Roadha Mihaaru

ޑިމޮކްރެޓްސްގެ މެމްބަރުން ޕީއެންސީއަށް ވެއްދި މައްސަލަ ވެސް ޕޮލިހަށް

ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް ޕާޓީން ވަކިކޮށް، ވެރިކަންކުރާ ޕީއެންސީއަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެ ޕާޓީން ވެސް ޕޮލިހަށް މައްސަލަ މިއަދު ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސް ވެސް މައްސަލަ ޕޮލިހަށް ހުށަހަޅައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 ޖެނުއަރީ 2025

ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް ޕާޓީން ވަކިކޮށް، ވެރިކަންކުރާ ޕީއެންސީއަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެ ޕާޓީން ވެސް ޕޮލިހަށް މައްސަލަ މިއަދު ހުށަހަޅައިފި އެވެ.

އެ ޕާޓީން ބުނީ ރާއްޖޭގެ ގާނުނުލްއުގޫބާތުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ ބަޔަކު ޖޫރިމަނާކޮށް، ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުންގެ މެމްބަޝިޕް އަލުން އިއާދަކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.

ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އީސީގެ މެންބަރުންނާ މިއަދު ބައްދަލުކުރަނީ ---- ފޮޓޯ: އިލެކްޝަން ކޮމިޝަން

ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އީސީގެ މެންބަރުންނާ މިއަދު ބައްދަލުކުރަނީ ---- ފޮޓޯ: އިލެކްޝަން ކޮމިޝަން

އެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި އޮޅުވާލައިގެން ޑިމޮކްރެޓްސްގެ 700 އެއްހާ މީހުން ވަނީ ޕީއެންސީ އަށް ވައްދައިފަ އެވެ.

މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ އެތައް މެންބަރުންނެއް، އެ މީހުންނަށް ނޭނގި ވަގު ފޯމްތަކެއް ބޭނުންކޮށްގެން ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކުރަން ޕީޖީގެ ފަރާތުން އަމުރުކޮށް ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ. އެ މައްސަލާގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީއަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.

އީސީން ކުރިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ލިބުނެވެ. އެ މައްސަލަތައް މިފަހުން ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލު ކުރުމުންނެވެ. އީސީން ފަހުން ވަނީ އެ ފޯމު ބާތިލްކޮށްފަ އެވެ.