Roadha Mihaaru
"ޕާޓީ އުފައްދަން ހުރަސްއަޅަނީ ކެންޑިޑޭޓެއް ނެރޭތީ"

ޑިމޮކްރެޓްސް އުފައްދަން ހުރަސް އަޅަނީ ކެންޑިޑޭޓެއް ނެރެން އުޅޭތީ: ހަސަން ލަތީފް

21 ޖޫން 2023

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުފޫޒު ފޯރުވައިގެން ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެއީ ކެންޑިޑޭޓެއް ނެރެން މަސައްކަތް ކުރާތީ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނުފޫޒު ފޯރުވައިގެން ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެއީ ކެންޑިޑޭޓެއް ނެރެން މަސައްކަތް ކުރާތީ ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް އެ ޕާޓީ އަށް އަވަހަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން އީސީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ޖެހުނު މައްސަލައަކާ ގުޅިގެން މިހާރު އެ ކޮމިޝަންގެ ޖަލްސާތައް ވަނީ ކޯރަމް ހަމަ ނުވެ ހުއްޓުމަކަށް އައިސްފަ އެވެ.

އެ މައްސަލާގައި ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ޕާޓީ އުފެއްދުން އިތުރަށް ލަސް ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ހަނި ކުރުން ކަމަށެވެ. ގާނޫނުގައި ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް އެއްވެސް ސަބަބެއް ނެތި ދިގު ދެންމުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ

ހަސަން ތުހުމަތު ކުރެއްވި ގޮތުގައި އީސީގެ މެންބަރުންތަކެއް ޖަލްސާގައި ބައިވެރި ނުވެ އެކަމަށް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވި ނަމަވެސް އެއީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކަމެކެވެ.

ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓާ ނުކޮށް ހިފެހެއްޓުމަކީ އެ މެންބަރުންގެ އެއްވެސް މަސްލަހަތެއް އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ޕާޓީ ރަޖިސްޓާ ކުރަން ހުއްދަ ދޭން ރައީސް ބޭނުން ވެވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެތަނުގެ ތިން މެންބަރުންގެ މަސްލަހަތެއް އޮތް ކަމަކަށް ދަ ޑިމޮކްރެޓްސް އުފެދުނަ ނުދިނުމަށް މަސައްކަތް ކުރުން. އެއީ ރައީސްގެ މަސްލަހަތު ހިމާޔަތް ކުރުން،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓު ނުކުންނާނެ ކަމަށާއި އެކަން މިހާރު ވެސް ވަރަށް ޔަގީން ކަމާއެކު ދަންނަވާ ކަމަށެވެ. އެ ޕާޓީ ވުޖޫދުވިޔަ ނުދޭން ސަރުކާރުން އުޅެނީ އެހެންވެ ކަމަށާއި ނަމަވެސް ހުރަސްތަކާއި ދަތިތައް ކުރިމަތި ކުރުވިޔަސް އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރެޓްސްގެ ހަރަކާތްތައް ހިންގަމުން ދާނަން. ހަރުގޭގައި ބާއްވާ ޖަލްސާތައް ހުއްޓުވަން ނޭނގޭނެ. ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަކީ ވެސް ހައްގެއް." އޭނާ ވިދާޅުވި އެވެ.