Roadha Mihaaru
ޓިކެޓުގެ ވާހަކަ ދައްކަން ލީޑަޝިޕަށް ފުރުސަތެއް ނުދިން

ޓިކެޓާ ގުޅޭ ސުވާލަށް ޖަވާބު ދޭން ޕީޕީއެމްގެ ލީޑަޝިޕްގެ އެހެން ބޭފުޅުންނަށް ފުރުސަތެއް ނުދިން!

25 ޑިސެމްބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގެއްލިއްޖެ ނަމަ އިދިކޮޅުން ވާދަ ކުރައްވާނެ އެހެން ކެންޑިޑޭޓަކާ ބެހޭ ގޮތުން ލީޑަޝިޕްގެ އެހެން މެންބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ދެކޮޅު ހަދައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގެއްލިއްޖެ ނަމަ އިދިކޮޅުން ވާދަ ކުރައްވާނެ އެހެން ކެންޑިޑޭޓަކާ ބެހޭ ގޮތުން ލީޑަޝިޕްގެ އެހެން މެންބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ދެކޮޅު ހަދައިފި އެވެ.

ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭގެ ފަހަތުގައި ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގައި ހިމެނިވަޑާއިގަންނަވާ ގިނަ މެންބަރުން ތިއްބެވި އެވެ.

މީޑިއާ ބްރީފިން ފައްޓަވަމުން އަދުރޭ ވިދާޅުވީ، ޔާމީނަށް ހުކުމެއް ކުރި ނަމަވެސް އިދިކޮޅު ކެންޑިޑޭޓާ މެދު ސުވާލު އުފައްދާނެ ފުރުސަތެއް ނެތް ކަމަށާއި އެ މަނިކުފާނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަމާ މެދު އެއްވެސް މެންބަރަކު ދެކޮޅު ނުހަދާ ކަމަށެވެ. އެހެންވެ، އެ ސުވާލު ނުކުރުމަށް ވެސް އަދުރޭ އެދިވަޑައިގަތެވެ.

"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓަކަށް އެއްވެސް ބަދަލެއް ނާދޭ. ނުވެސް އަންނާނެ. އެ ބަދަލު ކުރާކަށް ބަޔަކަށް ކުރެވޭނެ މަސައްކަތެއް ވެސް ނޯންނާނެ. އެ ޔަގީންކަން އަރުވަން، އެ ސުވާލު އަޅުގަނޑުމެންނަށް ރަނގަޅީ ނުކުރިއްޔާ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިޔަސް މިއަދުގެ ބްރީފިންގައި ގިނަ ނޫސްވެރިންގެ ސުވާލަކަށްވީ، ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ ދެން ޕީޕީއެމަށް ވާނެ ގޮތާ މެދު އެވެ. އެ ޕާޓީން ނުކުންނާނެ އެހެން ކެންޑިޑޭޓެއް ނެތީތޯ ނޫސްވެރިން ސުވާލު ކުރި އެވެ.

އެކަމަށް ރައްދު ދެއްވަމުން އަދުރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ ޕީޕީއެމް/ޕީއެންސީން ވިސްނަން ވެސް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އަދުރޭ ޖަވާބެއް ނުދެއްވުމުން ނޫސްވެރިއަކު ވަނީ ރިޔާސީ ޓިކެޓު ހޯއްދަވަން ޝައުގުވެރިކަން ހުރިތޯ ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ ސުވާލު ކޮށްފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަމަކު، ސީދާ މުއިއްޒަށް ނުވަތަ އެހެން ބޭފުޅަކާ ވެސް ސުވާލު ކުރުމުގެ ފުރުސަތެއް އަދުރޭ ނުދެއްވި އެވެ.

އޭނާ ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބު ދެއްވުމުގެ ފުރުސަތު ހަމައެކަނި އޮތީ އޭނާ އަށް ކަމަށާއި އެއީ ލީޑަޝިޕުން ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ ދައްކަނީ މި ލީޑަޝިޕްގެ އެންމެންގެ ފަރާތުން، އަޅުގަނޑަށް އެ އިހުތިޔާރު އޮވެގެން މި ވާހަކަ ދައްކަނީ. މި ތަނުގައި އެއްވެސް ބޭފުޅަކު ނެތް އެއްވެސް ހާލަތެއްގައި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާން 2023 ވަނަ އަހަރު ބޭނުންވާ،" އަދުރޭ ވިދާޅުވި އެވެ.

ނޫސްވެރިޔާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ރިޔާސީ ޓިކެޓާ ބެހޭ ގޮތުން މުއިއްޒު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ކޮންމެ ސުވާލަކަށް ޖަވާބު ދެމުން ގެންދެވީ އަދުރޭ އެވެ.

"މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު އެއްވެސް މެންބަރަކު ވާހަކަ ދައްކަން ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަން،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ އެ ދެ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ޔާމީނަށް ދީފަ އެވެ. ނަމަވެސް އެ ޕާޓީގެ ތެރެއިން އެހެން މެންބަރުން ވެސް އެކަމަށް ޝައުގުވެރިވާ ކަމުގެ އަޑުތައް ދޭތެރެއަކުން ސޯޝަލް މީޑިއާގައި ގަދަވެ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެ ދެ ޕާޓީން އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނުވެ އެވެ.

ޔާމީނަށް މިވަގުތު ކޮށްފައިވާ ދައުވާތައް ސާބިތުވި ނަމަވެސް ސުޕްރީމް ކޯޓާ ހަމައިން ވަކި ގޮތެއް ނުނިންމަނީސް އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ.

ޔާމީނަށް މިއަދު ހުކުމް އިއްވައިފި ނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރާ މީހެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތު ކަމަށް ގާނޫނުއަސާސީގައި ބުނާ ޝަރުތެއް އުނިވާނެ އެވެ.

އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި ވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.