Roadha Mihaaru
"ރައްޔިތުންގެ އަމިއްލަ ލާރީގައި ވެސް ގާސިމް ހޮވާނެ"

ދަތިކުރިޔަސް ރައްޔިތުންގެ އަމިއްލަ ލާރީގައި ވެސް ގާސިމް ހޮވާނެ: އަލީ އާރިފް

21 ޖޫން 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވިޔަފާރީގެ ގޮތުން ސަރުކާރުން ކިތަންމެ ދަތިކުރިޔަސް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ އަމިއްލަ ލާރީގައި ވެސް ގާސިމް ރައީސް ކަމަށް ހޮވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވިޔަފާރީގެ ގޮތުން ސަރުކާރުން ކިތަންމެ ދަތިކުރިޔަސް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ އަމިއްލަ ލާރީގައި ވެސް ގާސިމް ރައީސް ކަމަށް ހޮވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.

ޖޭޕީން ބޭއްވި ގާސިމްގެ ކެމްޕޭން ހަފްލާއެއްގައި އަލީ އާރިފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަލުން ކޯލިޝަން ނުހަދައި، ވަކިން ވާދަކުރުމަށް އެ ޕާޓީން ނިންމުމާ އެކު ގާސިމްގެ ވިޔަފާރިތަކަށް ގިނަ ދަތިތައް ސަރުކާރުން ކުރިމަތިކުރުވަމުންދާ ކަމަށެވެ.

ރާއްޖޭގެ އެންމެ ގިނަ ވިޔަފާރިތައް ހިންގަވާ ގާސިމަށް ދަތިކުރުމުން ވިލާގެ ކުންފުނިތަކުގައި ތިބި އެތައް ހާސް މުވައްޒަފުންނަކާއި އެ މީހުންގެ އާއިލާތަކަށް ވެސް އޭގެ އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދަތިކޮށްގެން ވާނެ އެއްވެސް މޮޅެއް ނެތޭ. ރައްޔިތުން ތިބީ އަމިއްލަ ލާރީގައި ވެސް ނުކުމެ ގާސިމް މި ފަހަރު ހޮވާ ގޮތަށޭ،" އަލީ އާރިފް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި މައްސަލާގައި ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވާވެއްދިފަޅު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ މުއާމަލާތް ފެށުމާ އެކު، އޭސީސީން ވަނީ އެކަން ހުއްޓުވައިފަ އެވެ. ގާސިމް ވިދާޅުވީ، އޭސީސީން އެކަން ކުރީ އޭނާ އަށް ދަތިކުރަން ކަމަށެވެ.

ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދީ އަޑިގަނޑާ ގުޅިގެން ކުންފުނި ވަރަށް ބޮޑަށް އަޑި އަޅާލައި، މާލީ ގޮތުން ވަރަށް ދަތިކޮށް އުޅުއްވާ ކަމަށް ގާސިމް ދާދި ފަހުން "މިހާރު" އަށް ވަނީ ވިދާޅުވެފަ އެވެ.

އަލީ އާރިފް ރޭ ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ރައްޔިތުންނަށް ގިނަ އެހީތައް ވެ ވަޑައިގެންނެވި، ގާސިމް މިހާރު ދިއްކޮށްލައްވާނެ އެއްޗެއް ނެތީމާ މީހަކަށް ގުޅާލަން ވެސް ކެރިވަޑައިނުގަންނަވައިގެން އެ ވާހަކަ ހިއްސާ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ މީހަކަށް އެއްޗެއް ދޭންޖެހިދާނެތީ ފިލައިގެން. އެކަމަކު ގާސިމް އިބްރާހިމް ލަދުން މި އުޅުއްވަނީ އެއްޗެއް މީހަކަށް ނުދެއްވިގެން. އަޅުގަނޑު ހިތަށް އަރާ ކޮން ކަހަލަ ޑީއެންއޭ އެއް ހުރި ބޭފުޅެއްތޯ އޭ މިއީ،" އޭނާ ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވިގޮތުގައި ގާސިމަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް އެއްވެސް މީހަކު ޝައްކު ނުކުރާނެ ކަމަށެވެ.

އެހެންކަމުން، ރައްޔިތުން ތިބީ މިފަހަރު ދޫދޭ ގޮތަކަށް ނޫން ކަމަށާއި، މި އިންތިހާބު ގާސިމާއެކު ޖޭޕީން ކާމިޔާބުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.