Roadha Mihaaru
ރިޔާސީ އިންތިހާބު ފަސްކުރަން އިދިކޮޅުން ގޮވާލައިފި

ޔާމީންގެ މައްސަލަ ނިމެންދެން އިންތިހާބު ފަސްކުރަން ގޮވާލައިފި

18 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ނިމެންދެން މި އަހަރުގެ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ގޮވާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ނިމެންދެން މި އަހަރުގެ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ގޮވާލައިފި އެވެ.

އެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި،ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ. އެހެންވެ، ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ފަސްކުރަން އަބްދުއްރަހީމް ގޮވާލެއްވި އެވެ.

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް އަބްދުއްރަހީމް ގޮވާލެއްވިއިރު، ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ. ޖިނާއީ ކުށެއް ސާބިތުވެފައި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތެއް ގެއްލޭ ކަމެކެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުގައި ފަށާފައިވީ ނަމަވެސް، މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ. އެހެންވެ، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަމަވުމުގެ ކުރިން އިސްތިއުނާފް ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެއްޖެ ނަމަ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މީގެ ކުރިން ހައި ކޯޓުން ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން އިދިކޮޅަށް އޮތެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ފަސްކުރުމަށް ފުރަތަމަ ފަހަރަށް ޕީޕީއެމުން މި ގޮވާލީ، ހައި ކޯޓަށް ކޮންމެ ދުވަހަކު އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން ވެސް މައްސަލަ އަވަސް ކުރެވޭނެ ކަމުގެ އުއްމީދެއް ނުލިބުމުން ކަމަށް ބެލެވެ އެވެ.

ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމާއި ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަން އޮންނާނެކަން ޔަގީން ކަމަށެވެ. ނަމަވެސް، ކޯޓު ހުކުމް އޮތުމުން ކެންޑިޑޭޓަކު ކަށަވަރު ނުވާތީ ޕާޓީ ތެރޭގައި ނުތަނަވަސްކަން އެބަ އޮތެވެ.

އިދިކޮޅުން އެންމެފަހުން ބޭއްވި ރެލީގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ސަޕޯޓަރުން މާޔޫސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޔާމީން އެ ޕާޓީ މަގުމަތިކޮށްނުލާނެ ކަމަށެވެ. ނަމަވެސް، އިންތިހާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ. ރައީސް މިއަދު ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް މި އިންތިހާބުގައި ޗެލެންޖެއްގެ ގޮތަށް އޮތީ ޕީޕީއެމެވެ. ނަމަވެސް، ކެންޑިޑޭޓެއް ނުދައްކަވާ މައްސަލާގައި ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވަނީ ކެންޑިޑޭޓެއް ނެރެ، ވާދަވެރި ކެމްޕެއިނެއް ކުރެއްވުމަށް އިދިކޮޅަށް ގޮވާލައްވައިފަ އެވެ.

އެކަމަކު، އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ޔާމީން ޖަލުގައި ބަހައްޓަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެންނެވެ.