މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް، އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ނޫން އެހެން ބޭފުޅަކަށް ނުލިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
04 ފެބުރުއަރީ 2023
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް، އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ނޫން އެހެން ބޭފުޅަކަށް ނުލިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
އެ ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ "ދޫންޏަކަށް" އަދި "ބާއްޖަކަށް" ވެސް ޕީޕީއެމްގެ ޓިކެޓް ނުލިބޭނެ ކަމަށެވެ.
"މި ޕާޓީގެ ރައީސަކީ ރައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް، ދޫންޏަކަށް ބާއްޖެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް. ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް،" ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓު ޔާމީން ނޫން އެހެން ބޭފުޅަކަށް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވި ނަމަވެސް، ޔާމީން މި ވަގުތު ގެންދަވަނީ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެހެންވެ، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މި ވަގުތު ވަނީ ގެއްލިފަ އެވެ.
ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަމަވެސް، އިސްތިއުނާފުގެ މަރުހަލާއިން އަންނަ މަހު އެ މަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަން ޔާމީންގެ ވަކީލުން ދެ އެވެ.
ސައީދު ވަނީ އިތުރު އެއްވެސް ބޭފުޅަކަށް މައިކް ނުދެއްވައި، ޔާމީން ޖަލުން ނުކުމެ ވަޑައިގަންނަވަންދެން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިހާރު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ މައިކް ހިއްޕަވައިގެން ހުރުމަށް އެދިވަޑައިގެންފަ އެވެ.
އެ ކޯލިޝަން އޮތީ އަބްދުއްރަހީމްގެ ފަހަތުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޔާމީން ކުރެއްވީ ސާދާ މަސައްކަތެކެވެ. އެ މަނިކުފާނު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 5،000 ޑޮލަރުގައި ކަމަށް ވިޔަސް ފަސް އަހަރުގެ ދައުރު ނިމުނުއިރު އެ އަދަދު 12،000 ޑޮލަރަށް އިތުރުވިކަން ފާހަގަކުރެއްވި އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ބޮޑުކުރީ ވެސް ސަރުކާރު ހިންގަން ނޭނގުމުގެ ބަދަލެއްގެ ގޮތުން ކަމަށާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދީފި ވާނީ، ސައީދު ވިދާޅުވި ގޮތުގައި މުސީބާތަކަށެވެ. އެހެންވެ، އެކަމުން ސަލާމަތްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސއީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ހުއްޓާލާނީ އެ ޕޯޑިއަމް އަދި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ފަހު ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބޮޑު ޖަލްސާއެއް މި ބޭއްވީ "ހޯޕް ކޮންފަރެންސް" ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ތިން ދުވަހުގެ ހަރަކާތާ ގުޅުވައިގެންނެވެ. ހާހެއްހާ މަންދޫބުން ބައިވެރިވި ކޮންފަރެންސްގައި ވަނީ ޕީޕީއެމްގެ ސިޔާސަތުތައް ހާމަކޮށް އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީންކަން ހާމަކޮށްފަ އެވެ. އެ ކޮންފަރެންސާ ދިމާކޮށް، ޔާމީން މިނިވަން ކުރަން ގޮވާލައި އިއްޔެ ހަވީރު މާލޭގައި ވަނީ ބޮޑު މުޒާހަރާއެއް ވެސް ބާއްވައިފަ އެވެ.
"އިންތިހާބަށް ނުކުންނަނީ އަޅުވެތިކަމުން ސަލާމަތްކުރަން"
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވައިފި
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން އިދިކޮޅު ފާސްކޮށްފި
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
މުއިއްޒުގެ އެޖެންޑާގެ ކުރީގައި ޔާމީން މިނިވަންކުރުން!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޕީޕީއެމްގެ ކަންބޮޑުވުންތައް އިނގިރޭސި ސަފީރާ ހިއްސާކޮށްފި