Roadha Mihaaru
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި

ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވައިފި

06 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ޕީޕީއެމާއި ޕީއެންސީން އިންތިހާބު ބޮއިކޮޓް ކުރަން އެމަނިކުފާނު އަންގަވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ޕީޕީއެމާއި ޕީއެންސީން އިންތިހާބު ބޮއިކޮޓް ކުރަން އެމަނިކުފާނު އަންގަވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިންތިހާބުގައި ޕީޕީއެމުން ވާދަނުކުރަން ޔާމީން ވަނީ ޕާޓީގެ ލީޑަޝިޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިޚާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.

ނޯޓެއް މެދުވެރިކޮށް ޔާމީންގެ އެންގެވުން، ޕާޓީގެ ލީޑަޝިޕުން މަޝްވަރާ ކުރަމުންދާ ކަން އެނގިފައި ވެ އެވެ. ލީޑަޝިޕުގެ ގިނަ ބޭފުޅުން އެކަމާ ދެކޮޅު ހައްދަވައި، ބައްދަލުވުން ހޫނުވުމުން، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓު ސެނެޓުގެ ބައްދަލުވުމެއް މިއަދު 1.30 ގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

އިންތިޚާބު ބޮއިކޮޓް ކުރަން ޔާމީން އެދިވަޑައިގެންނެވީ، އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ހާލަތެއްގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން ނިންމާފައިވަނިކޮށެވެ.

އަދި އޭގެފަހުން، ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި ސެނެޓުގެ ބައެއް ބޭފުޅުން ގެންދަވަނީ އެ ނޯޓުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފައްދަވަމުންނެވެ. އެއީ އެމަނިކުފާނަށް ފުރުސަތު ގެއްލިއްޖެނަމަ، ބަދަލުގައި މުއިއްޒު ނެރެން ނިންމުމަށްފަހު، އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވާނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ.