Roadha Mihaaru
އެއް ކެންޑިޑޭޓަށް ހަދަންވީ ޔާމީން: އަދުރޭ

އަދުރޭގެ ހުށަހެޅުމަކީ ޕީޕީއެމް/ޑިމޮކްރެޓްސްގެ އެއް ކެންޑިޑޭޓަކީ ޔާމީން ކަމަށް ނިންމުން!

06 ޖުލައި 2023

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން ގުޅިގެން ނެރޭ އެއް ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ނިންމައި އެމަނިކުފާނު މިނިވަން ކުރުމާއި ވެރިކަމަށް ގެންނަން ދަ ޑިމޮކްރެޓްސް އިން މަސައްކަތް ކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން ގުޅިގެން ނެރޭ އެއް ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ނިންމައި އެމަނިކުފާނު މިނިވަން ކުރުމާއި ވެރިކަމަށް ގެންނަން ދަ ޑިމޮކްރެޓްސް އިން މަސައްކަތް ކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެދިވަޑައިގެންފި އެވެ.

ދަ ޑިމޮކްރެޓްސް އުފައްދުމަށް ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ޔާމީން ވެސް ވާދަ ނުކުރައްވައި ރައްޔިތުން އެދޭ ގޮތް ހޯދައި ދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތް އެ ޖަލްސާގައި ނަޝީދު ފާޅުކުރެއްވި ހިޔާލާ ގުޅޭ ގޮތުން "މިހާރު"ން އަދުރޭ އާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ޔާމީނަށް އެންމެ ރަނގަޅު ގޮތް ނަޝީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

"މުހިންމީ ޔާމީނަށް ރަނގަޅު ގޮތެއް ހޯދުމެއް ނޫން، މުހިންމީ ގައުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ. ގައުމަށް އެންމެ ރަނގަޅު ގޮތަކީ ޔާމީން މިނިވަންވެ ވެރިކަމަށް ހަވާލުވުން." އަދުރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނުނެރުއްވާ ޔާމީނަށް ތާއީދު ކުރައްވާ. އޭރުން އެއޮތީ އެއް ކެނޑިޑޭޓެއް ފެނިފަ ނޫންތޯ-- އަދުރޭ

ޕީޕީއެމް/ޕީއެންސީގައި ޔާމީން ނޫން އެހެން ވިސްނުމެއް ނެތް ކަމަށާއި އެއް ކެންޑިޑޭޓެއް ނެރެން ބޭނުން ނަމަ ޔާމީނަށް ތާއީދު ކުރަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެ ބޭފުޅުން [ޑިމޮކްރެޓްސް] އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނުނެރުއްވާ ޔާމީނަށް ތާއީދު ކުރައްވާ. އޭރުން އެއޮތީ އެއް ކެންޑިޑޭޓެއް ފެނިފަ ނޫންތޯ. އެއީ ވަކި މީހަކަށް ވާކަށް ނުޖެހޭ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރު ހުރިހާ ގޮތަކުން ގޯސް ވާހަކަ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ދައްކަވަ އެވެ.

ޔާމީންގެ ފަސް އަހަރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު އަޅައި ކިޔާލަން އުނދަގޫ ނުވާ ކަމަށާއި އެހެންވެ ޔާމީން ވެރިކަމަށް ގެންނަން ތާއީދު ކުރަން ވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ޔާމީން ވާދަ ނުކުރަން ނަޝީދު ވިދާޅުވި މައްސަލާގައި އެ ޖަލްސާގައި ބައިވެރިވި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީން ވާދަ ނުކުރެއްވުމަކީ ނަޝީދުގެ އަމިއްލަ ހިޔާލެވެ. އަދި މި އިންތިހާބުގައި ނަޝީދާއި ޑިމޮކްރެޓްސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އެ ބޭފުޅުން ކެންޑިޑޭޓެއް ނުދައްކަވާ. ޕީޕީއެމްޕީއެންސީ މާ ކުރިން ވަނީ ރައީސް ޔާމީން ކެންޑިޑޭޓުގެ ގޮތުގައި ނިންމައި ކެމްޕެއިން ވެސް ފަށާފައި،" ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ލީޑަރަކީ ޔާމީން ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ނަޝީދު ވެސް އިންތިހާބުގައި ވާދަ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކުރިޔަށް ދާނެ ގޮތަކާ މެދު ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީން ހިޔާލު ތަފާތުވި ނަމަވެސް އެ ޕާޓީތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ.