Roadha Mihaaru
ގޭންގް ކުށުގެ ގާނޫނު ބޭނުމެއް ނުކުރެވޭ: ޕީޖީ

ގޭންގް ކުށްތަކުގެ ގާނޫނު އޮތީ ބޭނުން ކުރެވޭ ގޮތަކަށް ނޫން: ޕީޖީ

26 ފެބުރުއަރީ 2023

ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮތީ ގޭންގްތަކާ ދެކޮޅަށް ނަތީޖާއެއް ނެރެވޭ ގޮތަށް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު އޮތީ ގޭންގްތަކާ ދެކޮޅަށް ނަތީޖާއެއް ނެރެވޭ ގޮތަށް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގޭންގް ހަމަނުޖެހުންތައް ބޮޑުވެ، މީހުންނަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމާއިި މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް މިފަހަކަށް އައިސް މާލެ ތެރޭގައި ވަނީ ގިނަވެފަ އެވެ. އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރު ކުރިޔަސް، އެއް ބަޔަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނު ލިޔެފައި އޮތީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އެ ގާނޫނުގެ ދަށުން ދައުވާ ކުރެވުނީ އެންމެ މައްސަލައެއްގައި ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހިއެއް ނުވާ އަމަލީ ގޮތުން ބޭނުން ކުރާއިރު ގޭންގް ކުށްތައް މަނާކުރުމުގެ ގާނޫނަކީ މިވަގުތު އަޅުގަނޑުމެންނަށް ބޭނުން ކުރެވިދާނެ ގޮތަކަށް އޮތް ގާނޫނެއްހެނެއް. އޭރު ވެސް ބޭނުމެއް ނުކުރެވޭ. މިހާރު ވެސް އެގޮތަށް އެކަން އޮތީ." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ގޭންގް ކުށްތަކާ ހުއްޓުވަން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯހެއްގެ މަސައްކަތް ކުރިއަށް ދެ އެވެ. އަދި އެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށާއި އޭރު ކޮންމެވެސް ވަރެއްގެ ނަތީޖާތަކެއް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އަވަހަށް ޝަރީއަތްތައް ނިމުން ވެސް މުހިންމު ކަމަށެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި މައްސަލަތައް ނުނިމި ލަސްވުމުން މައްސަލަތައް ސާބިތުވާ މިންވަރު މަދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި ކޯޓުތަކަށް ދަތިތަކެއް ހުރިކަން ވެސް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.