވާ ގޮތުގައި "އިންޑިއާ އައުޓް" ނުގޮވޭނެ އެވެ. ޕީޕީއެމްގެ އެ ކެމްޕޭން ހުއްޓުވަން މަޖިލީހުގެ 241 ކޮމިޓީއަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

ޑިމޮކްރެޓްސް އަދިވެސް ގަބޫލުކުރާ ސްޓޭންޑަކީ ވަކި ގައުމަކާ ދެކޮޅަށް އެފަދަ ކެމްޕޭނެއް ނުހިންގޭނެ އެވެ.

"ވަރަށް ސާފުކޮށް އެނގެން ޖެހޭ ކަމެއް އެއީ, ޑިމޮކްރެޓްސް އެއްވެސް މިންވަރަކަށް ކޮމްޕްރޮމައިޒްކުރާނެ ކަމެއް ނޫން އެއީކީ. ޒައްރެއްގެ މިންވަރަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން އެއީކީއެއް ދޭދޭ ގައުމުތަކުގައި އޮންނަ ގުޅުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކުރުމަކީ. މިވަގުތު ހިންގަމުންދާ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފެނޭ އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ހިނގަމުންދާ ތަން. ނަމަވެސް އެއީ ޑިމޮކްރެޓްސް އިން އެއްބަސްވާނެ ކަމެއް ނޫން," އެ ޕާޓީގެ މުއައްސިސް, ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

"އަދި ޑިމޮކްރެޓްސްއަށް ދަތިވާނެ އެފަދަ ޕާޓީއަކާ އެކީގައި، މި ދަންނަވާހެން އިންޑިއާ އައުޓް ސްލޯގަން ބޭނުންކޮށްގެން ހަރަކާތް ހިންގާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކާ އެކު މަސައްކަތް ކުރަން. ޑިމޮކްރެޓްސްއަށް އެއީކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. [ދެ ޕާޓީން] މި ދައްކާ ވާހަކައިގެ ތެރެއިން އެކަންކަމަށް ހައްލު ހޯދޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ. އެއީ އަޅުގަނޑުމެން ނުދާނެ އޭރިއާއެއް."

ޔާމީނަކީ ޕީޕީއެމްގެ ލީޑަޝިޕުން ސިފަކޮށްދޭ ގޮތުގައި މި ގައުމުގެ ހަމައެކަނި ވަތަނީ ލީޑަރެވެ. އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެން ކެމްޕޭންގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ވެސް އެންމެ އަޑުހަރުކޮށް ދައްކަވަން އޮތް ވާހަކައަކީ އިންޑިއާގެ އަޅުވެތިކަމުން މި ގައުމަށް މިނިވަންކަން ހޯދައިދިނުމެވެ. އެކަމަކު މި ކެމްޕޭނަށް ޑިމޮކްރެޓްސްގެ ތާއީދެއް ނެތެވެ.

އިންޑިއާ އައުޓް ގޮވާ ނަމަ އެކުގައި މަަސައްކަތްކުރަން ދެކޮޅު ކަމަށް ޑިމޮކްރެޓްސް އިން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ޕީޕީއެމް އިން އިއްޔެ ބުނެފައި ވަނީ ވަކި ބައެއްގެ ގުޅުމަށްޓަކައި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

އިންޑިއާއާ ދެކޮޅަށް ޕީޕީއެމްގެ ލީޑަޝިޕް އިސްވެ ތިބެ ހިނގާލުމެއް ބާއްވަނީ.  ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާއާ ދެކޮޅަށް ޕީޕީއެމްގެ ލީޑަޝިޕް އިސްވެ ތިބެ ހިނގާލުމެއް ބާއްވަނީ. ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެންގެ އެޖެންޑާ ސެޓްކުރާ ބަޔަކީ ޕީޕީއެމް ޕީއެންސީން ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާ އެކީގައި, އެހެންވީމަ އިންޑިއާ އައުޓް ވިޔަސް އެހެން އެއްޗެއް ވިޔަސް އަޅުގަނޑުމެން ހުއްޓާލަންޏާ ހުއްޓާލާނީ އަޅުގަނޑުމެންގެ ރައީސް ދެއްވާ ލަފަޔާ އިރުޝާދާ އެކީގައި," ހަސަން ލަތީފުގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވި އެވެ.

"އެ ބޭފުޅުން ވަކި ގޮތަކަށް ވިދާޅުވުމަކީ އަޅުގަނޑުމެން ހިންގަމުންދާ ހަރަކާތެއް ހުއްޓަލަން ޖެހޭ ސަބަބެއް ނޫން އެއްގޮތަކަށް ވެސް. އަޅުގަނޑު ދަންނަވައިފިން އެ ބޭފުޅުންނާ އެކު މަސައްކަތް މި ކުރަނީ ގައުމީ މައްސަލަތަކުގައޭ. މިސާލަކަށް ކަނޑު ވިއްކާލުމުގައި, ނޫން ނަމަ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ މައްސަލަތަކުގައި."

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ އެއްވެސް ކަމެއް ޑިމޮކްރެޓްސްއާ އެކު އަދި އެހެން ޕާޓީއަކާ އެކު ވެސް ނުހިނގަ އެވެ.

ސިޔާސީ މަސައްކަތުގައި ޕީޕީއެމްގެ މުޅި އަމާޒު ހިފާފައި އޮތީ އިންޑިއާގެ އަޅުވެތިކަމުން ގައުމު ސަލާމަތްކުރުން ކަމަށްވާއިރު މިކަމުގައި ދެ ޕާޓީއަށް އެކައްޗެއް ނުކިޔޭނެ އެވެ.

ޑިމޮކްރެޓްސް އިން ކުރިއަރުވާ އަސާސްތަކާއި އެ ޕާޓީ އުފަންކުރަން ޖެހުނު ސަބަބަށް ބަލާއިރު ވެސް ސިޔާސީ މަސައްކަތް އެކުގައި ކުރަން ވިސްނުން އެއްގޮތް ކުރެވިދާނެ ކަމާ މެދު ޝައްކެވެ. އެމްޑީޕީން މެމްބަރުންތަކެއް ވަކިވެ ޑިމޮކްރެޓްސް އުފަންކުރަން ޖެހުނު އެއް ސަބަބަކީ ޕީޕީއެމްގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތް މި ސަރުކާރުން އެކަށީގެންވާ ގޮތަކަށް ނުބެލުމެވެ. އަދި މި ސަރުކާރުގައި ހިނގި ކަމަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލަތައް ވެސް ނުބަލައި ދޫކޮށްލުމެވެ.

ނަޒާހަތްތެރިކަމާއި އިންސާފާއި ހަމަހަމަކަން ގާއިމް ނުކުރުމެވެ. މިއީ، ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ތިއްބަވައި ޔާމީންގެ ވެރިކަން ވެސް ބަދަލުކުރަން ނުކުންނަން ދެއްކި ސަބަބުތަކެވެ.

ޕީޕީއެމްގެ ވެރިކަމުގައި ހިންގި ހިޔާނާތްތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އަދި ޔާމީން އޮންނަވަން ޖެހޭނީ ޖަލުގައި ކަމަށް އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވީ ޑިމޮކްރެޓްސްގައި މިހާރު ތިއްބެވި އިސް ބޭފުޅުންނަށް ހޯދަން ޖެހިފައި އޮތީ ޔާމީނާއި ޕީޕީއެމަށް ކުރި ތުހުމަތުތަކުން ދިފާއުކޮށްދޭނެ ގޮތެކެވެ.

ޑިމޮކްރެޓްސް އިން ދައްކާ ހައްލަށް ޕީޕީއެމުން އެއްބަސްވާނެ؟

ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ހުރިހާ ހަކަތައެއް ދެ މަސް ދުވަހު ދުއްވާލަން އޮތީ "އިބޫ ނޫން ގޮތެއް" ހޯދަން ކަމަށް ވާ ނަމަ އެ ފޯމިއުލާއެއް އޮންނަން ޖެހެ އެވެ. ސަޕޯޓަރުންނަށް ވާނުވާ ސާފުކޮށްދޭން ޖެހެ އެވެ.

ޑިމޮކްރެޓްސްއަށް ގަބޫލުކުރެވޭ ގޮތުގައި އެ ފޯމިއުލާއަކީ ދެ ޕާޓީއަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑުމެން އިންތިހާބަށް އެހެން ޕާޓީތަކާ އެކު ކުރާ މަސައްކަތުގެ ތެރޭގައި ކޮމަން ކެންޑިޑޭޓެއް, އެއް ކެންޑިޑޭޓަކަށް ކުޑަކޮށްލެވިއްޖިއްޔާ, މަދުކޮށްލެވިއްޖިއްޔާ, އޭގެ މާނައަކީ ޕީޕީއެމް ވެސް ރުހި ގަބޫލުވާ ކެންޑިޑޭޓެއް އަދި އަޅުގަނޑުމެން ވެސް ގަބޫލު ކެންޑިޑޭޓެއް, އަދި އަޅުގަނޑު އުއްމީދުކުރަނީ ޖުމްހޫރީ ޕާޓީ ވެސް އެއަށް އެއްބަސްވެވަޑައިގަންނަވާނެ ކަމަށް. އަދިއެއް ކޮންމެހެން އަޅުގަނޑުމެން އެ ބޭފުޅުންނާ އެކު މި ވާހަކަ ދެއްކީއެއް ނޫން. ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ މީގައި އެ ބޭފުޅުންނަށް ރަނގަޅު ގޮތް, މޮޅު ގޮތް ވިސްނި ވަޑައިގަންނަވާނެ ކަމަށް," ހަސަން ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓަކަށް އެންމެންނަށް އެއްބަސްވެވިއްޖެ ނަމަ ޑިމޮކްރެޓްސް އިން އެ ބޭފުޅެއްގެ ފަހަތަށް އަރަން ތައްޔާރެވެ.

މިޔަގީންކަން ދިނުމަށް ފަހު ވެސް ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނާނެ ކަމަށެވެ.

"އެހެން ނަމަވެސް އެ ކެންޑިޑޭޓަކު ހުއްޓާ ވެސް މެ އެހެން ގޮތެއް ފެނިގެން ސިޔާސީ ޕާޓީތަކާ އެކު ދައްކާ ވާހަކަތަކުގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރެގެން ވާދަކުރަން ޖެހިއްޖިއްޔާ އެކަމަށް ތައްޔާރަށް ތިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ޑިމޮކްރެޓްސްގެ މިހާރު މި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ވާހަކަފުޅުން ވެސް."

ޑިމޮކްރެޓްސްގެ މި ވާހަކައަކަށް ޕީޕީއެމުން ބާރެއް ނުދެ އެވެ. މިއީ ވާން އުޅޭ ނުވަތަ ވެދާނެ ކަމެއްގެ ގޮތުގައި ވެސް ޕީޕީއެމް ޕީއެންސީގެ އެއްވެސް ބޭފުޅަކު ސަޕޯޓަރުންނަށް ވާހަކަތައް ތިލައެއް ނުކޮށްދެ އެވެ.

ޑިމޮކްރެޓްސް އިން އެއް ކެންޑިޓޭޓެއްގެ ވާހަކަ ދެއްކި ފަހުން ޔާމީންގެ ކެމްޕޭންގެ ދޮރުން ދޮރަށް ހަރަކާތް ފައްޓަވައި ދެއްވަމުން އަދުރޭ ވިދާޅުވީ ކޯޓުން މައުސޫމް ބޭފުޅެއްގެ ގޮތުގައި މިނިވަންވެވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ނުކުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެއާއެކު ކެމްޕޭން އިތުރު ގިއަރަކަށް އޮޓޮމެޓިކުންދާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ޕާޓީއަކާ ވާހަކަތަކެއް ނުދެކެވޭ ކަމަށެވެ.

މަޝްވަރާ ހިނގަނީ, އޭނާ ވިދާޅުވި ގޮތުގައި, ޔާމީން ޖަލުގައި އޮންނަވައި ލަފާ ދެއްވާ ގޮތަށް ގައުމީ ބޮޑެތި މައްސަލަތަކާ މެދުގަ އެވެ.

"ސެނެޓުގައި ހުރި ކަންބޮޑުވުންތަކަކީ އަޅުގަނޑުމެން ޑިމޮކްރެޓްސްއާ އެކީގައި ވަކި ވާހަކައެއް ދައްކާތީ ހުރި ކަންބޮޑުވުންތަކެއް ނޫން. އެ ބޭފުޅުންގެ އިހްލާސްތެރިކަން އަޅުގަނޑުމެންނަށް ދޭހަވަނީ, އެ ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގަންނަވަނީ އެ ބޭފުޅުންނާ އެކީގައި އަޅުގަނޑުމެން ދައްކާ ވާހަކައިގެ ތެރެއިން އަނެއްކާ ރައީސް ޔާމީނަށް އަނެއްކާ ކިހިނެއްބާއޭ ވާނީ," އަދުރޭ ވިދާޅުވި އެވެ.

އެކަމުގައި އާއްމު މެމްބަރުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ. ޔާމީންގެ ޓިކެޓުގައި ވާދަކުރައްވާނީ އެމަނިކުފާނެވެ.

"އެކުގައި ތިބެ" ވަކިން ވާދަކޮށްގެން ނަތީޖާއެއް ނެތް

ޕީޕީއެމުން ވަކި ކެންޑިޑޭޓަކާއި ޑިމޮކްރެޓްސް އިން ވަކި ކެންޑިޑޭޓަކު ނެރެގެން ސިޔާސީ މަސްރަހު މިހާރު ބެހިފައި އޮތް ގޮތުން ބަލާއިރު، ނެރެން އުޅޭ ނަތީޖާ ހާސިލެއް ނުކުރެވޭނެ އެވެ.

ދެ ޕާޓީން ގަބޫލުކުރާ ވަރަށް އަސާސީ ކަންކަމުގައި ވެސް އެހާމެ ހިޔާލު ތަފާތުއިރު ބައެއް ކަންކަމުގައި ގޮތް ދޫކުރުމުގެ ރާގެއް ވެސް މިހާތަނަށް ނެތެވެ. އިންޑިއާ އައުޓާ އެއް ބަޔަކު ދެކޮޅުއިރު އަނެއް ބައެއްގެ މުޅި އަމާޒަކީ އެ ހަރަކާތާ އެކު ނުކުމެ ވެރިކަން ހޯދުމެވެ.

ދެ ޕާޓީގެ ގުޅުން ދެމެހެއްޓުމަށްޓަކައި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ "އިންޑިއާ އައުޓް" ހުއްޓާލަން ޔާމީން ނިންމަވާފާނެކަމަށް އެމަނިކުފާނު އިންޑިއާގެ ނުފޫޒާ ގުޅޭ ގޮތުން މިހާތަނަށް ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ބަލާއިރު ނުބެލެވެ އެވެ.

މިހާ ހިސާބުން ވެސް އެކުގައި ސިޔާސީ މަސައްކަތް ކުރުމުގައި ފެންނާން މިއޮތީ ހުރަހެކެވެ.

ޕީޕީއެމްގައި ދެ ވަނަ ބުރެއްގެ ވިސްނުމެއް ނެތެވެ. އަދުރޭ ވިދާޅުވީ ޔާމީނަށް އެއް ބުރުން އިންތިހާބު ކާމިޔާބުވާނެ ކަމަށެވެ. ޑިމޮކްރެޓްސް އާއި ޕީޕީއެމުން ވަކިން ވާދަކޮށްގެން ވެސް މިކަން ވާކަށް ނެތެވެ.

މިއީ ސިޔާސީ މަސްރަހުގައި އަދި އެއްވެސް ލީޑަރަކަށް އޮތް ފުރުސަތެއް ކަމަކަށް ވެސް ވޭތުވެދިޔަ އިންތިހާބުތައް ހެކި ނުދެ އެވެ.

ރައީސް ޔާމީންގެ ކެމްޕޭންގެ ދޮރުން ދޮރަށް ހަރަކާތް ފައްޓަވައި ދެއްވަން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | ޕީޕީއެމް

ރައީސް ޔާމީންގެ ކެމްޕޭންގެ ދޮރުން ދޮރަށް ހަރަކާތް ފައްޓަވައި ދެއްވަން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | ޕީޕީއެމް

އަމިއްލަ ޕާޓީން އެކަނި ވާދަކުރައްވައި މިހާތަނަށް 50 ޕަސެންޓަށް ވުރެން މަތިން ހޯއްދަވައި އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެއްވުނު ލީޑަރަކު ނެތެވެ. ފަހަތަށް ޖެހިވަޑައިގެން ރިޔާސީ އިންތިހާބަށް އިއްތިހާދު ވާން ޖެހެނީ އެހެންވެ އެވެ.

މި ހަގީގަތް މިހެން އޮތުމުން ދެން އޮތް ހަމައެކަނި އޮންނާނެ ގޮތަކީ ޕީޕީއެމާއި ޑިމޮކްރެޓްސްއަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރުމެވެ. މިކަން ކުރަން ނުވަތަ ޔާމީން ނޫން ކެންޑިޑޭޓެއް ދައްކަން ނޫޅޭ ކަމަށް ޕީޕީއެމުން ބުނާއިރު، ޑިމޮކްރެޓްސްއާ އެކު ދައްކާ ވާހަކަތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

މުޅި ޕީޕީއެމް އެކީގައި ނުކުމެ ތިބީ ޖަލުގައި ހުންނެވި ޔާމީނަށް ވާދަކުރެވޭނެ މަގެއް ހޯދުމެވެ. ޑިމޮކްރެޓްސްގެ މަސައްކަތަކީ ވެސް އެ މަގަށް މަސައްކަތް ކުރުން ހެއްޔެވެ؟ ނުވަތަ އެ ޕާޓީގެ އުފެއްދި މަގްސަދަށް ވާސިލްވުން ހެއްޔެވެ؟ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން، ޕީޕީއެމުން އެއްބަސްވާނެ ހެއްޔެވެ؟ އިންތިހާބަށް ޖޭޕީއާ އެކު ދެއްކި ވާހަކަތަކުގައި ވެސް ބަރުލަމާނީ ނިޒާމާ ހިސާބުން ޑިމޮކްރެޓްސްއަށް ކުރިއެރުމެއް ނުލިބުނެވެ.

އެމްޑީޕީއަށް ވޯޓުދޭން ތިބި މީހުންގެ ވޯޓުތައް ވީހާވެސް ބޮޑަކަށް މަދުކޮށް ޑިމޮކްރެޓްސްގެ ތެރެއިން އެމްޑީޕީގެ ކޮންޓްރޯލް ނެގުމަކީ މިހާތަނަށް އެ ޕާޓީން ދައްކާފައި އޮތް ސިޔާސީ އަމާޒެވެ. ޕީޕީއެމް ވެރިކަަމަށް ގެނައުމަށް ފަހު ވެސް ޑިމޮކްރެޓްސް އިން މިކަންކޮށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިއޮންނަން ބޭނުން ނަމަ ޕީޕީއެމަށް މޮޅެއް އެބައޮތް ހެއްޔެވެ؟

ސާފު ޖަވާބު ނުލިބޭ އަދި މަޝްވަރާ އިން ހައްލަކާ ހަމައަށް ނާންނަ މި ސުވާލުތައް އަދިވެސް ދެ ޕާޓީއާ ނޫސްވެރިން ވެސް ކުރާނެ އެވެ. ދެ ޕާޓީގެ ސަޕޯޓަރުން އަދި މާބޮޑަށް މިކަމުގައި ކަންބޮޑުވުން އުފައްދާނެ އެވެ.