Roadha Mihaaru
މަހްލޫފްގެ ޝަރީއަތްތައް ނުބާއްވާތީ އާއިލާ ކަންބޮޑުވެއްޖެ

މަހްލޫފްގެ އެއް ހުކުމް ތަންފީޒުވެފައި، އިސްތިއުނާފް ޝަރީއަތްތައް ނުބާއްވާތީ އާއިލާ އިން ކަންބޮޑުވެއްޖެ

28 ޖެނުއަރީ 2017

ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް އިއްވި ދެ ހުކުމްގެ އިސްތިއުނާފް ޝަރީއަތްތައް ނުބާއްވާތީ އާއިލާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް އިއްވި ދެ ހުކުމްގެ އިސްތިއުނާފް ޝަރީއަތްތައް ނުބާއްވާތީ އާއިލާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވި ގޮތުގައި މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މި މަހުގެ 17 ތަންފީޒުވެ ނިމުނުކަން ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ނުފެށުމަކީ މަހްލޫފަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި ލިބުނު ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްތިއުނާފް ޝަރީއަތްތައް ކުރިއަށް ނުދާތީ ކަންބޮޑުވޭ، އެއްވެސް ސަބަބެއް ވެސް އަންގާފައެއް ނެތް އެ މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތީ ކީއްވެގެން ކަން،" ނަޒޫ ވިދާޅުވި އެވެ.

މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވިއިރު ފުލުހުންގެ ވެހިކަލަށް އަރުއްވަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ. މަހްލޫފް މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ.

ނަޒޫ ވިދާޅުވި ގޮތުގައި މަހްލޫފް ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހު ކަރެކްޝަނަލް ސާވިސްއިން ވަނީ އޮޅުވާލައިފަ އެވެ. މިއީ މަހްލޫފްގެ ހައްގަށް އަރައިގަތުން ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.

"މަހްލޫފްގެ ހުކުމް ތަންފީޒުކޮށް ނިމޭނެ އަންނަ ޖޫން ތިނެއްގައި. އެކަމަކު ފޯމުގައި އިނީ ޖޫން ހައެއް ކަމަށް، އެމީހުން (ކަރެކްޝަނަލް ސާވިސް) އިން ބަލަނީ ފެބްރުއަރީއަކީ 31 މަހެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނަޒޫ ވިދާޅުވީ ގާނޫނާ ހިލާފަށް ތިން ދުވަސް އިތުރު ކުރި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.

މަހުލޫފްގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށް، ޖަލުގައި ހުރެ އޭނާގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އާއި މަހްލޫފްގެ އާއިލާއިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. މަހްލޫފް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިއާގައި ފަރުވާ ހޯއްދަވައިފި އެވެ.