05 ޖުލައި 2023
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ދައުލަތުގެ މުދަލާއި ފައިސާ ހިމެނޭ ޖިނާއީ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ނަގަމުން އައި ކަންކަމެވެ. މީގެ އަހަރުތަކެއް ކުރިން ދައުލަތުގެ އޮފީހަކުން ކުޑަ ސައިބޯނި ކޮޅެއް ގެއަށް ގެންދިޔަ މުވައްޒަފަކަށް ދައުވާކޮށް، އޭނާ ކުށްވެރިވުމަކީ އޭގެ ކުޑަ މިސާލެކެވެ.
މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ދައުލަތުގެ މުދަލާއި ފައިސާ ހިމެނޭ ޖިނާއީ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ނަގަމުން އައި ކަންކަމެވެ. މީގެ އަހަރުތަކެއް ކުރިން ދައުލަތުގެ އޮފީހަކުން ކުޑަ ސައިބޯނި ކޮޅެއް ގެއަށް ގެންދިޔަ މުވައްޒަފަކަށް ދައުވާކޮށް، އޭނާ ކުށްވެރިވުމަކީ އޭގެ ކުޑަ މިސާލެކެވެ.
ނަމަވެސް ފަހަކަށް އައިސް، ދައުލަތުގެ ފައިސާ އާއި މުދާ ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ސީރިއަސް ކަމެއް ނުފެނެ އެވެ. ފައިސާގެ އަދަދު ބޮޑުވާ މިންވަރަކަށް ދައުލަތުން އެ މީހަކަށް ދޭ ލުއިތައް ބޮޑުވާހެން ވެސް ބައެއް ފަހަރު ހީވެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ އެކު ދައުލަތުން ހެދީ ކުށަށް އިއުތިރާފްވުމުން ލުއި ދެވޭ އެއްބަސްވުމެކެވެ.
އެތައް ސަތޭކަ އަހަރުގެ ޖަލު ހުކުމް އިއްވެން އޮއްވާ އަދީބާ އެކު ދައުލަތުން އެއްބަސްވީ 20 އަހަރުގެ ޖަލު ހުކުމަކަށެވެ. އެ ހިޔާނާތުގައި ގެއްލުނު އެއް ބިލިއަން ރުފިޔާ އަނބުރާ ނުލިބި އޮއްވާ ދައުލަތުން އެއްބަސްވީ އެންމެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށެވެ. ޖަލު ހުކުމެއް އިއްވިޔަސް ހުކުމް ތަންފީޒު ކުރަނީ ގޭގަ އެވެ.
ދާދިފަހުން ފެންމަތިވި ރ. ދުވާފަރު ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލާގައި ތުހުމަތު ކުރެވުނު މީހުންނަށް ދައުވާ ނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް ސިފަ ކުރެއްވީ ޖިނާއީ އަދުލުގެ ނިޒާމުގައި "އޯގާތެރިވުމުގެ ގޮތުން" ނިންމި ނިންމުމެއްގެ ގޮތުގަ އެވެ.
"ކުށަށް އިއުތިރާފްވާ ވަރަށް ގިނަ މީހުންނާ އެކު އެއްބަސްވުން އެބަ ހަދަން."
ނަމަވެސް އާންމު ބަހުރުވައިން ނަމަ، ރިހާކުރު ފުޅިއެއް ވަގަށް ނެގުން ފަދަ ކުދި ކުށްތަކުގައި ހިމެނޭ މީހުންނަށް ދައުވާކޮށް، ވަގުތުން ޖަލަށްލަނީ އެވެ. އެހެންވެ، އާންމުންގެ ކަންބޮޑުވުން އޮތީ ކޮރަޕްޝަން ފަދަ ބޮޑެތި މައްސަލަތަކުގައި ގެންގުޅޭ "އޯގާތެރިކަން" މިފަދަ އާދައިގެ ކުށްތައް ކުރާ މީހުންނާ މެދު ނެތުމުންނެވެ.
ގިނަ އަދަދެއްގެ ފައިސާތަކެއް: ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގައި ދައުލަތުން ލުއިތަކެއް ދީފައިވޭ --- ފޮޓޯ/މިހާރު
"ހުއިފިލަނޑާ ވަގަށް ނެގި މީހަކާ މެދު އޯގާތެރިނުވީ އެއީ މިލިއަން ރުފިޔާގެ އަގު ބޮޑު މުދަލަށް ނުވީމަދޯ." ޕީޖީގެ ނިންމުމާ ގުޅިގެން މީހަކު ފާޅުކުރި ހިޔާލެއްގައިވެ އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުމާއި އަދި ކޯޓުގައި ކުށަށް އިއުތިރާފްވުމުން އަދަބު ލުއިކުރެވޭ ގޮތަށް އެއްބަސްވުން ހެދުމުގެ ފުރުސަތު އޮތަސް، މި ލުއި ދިނުމުގައި އަމަލުކުރާ ގޮތާ މެދު ފާޑުކިޔުންތައް އަބަދުވެސް އޮވެ އެވެ. ހާއްސަކޮށް، ކޮރަޕްޝަންގެ މައްސަލަތަކުގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ ކުރުމުގައި ވަކި ހާއްސަ ލުއިތަކެއް ދިނުމުގެ ސިޔާސަތެއް ނޯންނާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ ނުކުރަން ނުވަތަ ލުޔެއް ދޭން އެއްބަސްވުން ހެދީ މަދު މައްސަލައެއްގަ އެވެ.
"ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައި ދިނުމާއި ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމާއި ފައިސާ ބޭނުންކޮށްގެން ތަފާތު އެކި ޖަރީމާ ހިންގާ މީހުންނަށް ލުއި ދިނުމުގެ ވިސްނުމެއް ނެތް. ފައިސާ އަނބުރާ ނުދައްކާނަމަ އެއްވެސް ލުޔެއް ނޯންނާނެ." އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަދީބާއި ޒިޔަތާ އެކު ދައުލަތުން އެއްބަސްވުން ހެދީ ޕީޖީގެ މަގާމަށް ޝަމީމް ވަޑައިގަތުމުގެ ކުރިން ކަމަށްވާތީ އެކަމާ ގުޅޭ ތަފްސީލަކަށް އޭނާ ވަޑައެއް ނުގަންނަވަ އެވެ.
"ހުއިފިލަނޑާ ވަގަށް ނެގި މީހާ ކުށަށް އިއުތިރާފް ނުވޭ. އިއުތިރާފް ނުވަންޏާ ޝަރުތު ހަމައެއް ނުވޭ."
ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދުމާއި އަދި އަދަބު ލުއިކުރަން އެއްބަސްވުން ހެދުމުގެ ބާރު ދައުލަތަށް އޮވެ އެވެ. ނަމަވެސް މި ލުއި ނުލިބިގެން ކުދި ކުށްތަކުގައި ވެސް ޖަލަށްލާ މީހުންގެ އަދަދު ވެސް ނިސްބަތުން މަދެއް ނޫނެވެ.
ނަމަވެސް ޝަމީމް ވިދާޅުވި ގޮތުގައި ކޮރަޕްޝަން ނޫން އެހެން ކުށްތަކުގައި ވެސް އެއްބަސްވުން ހަދައިގެން ދައުވާ ނުކުރަން ނިންމާފައި ހުންނާނެ އެވެ. އެކަމަކު އެ ލުއި ދެވޭނީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވެ، ކުށަށް އިއުތިރާފްވުމާއި ލިބުނު ގެއްލުމުގެ ބަދަލު ދޭން އެއްބަސްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުށަށް އިއުތިރާފްވާ ވަރަށް ގިނަ މީހުންނާ އެކު އެއްބަސްވުން އެބަ ހަދަން. ގެއްލުމުގެ ބަދަލު ދޭ ހޯދޭ ގޮތަށް އެއްބަސްވެގެން ވެސް އެބަ ކުރިއަށް ގެންދޭ." އޭނާ ވިދާޅުވި އެވެ.
ކްރައިމް ސީނެއް ބަންދުކޮށްފައި --- ފޮޓޯ/މިހާރު
ޝަމީމް ވިދާޅުވި ގޮތުގައި އާދައިގެ ކުށްތަކުގައި ހިމެނޭ ބައެއް މީހުންނަށް ލުއި ނުލިބެނީ ކުށަށް އިއުތިރާފް ނުވުން ފަދަ ގާނޫނީ ސަބަބުތަކެއް ކުރިމަތިވާތީ އެވެ. އެފަދަ ހާލަތްތަކުގައި ގާނޫނު އޮތްގޮތުން ދައުވާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުއިފިލަނޑާ ވަގަށް ނެގި މީހާ ކުށަށް އިއުތިރާފް ނުވޭ. އިއުތިރާފް ނުވަންޏާ ޝަރުތު ހަމައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އަދަބު ދިނުން މަދުކޮށް، މީހުން އިސްލާހު ކުރަން ބާރު އެޅުމަކީ ގާނޫނުގެ އެންމެ ބޮޑު މަގްސަދެވެ. އަދި ޖަލަށްލައިގެން ކުށްކުރުން ނުހުއްޓޭނެ ކަން ކުރީގެ ތަޖްރިބާތަކުން ފެންނަން އެބައޮތް ކަމަށާއި އެހެންވެ، ދައުވާ ނުކޮށް އެހެން ނިޒާމުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުން ބޭނުންވަނީ އެންމެން ޖަލަށްލާން. އެކަމަކު ނިޒާމުގައި މަސައްކަތްކުރާ މީހުންނަށް އެނގޭނެ ހަމައެކަނި ޖަލަށް ލައިގެން ކަމެއް ހައްލު ނުވާނެކަން. މީހުން މަރާ މީހުންނާއި ކުޑަކުދިންނާ ބެހޭ މީހުން ޖަލަށްލާންވީ. އެކަމަކު އެހެނިހެން ކަންކަމުގައި ވިސްނާލަން އެބަޖެހޭ ޖަލަށްލުމުގެ ކުރިން." އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ކޮރަޕްޝަން މަދުކުރަން ބާރު އެޅޭނެ ކަމަށް ބެލެވޭ."
އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ވެސް އެ އުސޫލުން އަމަލު ކުރުމުން، ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ މަދުވެ، ހައްލުތަކެއް އަންނާނެ އެވެ. އެއީ އެއްބަސްވުމާ ހިލާފްވެއްޖެނަމަ އަލުން ދައުވާ ކުރުމުގެ ފުރުސަތު އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ކޮރަޕްޝަން މަދުކުރަން ބާރު އެޅޭނެ ކަމަށް ބެލެވޭ. އެއީ ދެން އެފަދަ ކުށެއް ކޮށްފިއްޔާ ޖަލަށް ދާން ޖެހޭނެ." ޝަމީމް ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި އެކި ބާވަތުގެ ލުއިތައް ހޯދުމުގެ ފުރުސަތު ގާނޫނީ ގޮތުން އެންމެންނަށް އެބައޮތެވެ. ނަމަވެސް ދައުލަތުގެ ފައިސާ ހިމެނޭ ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލާގައި ދައުލަތުން އިސްވެ އޮވެ ދިން ލުއިތަކަށްފަހު އެ ނިޒާމާ މެދު އާންމުންގެ އިތުބާރު ކުޑަ އެވެ.
ޖިނާއީ އަދުލަށް އޮތް ގޮންޖެހުމަކީ ކޮރަޕްޝަން: ޕީޖީ
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި
ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ އުވާލުންތަ؟
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
"މަސައްކަތާއި ކަސްރަތުގައި ދެން އުޅޭނީ މާ ގަދަކޮށް"
ކުށްވެރިން މިނިވަންކުރުން: ހަމައެއް އުސޫލެއް ނެތް؟
ހަށިގަނޑެއް ނެތް: މަރާލީ ކަމަށް ނިންމޭނެތަ؟
ގޭންގް ކުށުގެ ގާނޫނު ބޭނުމެއް ނުކުރެވޭ: ޕީޖީ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އަދަބަކަށް ނުވާ އަދަބުތަކުން މުޖުތަމައު ހަލާކުވަނީ!