Roadha Mihaaru
ޑިމޮކްރެޓްސް ރަޖިސްޓްރީނުކޮށްގެން އަދިވެސް އީސީގައި

ޕާޓީ ރަޖިސްޓްރީކުރަން ހުރަސްއަޅާ ކަމަށް ބުނެ ޑިމޮކްރެޓްސް އިން އީސީން ނުނިކުތް

18 ޖޫން 2023

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރަކު ހުރަސްއަޅުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހައްލު ނުވަނީސް އީސީން ނުކުންނަން ދެކޮޅުހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެ ޕާޓީ ރަޖިސްޓްރީ ނުކޮށްދީގެން، އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މިހާރު ވެސް ތިއްބެވީ އިލެކްޝަންސް ކޮމިޝަނުގަ އެވެ. މިއަދު ހަވީރުން ފެށިގެން އެތަނުގައި ތިއްބަވައި އެ ބޭފުޅުން ޑިމާންޑް ކުރައްވަމުން އަންނަނީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން އަވަސްކޮށްދެއްވުމަށެވެ. އަދި އީސީގެ މެމްބަރުންނާ އެކު ބައްދަލުވުމެއް ބާއްވައިދޭން އަންނަނީ އެދެމުންނެވެ.

އެ ޕާޓީ އުފައްދަން ހުށަހެޅުއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު އީސީގައި ހުންނަވައި ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދިނުމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ނައިބު ރައީސް އިސްމާއިލް ހަބީބު ހުރަސް ނާޅުއްވާ ކަމަށެވެ. އެކަމަށް ހުރަސް އަޅަނީ އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އެހެން ދެ މެމްބަރަކު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީގެން ކަމަށް ބުނެ، އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އީސީގައި.-- ފޮޓޯ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީގެން ކަމަށް ބުނެ، އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އީސީގައި.-- ފޮޓޯ: ޑިމޮކްރެޓްސް

"މިއީ މިހާރުން މިހާރަށް ވެސް ކުރެވެން އޮތްް ކަމެއް. އެހެން ނަމަވެސް ލަސްކުރަމުންދާ ތަންް އަޅުގަނޑުމެންނަށް މި ފެންނަނީ. އެއްގޮތަކުން ނޫނިއްޔާ އަނެއް ގޮތެއް ހޯދައިގެން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަނުދޭން އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރަކު މަސައްކަތް ކުރާކަން އަޅުގަނޑުމެނަށް ފާހަގަކުރެވިފައި ވަނީ," އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ދެ ބޭފުޅުން ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އީސީގައި ފަސް މެމްބަރުން ތިއްބަވަ އެވެ.

އީސީން ކުރިން ބުނި ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އެކަމަށް 3-4 މަސް ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ހުށަހަޅައިފަ އެވެ.